16 ޖުލައި 2020 - 10:13

ބަންގްލަދޭޝްގެ ގަދަބާރު ޑާކާ އަބަހާނީން ލިބުނު ފުރުސަތު ދޫކޮށްލައި ކުރިއަށް އޮތް ސީޒަނުގައި ވެސް ރާއްޖޭގެ ޗެމްޕިއަން މާޒިޔާގައި މަޑުކުރަން ސެއިން ވިންސެންޓް ގައުމީ ޓީމުގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ނިންމައިފި އެވެ.
ރާއްޖޭ ލީގުގައި ކުޅޭ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމު ހޯދި ކޯނޭ އަކީ މިދިޔަ ދެ އަހަރު މާޒިޔާގެ އެޓޭކުގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. އަދި މިދިޔަ ސީޒަނުގައި މާޒިޔާ އިން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދިއިރު ކޯނޭ ވަނީ މުހިއްމު ގޯލުތަކެއް ޖަހައިފަ އެވެ.
ކޯނޭ އެންމެ ފުރަތަމަ އައީ 2017 ވަނަ އަހަރު ޓީސީ ސްޕޯޓްސް ކްލަބަށެވެ. އެ ޓީމަށް އެ އަހަރު ބަންގްލަދޭޝްގައި ބޭއްވި ޝެއިހް ކަމާލް ކަޕް ޓީސީ އަށް ކާމިޔާބު ކޮށްދިނުމުގައި ކޯނޭ މޮޅު ކުޅުމެއް ދެއްކި އެވެ. ފަހުން މާޒިޔާ އަށް ބަދަލުވެ މޮޅު ކުޅުން ތަކުރާރުކުރި އެވެ. މިދިޔަ ސީޒަނުގައި އޭނާ ވަނީ 18 ގޯލު ޖަހައިފަ އެވެ. އެއީ ލީގުގައި 15 ގޯލުގެ އިތުރުން އޭއެފްސީ ކަޕްގައި ތިން ގޯލެވެ.
ރާއްޖޭގައި ކޯނޭ ދެއްކި މޮޅު ކުޅުމުގެ ސަބަބުން އޭނާ އަށް ސަރަހައްދުގެ އެހެން ކްލަބްތަކުގެ ހުށަހެޅުން ވެސް ވަނީ ލިބިފަ އެވެ. އެ ގޮތުން މިދިޔަ އަހަރު އިންޑިއާގެ މިނެރްވާ ޕަންޖާބަށް ކުޅެން އެއްބަސްވި ނަމަވެސް އެ ކްލަބަށް މެޗެއް ނުކުޅެ އެވެ. ކޯނޭ އެ ޓީމަކުން ފުރުސަތު ދޫކޮށްލި އަބަހާނީ އަކީ މި ފަހަރުގެ އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި މާޒިޔާ އަތުން ބަލިވި ޓީމެކެވެ.
ކޯނޭ އަކީ އެމެރިކާގެ ދެ ވަނަ އަދި ތިން ވަނަ ޑިވިޝަންގެ ކްލަބްތަކަށް ކުޅެފައިވާ ކުޅުންތެރިޔެކެވެ. އޭގެ ފަހުން އޭނާ ވަނީ ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ އެއް ވަނަ ޑިވިޝަން ކްލަބް މޯވަންޓް ކެލަޑޯނިއާ ޔުނައިޓެޑާއި ފިންލެންޑުގެ ތިން ކްލަބަށް ކުޅެފަ އެވެ. އޭނާ ކުޅުނު ފިންލެންޑް ކްލަބްތަކަކީ އެ ގައުމުގެ ފުރަތަމަ ޑިވިޝަންގެ ވޯސަން ޕޮލުސޭރާ އާއި ޕޮލުސޭރާ ކެމީ ކިންގްސް އަދި ދެ ވަނަ ޑިޝަންގެ ކްލަބް އޮއުލޫން ޕޮލުސޭރާ އެވެ. ކޯނޭ ވަނީ ސެއިން ވިންސެންޓްގެ 20 އަހަރުން ދަށުގެ ގައުމީ ޓީމަށް 14 މެޗުން 13 ލަނޑު ޖަހައިފަ އެވެ. އަދި 2008 ވަނަ އަހަރު ސީނިއާ ގައުމީ ޓީމުން އޭނާ ފުރަތަމަ ފަހަރަށް ފުރުސަތު ހޯދީ ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގައި ކެނެޑާއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އޭގެ ފަހުން އޭނާ ސީނިއާ ޓީމަށް ކުޅުނު 49 މެޗުން ވަނީ 18 ލަނޑު ޖަހައިފަ އެވެ.
ކުރިއަށް އޮތް ސީޒަނަށް މާޒިޔާ އިން ޓީމު ވަރުގަދަ ކުރަން މަސައްކަތް ފަށާފައިވާއިރު ކޯނޭ އަކީ އެ ޓީމުން ކޮންޓްރެކްޓް ހެދި ބިދޭސީ ފުރަތަމަ ކުޅުންތެރިޔާ އެވެ. އޭއެފްސީ ކަޕް ވެސް އޮކްޓޫބަރު މަހު އޮތުމުން މާޒިޔާ އިން ވަރަށް އަވަހަށް ބިދޭސީ އެހެން ކުޅުންތެރިންގެ ކޮންޓްރެކްޓް ހަދާނެ ކަމަށް ބެލެވެ އެވެ.
މިދިޔަ ސީޒަނުގައި މާޒިޔާ އަށް ކޯޗުކޮށްދިން މެސެޑޯނިއާގެ ކޯޗު މަރުޖާން ސެކުލޮސްކީ އަންނަ ސީޒަނުގައި އެ ޓީމުގެ ބެންޗުން ނުފެންނާނެ އެވެ. މާޒިޔާގެ ވިސްނުން ހުރީ ދިވެހި ކޯޗަކާ ޓީމު ހަވާލުކުރާށެވެ. އަދި ވަރަށް އަވަހަށް އާ ކޯޗަކާ ޓީމު ހަވާލުކުރާނެ ކަމަށް އެ ޓީމުން މައުލޫމާތު ދެ އެވެ.
މިހާރު އޮތްގޮތުން ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާނީ އަންނަ ޑިސެމްބަރު މަހުގަ އެވެ. އޭރު ސީޒަން ފަށަން ނިންމި އެއް ސަބަބަކީ އޮކްޓޫބަރާއި ނޮބެމްބަރު މަހު އޭއެފްސީ ކަޕާއި ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން މެޗުތައް އޮތުމުންނެވެ.