16 ޖުލައި 2020 - 12:27

ކޮވިޑް-19 ފެތުރޭތީ ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު އިއްޔެ ހުޅުވާލުމާ އެކު މުޅި ދުނިޔެ އަށް ރާއްޖެ އިޝްތިހާރުކުރަން ސީއެންއެން އާ އެކު ހާއްސަ ކެމްޕެއިނެއް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އިން ފަށައިފި އެވެ.
މި ކެމްޕެއިން ތިން މަސް ދުވަހަށް ކުރިއަށްގެންދާނެ އެވެ. ރާއްޖޭގައި ތިބި މަސައްކަތްތެރިންގެ ހުނަރުތައް ދައްކައިލުމާއި އެ މީހުންގެ ތަޖުރިބާތައް ހިއްސާކުރުމާއި "ފައިވް ރީޒަންސް ޓު އިންސްޓަ ލަވް މޯލްޑިވްސް" ގެ ނަމުގައި މި ކެމްޕެއިންގެ ދަށުން އިވެންޓެއް ކުރިއަށްދާނެ އެވެ. އެމްއެމްޕީއާރްސީން ބުނި ގޮތުގައި ސީއެންއެންގެ މޫސުމީ ޚަބަރު އަންނަ ވަގުތުތަކުގައި ވެސް ރާއްޖޭގެ ރީތި ހިތްގައިމު މަންޒަރުތައް ދައްކުވައިދޭނެ އެވެ.
އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ތޮއްޔިބު ވިދާޅުވީ، ދަތުރުކުރުމުގައި އާ މަންޒިލެއް ހޯދައި، ތަފާތު ތަންތަން ރީޑިސްކަވާކުރަން ބޭނުންވާ މީހުންނަށް ރާއްޖެއާ ގުޅޭ މުހިއްމު ގިނަ މައުލޫމާތުތަކެއް މި ކެމްޕެއިނުގައި ލިބޭނެ ކަމަށެވެ.
"މި ކެމްޕެއިނުގެ އަމާޒަކަށް ވާނީ ދިވެހިރާއްޖޭގައި ތިބި ތަޖުރިބާކާރު ދިވެހި މަސައްކަތްތެރިންގެ ހުނަރާއި، ރަށްތަކުގެ ގުދުރަތީ ރީތިކަން ދައްކައިދިނުން. އަދި ރާއްޖެ އަކީ ވަކިވަކި ރަށްތަކެއްގެ ގޮތުގައި އުފެދިފައި
އޮންނަ ޖަޒީރާ ގައުމެއް ކަމާއި، އެކަމުން ދަތުރުވެރިންނަށް ލިބޭ ރައްކާތެރިކަން މި ކެމްޕޭންގެ ތެރެއިން ބުނެދޭނެ،" އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ތިން މަސް ދުވަހަށް ހުއްޓުމަކަށް ދިޔަ ނަމަވެސް އޭރު ވެސް އެމްއެމްޕީއާރްސީން ދިޔައީ ޑިޖިޓަލް މީޑިއާ އާއި އޮންލައިން ޕްލެޓްފޯމުތައް މެދުވެރިކޮށް އެކި މާކެޓްތަކުގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރަމުންނެވެ.
އިއްޔެ ރާއްޖޭގެ ބޯޑަރު ހުޅުވައި، ޓޫރިސްޓުން އަންނަން ވަނީ ފަށައިފަ އެވެ. ޓްރެވެލް އޭޖެންސީތަކުން ބުނާ ގޮތުގައި އުންމީދު ކުރިވަރަށް ބުކިންތައް ލިބެ އެވެ. ސަރުކާރުގެ އަމާޒަކީ ގާތްގަނޑަކަށް ނުވަ ލައްކަ ޓޫރިސްޓުން މިއަހަރު ގެނައުމެވެ.