17 ޖުލައި 2020 - 08:46

ޒުވާން ބަތަލާ ޖާންވީ ކަޕޫރްގެ ފިލްމު "ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް" އަންނަ މަހުގެ 12 ގައި ނެޓްފްލިކްސް ޕްރިމިއާކުރާ ގޮތަށް ނިންމައިފި އެވެ.
ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނިުން އުފައްދާފައިވާ މި ފިލްމު ސިނަމާތަކުގެ ބަދަލުގައި ޑިޖިޓަލްކޮށް ރިލީޒްކުރަން ނިންމިކަން އިއުލާންކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ. "ގުންޖަން ސަކްސޭނާ" އަކީ ކުރިން އެޕްރީލް 24 ގައި ސިނަމާތަކުގައި އަޅުވަން ނިންމި ފިލްމެކެވެ.
މި ފިލްމަކީ އިންޑިއާގެ ފުރަތަމަ އަންހެން އަސްކަރީ ޕައިލެޓް ގުންޖަންގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެކެވެ. އޭނާ އަކީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1999 ގައި ކުރި ކަރްގިލް ހަނގުރާމައިގެ ތެރޭގައި ހެލިކޮޕްޓަރުގައި އިންޑިއާ ސިފައިން އުފުލި ޕައިލެޓެވެ.
ޖާންވީ ޓައިޓްލް ރޯލް ކުޅެފައިވާ "ގުންޖަން ސަކްސޭނާ" ގެ ޑައިރެކްޓްކޮށްފައި ވަނީ ޝަރަން ޝަރުމާ އެވެ. މީގެ ކާސްޓުންގެ ތެރޭގައި އަންގަދު ބޭދީ އާއި މާނަވް ވިޖާއި ޕަންކަޖް ތުރިޕަތީގެ އިތުރުން ވިނީތު ކުމާރު ސިންގް ހިމެނެ އެވެ.
"ގުންޖަން ސަކްސޭނާ" އާ އެކު ބޮލީވުޑްގެ ގިނަ އުފެއްދުންތަކެއް ނެޓްފްލިކްސް އިން ޕްރިމިއާކުރަން ނިންމިކަން މިހާރު ވަނީ ކަށަވަރުކޮށް ދީފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ އަބީޝެކް ބައްޗަންގެ "ލޫޑާ" އާއި ސަންޖޭ ދަތުގެ "ތޯރްބާޒް" އާއި އަނިލް ކަޕޫރްގެ "އޭކޭ ވާސަސް އޭކޭ" އާއި ކާޖޮލްގެ "ތުރިބާންގާ" އާއި ތައްބޫގެ "އަ ސޫޓަބަލް ބޯއި" އާއި ނަވާޒުއްދީން ސިއްގީގެ "ރާތު އަކޭލީ" އާއި ބޮބީ ޑިއޯލްގެ "ކްލާސް އޮފް 83" އާއި ޔާމީ ގޯތަމްގެ "ގިނީ ވެޑްސް ސެނީ" އާއި ބޫމީ ޕެޑްނޭކަރްގެ "ޑޯލީ ކިޓީ އޯރް ވޯ ޗަމަތުކޭ ސިތާރޭ" އާއި ނަވާޒުއްދީންގެ "ސީރިއަސް މެން" އާއި "ކާލީ ކުހީ" އާއި "ބާގް ބީނީ ބާގް" ގެ އިތުރުން "ބޮމްބޭ ބޭގަމްސް" އަދި "މަސާބާ މަސާބާ" އެވެ.