16 ޖުލައި 2020 - 17:04

"ދި އެޑިޝަން" ގެ އެޑިޓަރު ރާއި މުނައްވަރަށް، ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސެކްރެޓަރީ ހަސަން އިސްމާއިލް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު އަވަސްކުރަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ން މިއަދު ގޮވާލައިފި އެވެ.
މި މައްސަލަ އިންސާފުވެރިކޮށް އަދި ދެފުށް ފެންނަ ގޮތަކަށް ބަލައި ތަހުގީގު ކުރަން އެމްއެމްސީން ނެރުނު ބަޔާނެއްގައި ވަނީ ކަމާ ގުުޅޭ ހުރިހާ އިދާރާތަކުގައި އެދިފަ އެވެ. އަދި ކަން ހިނގައި ދިިޔަ ގޮތް ހާމަކޮށް، ރާއި އަށް އިންސާފު ހޯދަައިދޭން ވެސް އެމްއެމްސީން ގޮވައިލި އެވެ.
އެމްއެމްސީން ބުނީ، ރާއި އަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވުނުތާ 18 މަސް ވީ އިރު ވެސް އެކަށީގެންވާ ފިޔަވަޅެއް އަޅާފައި ނުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ރާއްޖޭގައި ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އަންހެނުންގެ އަދަދު މަދު ކަމަށާއި މިފަދަ މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ހޯދައި ނުދޭ ނަމަ މި ދާއިރާ އަށް ނުކުންނަން އަންހެނުން ފަސްޖެހޭނެ ކަމަށް ވެސް އެމްއެމްސީން ބުނެ އެވެ. މިއީ ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އަންހެނުންނަށް ހަމަހަމަ ފުރުސަތު ލިބުމަށް ކުރިމަތިވާ އިތުރު ހުރަހެއް ކަމަށް ވެސް އެމްއެމްސީގެ ބަޔާނުގައި ވެ އެވެ.
މި މައްސަލައިގައި ތުހުމަތު އަމާޒުވާ ހަސަން، ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން އެ އިދާރާއަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހާޒިރުކޮށްފައި ވެ އެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ފުލުހުން ބުނެފައެއް ނުވެ އެވެ.