ބިއްލޫރި ޕެލެޓެއްގެ ދަށުވެ މަޖޫރީއަކަށް އަނިޔާވެއްޖެ
ބިއްލޫރި ޕެލެޓެއްގެ ދަށުވެ މަޖޫރީއަކަށް އަނިޔާވެއްޖެ

މާލޭ ކޮމާޝަލް ހާބަރު ސަރަހައްދުގައި ބިއްލޫރި ޕެލެޓެއްގެ ދަށުވެ މަޖޫރީއަކަށް މިރޭ އަނިޔާވެއްޖެ އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އޮފިޝަލަކު ވިދާޅުވީ ބިއްލޫރި ޕެލެޓް ވެއްޓުނީ ކޮންޓެއިނަރެއްގެ ތެރެއިން ފޯކްލިފްޓަކުން ނެރެން އުޅެނިކޮށް ކަމަށެވެ.

އޮފިޝަލް ވިދާޅުވީ މިރޭ 7:30 ހާއިރު ހިނގި އެ ހާދިސާގައި ޒަހަމްވި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށާފައިވާ ކަމަށެވެ. ނަމަވެސް އެ މީހާއަށް ލިބުނު ޒަހަމްތަކުގެ ތަފުސީލެއް އެ ކުންފުނިން ހާމައެއްނުކުރެ އެވެ.

"އޭރު އެ ކޮންޓެއިނަރުގެ ތެރޭގައި ތިބި ދެ މީހެއްގެ ތެރެއިން އެކެއްގެ ގައިމައްޗަށް ވެއްޓުނު ކަމަށް ވަނީ. އެ މީހާއަށް މާބޮޑު ގެއްލުންތަކެއްް ބޭރު ފުށުން ފެންނަން ނެތް ކަމަށް މައުލޫމާތު ލިބިފައި ވަނީ. ނަމަވެސް އެތެރެ ހައްޓަށް ގެއްލުމެއް ލިބުނުތޯ ބެލުމަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށް އެނގިފައިވޭ،" އޭނާ ވިދާޅުވި އެވެ.

އެ އޮފިޝަލް ވިދާޅުވީ ބިއްލޫރި ޕެލެޓްތައް ނެރޭއިރު އާއްމުކޮށް މަޖޫރީން ކޮންޓެއިނަރުގެ ތެރެއަށް ނުވަންނާނެ ކަމަށެވެ. ނަމަވެސް އެ ހާދިސާ ހިނގިއިރު އޭގެ ތެރޭގައި ތިބި ދެ މީހުންނަކީ މަޖޫރީންގެ ގޮތުގައި އަލަށް މަސައްކަތްކުރާ ދެ މީހުން ކަމަށް އެނގިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.