އެމެރިކާގެ ކިބައިން ބަދަލުހިފާނެކަމުގެ އިންޒާރު ޗައިނާ އިން ދީފި
އެމެރިކާގެ ކިބައިން ބަދަލުހިފާނެކަމުގެ އިންޒާރު ޗައިނާ އިން ދީފި

ބެއިޖިން (ޖުލައި 16) - ހޮން ކޮންގުގެ ސަލާމަތީ ގާނޫނެއް ޗައިނާ އިން ފާސްކުރުމުން އެކަމުގެ ރައްދެއްގެ ގޮތުން ޗައިނާގެ އޮފިޝަލުންނާ ދެކޮޅަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމާފައިވާތީ، އެމެރިކާގެ ކިބައިން ބަދަލުހިފާނެ ކަމަށް ޗައިނާ އިން އިންޒާރުދީފި އެވެ.

ހޮން ކޮންގެ ސެކިއުރިޓީއާ ގުޅޭ ގާނޫނާ ގުޅުން ހުރި ޗައިނާގެ އޮފިޝަލުންނާ މުއާމަލާތް ކުރާ ޗައިނާގެ ބޭންކްތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އެމެރިކާގެ ކޮންގްރެސް އިން ފާސްކުރި ބިލް ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އަންގާރަ ދުވަހު ތަސްދީގު ކުރައްވައިފަ އެވެ.

"ހޮން ކޮންގެ ރައްޔިތުންގެ މިނިވަންކަމާއި ހައްގުތައް ވަނީ ނިގުޅައިގެންފައި،" ގާނޫނު ތަސްދީގު ކުރެއްވުމަށް ފަހު ޓްރަމްޕް ވިދާޅުވި އެވެ. "މިފަދަ ގާނޫނެއްގެ ބޭނުމަކީ ހޮން ކޮންގުގެ ރައްޔިތުންނާ ދެކޮޅަށް ޗައިނާ އިން ހިންގާ ހަރުކަށިކަން ހުއްޓުވުން."

އެމެރިކާ އިން ފާސްކުރި ގާނޫނަށް ރައްދު ދެމުން ޗައިނާ އިން ބުނެފައި ވަނީ އެ ގައުމުގެ މިނިވަންކަން ހިމާޔަތް ކުރުމަކީ އެންމެ އިސްކަންދޭ ކަންތައް ކަމަށެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ބުނީ އެމެރިކާގެ އަމަލުތައް ވަރަށް ބޮޑަށް ކުށްވެރި ކުރާ ކަމަށެވެ. އަދި ޗައިނާގެ ދާޚިލީ ކަންކަމާ ނުބެހުމަށް ވަނީ އިންޒާރު ދީފަ އެވެ.

"ހޮން ކޮންގުގެ ކަންކަމަކީ ޗައިނާގެ ދާޚިލީ ކަމެއް. ބޭރުގެ އެއްވެސް ގައުމަކަށް އެކަމުގެ ތެރެއަށް ވަނުމުގެ ހައްގެއް ނޯންނާނެ،" ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.