16 ޖުލައި 2020 - 15:01

ވޮޝިންޓަން (ޖުލައި 16) - އޭނާގެ އަގު ވައްޓާލުމުގެ ގޮތުން ވައިޓް ހައުސް އިން ދާދި ފަހުން ދިން ބަހުގެ ހަމަލާތަކުގައި އެއްވެސް އަގެއް ނެތް ކަމަށް އިންފެކްޝަސް ބަލިތަކާ ބެހޭ އެމެރިކާގެ ތަޖްރިބާކާރު ޑރ. އެންތަނީ ފައުޗީ ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ "ދި އެޓްލާންޓިކް" މަޖައްލާ އަށް ދެއްވި އިންޓަވިއުއެއްގައި ފައުޗީ ވިދާޅުވީ އޭނާ އަށް އަމާޒުކޮށްދޭ ބަހުގެ ހަމަލާތައް އެންމެ ފަހުން ރައްދުވާނީ "އެމީހުންނަށް" ކަމަށެވެ.
ކޮރޯނާވައިރަހާ ގުޅޭ ގޮތުން ފައުޗީ ދެއްކެވި ކަމަށް ބުނާ "އޮޅުންއަރާ" ވާހަކަތަކުގެ ލިސްޓެއް ވައިޓް ހައުސްގެ އޮފިޝަލަކު އާދިއްތަ ދުވަހު ވަނީ ހިއްސާކޮށްފަ އެވެ. ނަމަވެސް ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވެފައި ވަނީ އެމަނިކުފާނާއި ފައުޗީއާ ދެމެދު އޮތީ ވަރަށް ރަނގަޅު ގުޅުމެއް ކަަމަށެވެ.
"އަޅުގަނޑުމެން އެންމެން، ޑރ. ފައުޗީ ވެސް ހިމެނޭ ގޮތަށް މިއީ އެއް ޓީމެއް. ޗައިނާ އިން މި ފޮނުވައިގެން އުޅޭ ބޮޑު އޮޅުންގަނޑުން އެންމެން ވެސް ސަލާމަތްވާން ޖެހޭ. އެހެންވެ އެންމެންވެސް މަސައްކަތް ކުރަނީ އެއްހަމައެއްގައި،" ޓްރަމްޕް ވިދާޅުވި އެވެ.
ފައުޗީގެ އިންޓަވިއުގައި ވިދާޅުވީ އޭނާ އަށް ބަހުގެ ހަމަލާތައް ދިނުން ގޯސް ކަމަށެވެ.
ފައުޗީ އަށް ވަނީ ޓްރަމްޕުގެ ޓްރޭޑް އެޑްވައިޒަރު ޕީޓާ ނަވަރޯ ވެސް ފާޑު ވިދާޅުވެފަ އެވެ. ޔޫއެސްއޭ ޓުޑޭގައި ޕީޓާ ލިޔުއްވާފައިވާ ގޮތުގައި ފައުޗީއާ އޭނާ މަޝްވަރާ ކުރެއްވި ކޮންމެ ކަމެއްގައި ދެ ބޭފުޅުން ޚިޔާލު ތަފާތެވެ.
ފައުޗީ ވިދާޅުވީ ކިތަންމެ ވަރަކަށް ބަހުގެ ހަމަލާތައް ދިން ނަމަވެސް އިސްތިއުފާ ދެއްވަން ނުވިސްނަވާ ކަމަށެވެ.
ރޮއިޓާސް އަށް ދެއްވި އިންޓަވިއުއެގައި ފައުޗީ ވިދާޅުވެފައި ވަނީ އަހަރު ނިމެންވާ އިރަށް ކޮރޯނާވައިރަހަށް އެމެރިކާ އިން ވެކްސިނެއް އުފައްދާނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.
ޑރ. ފައުޗީ ގެންދަވަނީ ނޭޝަނަލް އިންސްޓްޓިއުޓް އޮފް ހެލްތު އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒް ޑިވިޝަނުގެ ޑިރެކްޓަރުގެ މަގާމު 1984 ވަނަ އަހަރުން ފެށިގެން އަދާކުރައްވަމުންނެވެ.