ޝާހިދު ކަޕޫރަށް ވެބް ސީރީޒެއް ހުށަހަޅައިފި
ޝާހިދު ކަޕޫރަށް ވެބް ސީރީޒެއް ހުށަހަޅައިފި

އެކްޓަރު ޝާހިދު ކަޕޫރަށް ވެބް ސީރީޒެއް ހުށަހަޅައިފި އެވެ.

ޝާހިދު ކަޕޫރަށް ވެބް ސީރީޒެއް ހުށަހަޅައިފި
ޝާހިދު ކަޕޫރަށް ވެބް ސީރީޒެއް ހުށަހަޅައިފި

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި މިދިޔަ އަހަރު "ކަބީރް ސިންގް" ކުޅުނު އެކްޓަރަށް ވެބް ސީރީޒެއް ހުށަހެޅީ "ގޯ ގޯއާ ގޯން" އާއި "އަ ޖެންޓްލްމޭން" ފަދަ ފިލްމުތައް ގެނެސްދިން ރާޖް އެންޑް ޑީކޭ އެވެ.

އެ ނޫހުން ބުނި ގޮތުގައި ޝާހިދަށް ވެބް ސީރީޒްގެ ސްޓޯރީލައިން ކިޔައިދިނުމުން އޭނާ ވަނީ އެއަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އެކަމަކު އަދި މީގެ މަސައްކަތް ވަރަށް ކުރީ މަރުހަލާއެއްގައި އޮތުމާ އެކު، ސްކްރިޕްޓް ނިންމުމަށް ފަހު ރާޖް އެންޑް ޑީކޭ ޝާހިދުގެ ސޮއި ހޯދަން މަސައްކަތްކުރާނެ އެވެ.

އެ ދެ މީހުންގެ ފިލްމެއް ވެސް ކުރިން ޝާހިދަށް ހުށަހެޅި އެވެ. އެއީ 2014 ވަނަ އަހަރު ހަދަން އުޅުނު "ފަރްޒީ" އެވެ. އެކަމަކު ފަހުން ޝާހިދު ފިލްމު ދޫކޮށްލުމުން 2017 ގައި އަރުޖުން ކަޕޫރަށް އެ ފިލްމު ހުށަހެޅި އެވެ. ނަމަވެސް "ފަރްޒީ" ގެ އަޑެއްބަޑެއް ފަހަކުން ނީވެ އެވެ. އެ ފިލްމުގެ ބަތަލާގެ ރޯލް ހުށަހެޅީ ކްރިތީ ސެނަންއަށެވެ.

ޝާހިދަށް ވެބް ސީރީޒެއް ހުށަހެޅި އިރު ރާޖް އެންޑް ޑީކޭ ވަނީ އެމެޒޯން ޕްރައިމް ވީޑިއޯ އިން އެ މީހުންގެ ވަރަށް މަގުބޫލު ވެބް ސީރީޒެއް ގެނެސްދީފަ އެވެ. އެއީ ދެ ސީޒަނަކަށް މަނޯޖް ބަޖްޕާއީއާ އެކު ހަދާފައިވާ "ދަ ފެމިލީ މޭން" އެވެ. މީގެ ފުރަތަމަ ސީޒަން މިދިޔަ އަހަރު 10 އެޕިސީޑާ އެކު ގެނެސްދިން އިރު، ދެވަނަ ސީޒަން ސްޓްރީމްކުރާނެ ކަމަށް ބެލެވެނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

ރާޖް އެންޑް ޑީކޭ ދާދި ފަހުން ވަނީ ޝާހްރުކް ޚާނަށް ވެސް ފިލްމެއް ހުށަހަޅައިފަ އެވެ.

ޝާހިދުގެ ކުރިއަށް އޮތް ފިލްމަކީ ތަލެގޫ ފިލްމު "ޖާޒީ" ގެ ރިމެކެވެ. މީޑިއާތަކުން މިދިޔަ މަހު ރިޕޯޓްކޮށްފައިވާ ގޮތުގައި އަދި ރިލީޒްކުރާނެ ތާރީހެއް އިއުލާންކޮށްފައި ނުވާ ތަމަޅަ އެކްޝަން ޑްރާމާ "ސޫރަރާއި ޕޮއްޓުރޫ" ގެ ހިންދީ ރިމެކް ވެސް ޝާހިދަށް ވަނީ ހުށަހަޅައިފަ އެވެ.