އެތުލެޓިކްސް އިންތިހާބު މިމަހު 29 ގައި
އެތުލެޓިކްސް އިންތިހާބު މިމަހު 29 ގައި

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިހާބު މި މަހުގެ 29 ގައި ބާއްވަން ނިންމައިފި އެވެ.

އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީ އަށް އިންތިހާބު ކުރާ މަގާމްތަކަކީ ރައީސް، ނައިބް ރައީސް، ހަޒާންދާރު، އިތުރު ތިން މެމްބަރުން އަދި އަންހެން މެމްބަރެވެ.

އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރު 12 އާ ހަމަޔަށް ވަނީ ހުޅުވާލައިފަ އެވެ. އާއްމު ޖަލްސާއާ އެކު ބާއްވާ މި އިންތިހާބު އޮންނާނެ ތަނެއް ފަހުން އަންގާނެ ކަމަށް އެސޯސިއޭޝަނުން ބުނެ އެވެ. ކޮވިޑް-19 ފެތުރޭތީ ކަމާބެހޭ ފަރާތްތަކުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، މިފަދަ ހަރަކާތެއް މިހާރު ބޭއްވޭނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެންނެވެ.

އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް، އެ އެސޯސިއޭޝަނުގެ ފުރަތަމަ އިންތިހާބީ ރައީސް މައިޒާން އަލިމަނިކު (އަލިބެ) ކުރިމަތިލައްވަފާނެ ކަމަށް ވާހަކަދެކެވެ އެވެ. އަދި ކުރީގެ ދުވުންތެރިޔާ ޔަޒްނީ ނަޝީދާ (ޔަޒޫ) ވެސް ވަނީ ވާދަކުރާނެކަމަށް ބުނެފަ އެވެ.

މިހާރު އެ މަގާމުގައި ހުންނެވި، މުހައްމަދު ތޮލާލް ކުރިމަތިލައްވާނެ ކަމެއް އަދި ހާމައެއް ނުކުރައްވަ އެވެ. އަލިބެ 2008-2012 އަށް ފުރުއްވި މަގާމް، ތޮލާލް ފުރުއްވަމުން އަންނަނީ 2012 އިން ފެށިގެންނެވެ.

ބައިނަލްއަގްވާމީ މައިދާނުގައި ހޯދަމުން އަންނަ ކާމިޔާބީތަކާ އެކު އެތުލެޓިކްސް އަކީ ރާއްޖޭގައި މިހާރު އެންމެ ވިދުންގަދަ އެއް ކުޅިވަރެވެ. އެގޮތުން 2010 ވަނަ އަހަރުން ފެށިގެން މިހާތަނަށް ދެކުނު އޭޝިއާ އާއި އިންޑިއަން އޯޝަން ސަރަހައްދުން މެޑަލް ހޯދައި އަދި އޭޝިއާ ފެންވަރުގެ މުބާރާތްތަކުން ވެސް ވަނީ ކާމިޔާބީ ހޯދައިފަ އެވެ. އަދި ޔޫތު ޑިވެލޮޕްމަންޓް ލެވެލްގައި މި ކުޅިވަރުގެ ތެރެއަށް ވަންނަ ދަރިވަރުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.