ޒޫމުން ޓަޗްސްކްރީނެއް، އަގަކީ 599 ޑޮލަރު
ޒޫމުން ޓަޗްސްކްރީނެއް، އަގަކީ 599 ޑޮލަރު

ޒޫމް ވީޑިއޯ ކޮމިއުކޭޝަން (ޒޫމް) އަކީ ހާޑްވެއާ އުފައްދާ ކުންފުންޏެއް ނޫނެވެ. އެކަމަކު ކޮރޯނާވައިރަހުގެ މި ބަލިމަޑުކަމުގެ ތެރޭގައި އެތައް މިލިއަން ބަޔަކު ގޭގައި ބަންދުވުމުން އެއްތަންވާން އެންމެ ގިނައިން ބޭނުންކުރަން ފެށި އެއް ވަސީލަތަކީ ޒޫމެވެ. މިއީ އޮންލައިންކޮށް އެއްތަންވެވޭ ހިދުމަތަކަށްވުމާ އެކު އެތައް ކަމަކަށް ޒޫމްގެ ބޭނުން ބޮޑުވެ، އެ ބޭނުންކުރާ މީހުންގެ އަދަދު ގިނަވެ، މަގުބޫލުކަން ވެސް ވަނީ ވަރަށް ބޮޑުވެގެން ގޮސްފަ އެވެ.

އެކަމުގެ އުފަލާ އެކު ޒޫމުން މިހާރު ކުރަން އުޅޭ ކަމަކީ އެ އެޕް ބޭނުންކުރާ މީހުންނަށް އިތުރު ފަސޭހަ އާއި ލުއިކަން ގެނެސްދޭން 27 އިންޗީގެ ޓަޗްސްކްރީނެއް ނެރުމެވެ.

އަންނަ މަހުގެ ތެރޭގައި ނެރެން ނިންމާފައިވާ މި ޑިވައިސް އަކީ ޒޫމް އެޕް ވެސް އިންސްޓޯލްކޮށްފައި އިންނާނެ އަދި ފޯނާއި ޓެބްލެޓާއި ކޮމްޕިއުޓަރު ފަދަ އެއްޗިއްސަށް ވުރެ ފަސޭހަކޮށް ޒޫމް ބޭނުންކޮށްލެވޭނެ ޑިވައިސްއެއް ކަމަށް ޒޫމުން ބުންޏެވެ.

އަންނަ މަހުގެ ތެރޭގައި ވިއްކަން ފަށާ މި ޑިވައިސް އަށް ދީފައިވާ ނަމަކީ "ޒޫމް ފޯ ހޯމް (ޑީޓެން މީ) އެވެ. އަގަކީ 599 ޑޮލަރު (9,224.60ރ.) އެވެ.

މި ޑިވައިސް ޒޫމުން މި ގެނެސްދެނީ ވީޑިއޯ ކޮންފަރެންސިން އަށް ހާއްސަ އުފެއްދުންތައް ނެރޭ އެމެރިކާގެ ސެން-ޖޯސްގެ ކުންފުނި ޑީޓެންއާ ގުޅިގެންނެވެ.

އެ ކުންފުނިން ބުނިގޮތުގައި "ޑީޓެން މީ" އަކީ ޒޫމްގެ ފީޗާތަކުގެ ތެރޭގައި ހިމެނޭ މީޓިން އާއި ވައިޓްބޯޑާއި ކޮންޓެކްޓްސް ފަދަ ފީޗާތަކަށް ވަރަށް ފަސޭހައިން އެކްސެސްވެވި ބޭނުންކުރަން މާ ބޮޑަށް ވެސް އަވަސްކޮށްދީ ފަސޭހަކޮށްދޭނެ ޑިވައިސްއެކެވެ. އަދި މިއީ ބޭނުން ނަމަ ފޯނާއި ލެޕްޓޮޕް ފަދަ ޑިވައިސްތަކާ ވެސް "އަލްޓްރާސޮނިކް ޕެއަރިން" މެދުވެރިކޮށް ކަނެޓްކޮށްދޭނެ އެއްޗެކެވެ.

"ޒޫމް ފޯ ހޯމް" ނުވަތަ "ޑީޓެން މީ" އަކީ ޒޫމް ހާޑްވެއާ ވިޔަފާރީގެ ތެރެއަށް ނުކުތުމުގެ ފެށުމެވެ. އެ ކުންފުނިން ބުނިގޮތުގައި ކުރިއަށް އޮތް ތަނުގައި ނީޓް ބާ އާއި ޕޮލީ ސްޓޫޑިއޯ އެކްސް ސީރީޒް ފަދަ ތަންތަނާ ގުޅިގެން އިތުރު އުފެއްދުންތަކެއް ނެރޭނެ އެވެ.