16 ޖުލައި 2020 - 09:23

ލަންޑަން (ޖުލައި 16) - އާސެނަލް އަތުން ރޭ 2-1 އިން ބަލިވެ ޗެމްޕިއަން ލިވަޕޫލަށް އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ޕޮއިންޓް ހޯދުމުގެ ރެކޯޑް ގާއިމްކުރަން އޮތް ފުރުސަތު ގެއްލިއްޖެ އެވެ.
އަދި ރޭގެ ނަތީޖާއާ އެކު ލިވަޕޫލުން މި ސީޒަނުގައި 100 ޕޮއިންޓް ހަމަކުރަން އޮތް ފުރުސަތު ވެސް ގެއްލުނީ އެވެ. ދެން އޮތް ދެ މެޗުން މޮޅުވެގެން ވެސް ލިވަޕޫލަށް ހަމަކުރެވޭނީ 99 ޕޮއިންޓެވެ. ޕްރިމިއާ ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ޕޮއިންޓާ އެކު ލީގު ކާމިޔާބު ކުރުމުގެ ރެކޯޑް އޮތީ ސިޓީ އަތުގަ އެވެ. އެ ޓީމުން މީގެ ދެ އަހަރު ކުރިން ޕްރިމިއާ ލީގު ކާމިޔާބުކުރީ 100 ޕޮއިންޓް ހަމަކޮށްގެންނެވެ.
ލިވަޕޫލް ލީގުގެ އެއް ވަނައިގައި އޮތީ 36 މެޗުން 93 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީން ރޭ ވަނީ 2-1 އިން ބޯންމައުތު ބަލިކޮށްފަ އެވެ. ސިޓީ އަށް 36 މެޗުން ލިބިފައިވަނީ 75 ޕޮއިންޓެވެ. ފަސް އަހަރުތެރޭ ލީގުގައި ލިވަޕޫލްގެ މައްޗަށް އާސެނަލުން ހޯދި ފުރަތަމަ މޮޅާ އެކު އެ ޓީމު އޮތީ ނުވަ ވަނައިގަ އެވެ. އެއީ 36 މެޗުން 53 ޕޮއިންޓް ހޯދައިގެންނެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފަށައިގެން ރަނގަޅު ކުޅުމެއް ދައްކަމުން ދިޔަ ލިވަޕޫލަށް މެޗުގެ 20 ވަނަ މިނިޓްގަައި ލީޑުނަގައިދިނީ ސަޑިއޯ މާނޭ އެވެ. އޭގެ 12 މިނިޓް ފަހުން ލިވަޕޫލްގެ ވާޖިލް ވެން ޑައިކް ފަހަތަށް ޖައްސާލި ބޯޅައެއް ހޯދައި އާސެނަލަށް އެއްވަރުކޮށްދިނީ ފްރާންސްގެ ފޯވާޑް އަލެކްސަންޑަ ލަކަޒޭޓް އެވެ. ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި އާސެނަލަށް ލީޑުނަގައިދިނީ ޒުވާން މިޑްފީލްޑަރު ރީސް ނެލްސަން އެވެ.
ދެ ވަނަ ހާފުގައި އާސެނަލް ހާފުގެ ތެރޭގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ލަނޑު ޖަހަން ލިވަޕޫލުން ކުރި އެއްވެސް މަސައްކަތެއް ކާމިޔާބެއް ނުވި އެވެ. އެންމެ ރަނގަޅު ފުރުސަތުތަކެއް ނަގާލީ މުހައްމަދު ސަލާހެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޖަޕާނުގެ ފޯވާޑް ޓަކޫމީ މިނަމީނޯ އަށް ވެސް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުމެއް ނުކުރެވުނެވެ. މެޗުގެ ފަހު ވަގުތު ލިވަޕޫލްގެ އަލެކްސަންޑަ އާނޯލްޑް ޖެހި ބޯޅައެއް އާސެނަލްގެ ގޯލުގައި ހުރި އެމިލިއާނޯ މާޓިނޭޒް ވަނީ މަތަކޮށްފަ އެވެ.
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ލީޑު ލިބުނު ފަހުން ލިވަޕޫލުން މާ ބޮޑަށް ހަމަޖެހިލުމުގެ ނަތީޖާ އަކަށްވީ އަމިއްލަ އަށް ބޮޑެތި ގޯސްތަކެއް ހެދުން ކަމަށެވެ. އަދި މެޗުގެ ނަތީޖާ އިން ފެންނަން އޮތީ ވެސް އެކަން ކަމަށާއި މިއީ ލިބުނު ރަނގަޅު ފިލާވަޅެއް ކަމުގައި ދެކިގެން ކަންކަން ރަނގަޅުކުރާނެ ކަމަށް ބުންޏެވެ.
މިއީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހަށް ފަހު ލީގުގެ އެއް ވަނައިގައި އޮތް ޓީމެއް އަތުން އާސެނަލުން ހޯދި ފުރަތަމަ މޮޅެވެ. އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ މި ނަތީޖާ އިން ނެގޭނެ ގިނަ ޕޮޒިޓިވްތަކެއް އެބަހުރި ކަމަށާއި އޭގެ ފައިދާ ކުޅުންތެރިންނަށް ކުރާނެ ކަމަށެވެ.
ރެލިގޭޝަނުގައި އޮތް ބޯންމައުތު ކޮޅަށް ސިޓީގެ ގޯލުތައް ޖެހީ ޑޭވިޑް ސިލްވާ އާއި ގަބްރިއެލް ޖީސޫސް އެވެ. ބޯންމައުތުގެ ހަމައެކަނި ގޯލު ޖެހީ ވޭލްސްގެ މިޑްފީލްޑަރު ޑޭވިޑް ބްރޫކްސް އެވެ. ޓޮޓެންހަމުން ރަށުންބޭރުގައި 3-1 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކުރިއިރު، ޓޮޓެންހަމްގެ ގޯލުތައް ޖެހީ ހެރީ ކޭން ދެ ގޯލާއި ސޮން ހެއުން މިން އެވެ. ނިއުކާސަލްގެ ހަމައެކަނި ގޯލު ޖެހީ މެޓް ރިޗީ އެވެ. ބާންލީ ރޭ ކުޅުނު މެޗުން ވަނީ ފަހު މިނިޓްގައި ވުލްވްސްއާ 1-1 އިން އެއްވަރުކޮށްފަ އެވެ.