ޝެޑިއުލް މައްސަލައިގައި ސޯލްޝެއާ ހިތްހަމަނުޖެހިފައި
ޝެޑިއުލް މައްސަލައިގައި ސޯލްޝެއާ ހިތްހަމަނުޖެހިފައި

ލަންޑަން (ޖުލައި 16) - ޗެލްސީއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ އެފްއޭ ކަޕް ސެމީ ފައިނަލަށް ތައްޔާރުވާން ޗެލްސީއާ އެއްވަރަށް މެންޗެސްޓާ ޔުނައިޓެޑަށް ފުރުސަތު ނުލިބޭ ކަމަށް ބުނެ ޝެޑިއުލާ މެދު ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

އެފްއޭ ކަޕް ސެމީ ފައިނަލުގައި ޔުނައިޓެޑުން އާދިއްތަ ދުވަހު ޗެލްސީއާ ދެކޮޅަށް ކުޅުމުގެ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ރަށުންބޭރުގައި ނުކުންނާނީ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށެވެ. ޗެލްސީ ލީގުގައި މި ބުރު ކުޅެން އޮތް މެޗު އަންގާރަ ދުވަހުގެރޭ ވަނީ ނޯވިޗް ސިޓީއާ ދެކޮޅަށް ކުޅެފަ އެވެ. އެފްއޭ ކަޕް ސެމީ އަށް ތައްޔާރުވާން ޔުނައިޓެޑަށް ވުރެން ދެ ދުވަސް އިތުރަށް ޗެލްސީ އަށް ލިބެ އެވެ.

"ކަންބޮޑުވާން ޖެހޭ ސަބަބުތައް އެބަހުރި. އެ މީހުންނަށް (ޗެލްސީ) އަށް އެބަ ލިބޭ އިތުރު 48 ގަޑިއިރު މެޗަށް ތައްޔާރުވާން. އެއީ ރިކަވާވާން ވެސް ވަރަށް ގިނަ ވަގުތު. ޝެޑިއުލް ރަނގަޅެއް ނޫން. މިއީ އިންސާފުވެރި ގޮތެއް ކަމަށް ނުދެކެން،" ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާ ބުންޏެވެ.

"ސީޒަން ފެށުނުއިރު ވެސް އަދި މި މެދުކެނޑުމަށް ފަހު ވެސް އަހަރެމެން އެދުނީ އިންސާފުވެރިކޮށް ޝެޑިއުލެއް އޮންނަން. އެކަމު އެހެނެއް ނުވި."

ކުރިން ކާޑިފް ސިޓީ އަށް ކޯޗުކޮށްދިން ސޯލްޝެއާ ބުނީ ކޯޗިންގައި އޭނާގެ ވިސްނުމަކީ އަބަދުވެސް ކުރިއަށް އޮތް މެޗަށް ތައްޔާރުވުން ކަމަށާއި އެ ގޮތަށް ބަލާއިރު މި ވަގުތަށް މުހިއްމީ އެފްއޭ ކަޕް ސެމީ އަށް ވުރެން ޕެލަސް މެޗު ކަމަށެވެ.

"ފުރަތަމަ ވިސްނަނީ ކުރިއަށް އޮތް މެޗަށް. އެ ނޫން ވިސްނުމެއް ނެތް. ދެން އެ މެޗަށް ފަހު ހުރި ގޮތަކަށް ކުރިއަށް ދިއުން އޮތީ. އެ ނޫން ގޮތެއް ނެތް،" ސޯލްޝެއާ ބުންޏެވެ.

ލީގުގައި އެންމެ ފަހުން އަމިއްލަ ދަނޑުގައި ސައުތެމްޓަނާ އެއްވަރުވި މެޗުގައި ލިބުނު އަނިޔާގެ ސަބަބުން މިރޭގެ މެޗުގައި ޒުވާން ފޯވާޑް މޭސަން ގްރީންވުޑާއި ދެ ޑިފެންޑަރުން ކަމަށްވާ ލޫކް ޝޯ އަދި ބްރެންޑަން ވިލިއަމްސް އަށް ނުކުޅެވޭ އެވެ. ސޯލްޝެއާ ބުނީ އަނިޔާގެ މައްސަލަތަކުގެ ސަބަބުން ކުރިމަތިވެފައިވާ އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާތީ އެއީ ވެސް އޮތް ޗެލެންޖެއް ކަމަށެވެ.

"ކުރިން ހަގީގަތުގައި ކޮންމެ ތިން ދުވަހަކުންނެއް ނޫން މެޗެއް އޮތީ. އެކަމަކު މިހާރު މި އޮތީ ތިން ދުވަހުން މެޗެއް. އަހަރެމެން މި ތިބީ ފިޓްކޮށް އެކަމަކު މި ޗެލެންޖް ނަގަން ޖެހޭނީ ވިސްނުންތެރިކަމާ އެކު،" ސޯލްޝެއާ ބުންޏެވެ.

ލީގުގެ ފަސް ވަނައިގައި މި ވަގުތު ޔުނައިޓެޑް އޮތީ ހަތަރެއްގައި އޮތް ލެސްޓާ ސިޓީއާ އެއްވަރަށް 35 މެޗުން 59 ޕޮއިންޓް ހޯދައިގެންނެވެ. މިރޭ ޔުނައިޓެޑް މެޗުގެ ކުރިން ލެސްޓާ އަމިއްލަ ދަނޑުގައި ޝެފީލްޑް ޔުނައިޓެޑާއި ބައްދަލުކުރާނެ އެވެ. އެހެން ކަމުން މިރޭ ނަތީޖާ ނުކުންނަ ގޮތަކުން ޔުނައިޓެޑަށް ހަތަރު ވަނަ އަށް އެރުމުގެ ފުރުސަތު އެބައޮތެވެ. ޕެލަސްގެ ސެލްހަސްޓް ޕާކުގައި ޔުނައިޓެޑާ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން 00:15 ގަ އެވެ.