16 ޖުލައި 2020 - 09:58

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ހުރިހާ އޮފީސްތަކަކާއި ކުންފުނިތަކުގެ މަސައްކަތުގެ މާހައުލަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. މުވައްޒަފުންނާއި ކަސްޓަމަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ފިޔަވަޅުތައް ވަރުގަދަކުރި އެވެ. އޮފީސް ތެރޭގެ މާހައުލަކީ ކޮވިޑް-19 އިން ރައްކާތެރި ތަނަކަށް ހެދުމަށް ގިނަ ކުންފުނިތަކުން މަސައްކަތްކުރި އެވެ. އޭގެ ތެރެއިން އުރީދޫ އަކީ ނަމޫނާއެކެވެ.

މި ބޮޑު ލޮކްޑައުންގައި އެކަކު އަނެކަކާ ގުޅުވައިދިނީ، މުވާސަލާތީ ހިދުމަތްތަކުންނެވެ. މީހުންގެ ފޫހިކަން ފިލުވައިދިނީ އިންޓަނެޓްގެ އެހީގައި ލިބެން ހުރި ހިދުމަތްތަކުންނެވެ. މުވާސަލާތީ ހިދުމަތަށް ބުރުލެއް އަޔަނުދޭން އުރީދޫގެ މުވައްޒަފުން ލޮކްޑައުންގެ ތެރޭގައި ބުރަކޮށް އުޅުނެވެ. އެ ކުންފުނީގެ އުއްމީދަކަށް ވީ ދުނިޔެއަށް ދިމާވެފައިވާ މި ބަލިމަޑުކަމުގެ ތެރޭގައި ރައްޔިތުން ހިތްހަމަޖެހޭ ފެންވަރެއްގައި ހިދުމަތްތައް ދެމެހެއްޓުމެވެ.

މާލޭގައި ލޮކްޑައުން އިއުލާން ކުރުމުގެ މާ ކުރިން ވެސް އުރީދޫ އޮތީ އެފަދަ ހާލަތަކަށް ތައްޔާރުވެގެންނެވެ. އެގޮތުން، އެ ކުންފުނީގެ 95 ޕަސެންޓު މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތްތައް ކުރެވޭނެ އިންތިޒާމް ހަމަޖައްސައި މުވައްޒަފުން ކޯޑިނޭޓު ކުރުމަށް ޓީމެއް އެކުލަވާލި އެވެ. މި ޓީމުގެ މަސައްކަތަކީ މުވައްޒަފުންގެ ރައްކާތެރިކަމަށް ފިޔަވަޅުތައް އެޅުމެވެ. އޭގެ ތެރޭގައި ލޮކްޑައުންގެ ހާލަތުގައި މުވައްޒަފުންނަށް ދިމާވެދާނެ ނަފްސާނީ މައްސަލަތައް ވެސް ހިމެނެ އެވެ. މުވައްޒަފުންނަށް ދިމާވާ ދަތިތަކާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް އީމެއިލަކާއި ފޯން ނަންބަރެއް، ހާއްސަކުރި އެވެ.

ލޮކްޑައުންގައި މަސައްކަތްކުރާ އިރު ބައެއް މީހުންގެ ސްޓްރެސް ބޮޑުވާ ހާލަތަށް ވެސް ދެ އެވެ. އެހެންކަމުން ގޭގައި ތިބެގެން މަސައްކަތް ކުރާ ވަގުތުތަކުގައި އެ ކުންފުނިން ވަނީ މުވައްޒަފުންގެ ހިތްހަމަޖެހޭ އަދި ހިތްވަރު ލިބޭ ފަދަ ވީޑިއޯ އަދި އިންފޯގްރެފިކްތައް ޝެއާކޮށްފަ އެވެ.

"އަޅުގަނޑުމެން އެންމެ ބޮޑަށް ބެލީ ގެއިން މަސައްކަތްކުރާއިރު މުވައްޒަފުންގެ މެންޓަލް ހެލްތަށް. އެހެންވެ، ވައިރަސް އިން ރައްކާތެރިވުމަށް ހޭލުންތެރިކުރުމުގެ އިތުރުން ގޭގައި މަސައްކަތް ކުރާއިރު މެންޓަލީ އަދި ފިޒިކަލީ ގޮތުން ވިސްނަން ޖެހޭ ކަންކަމާ ގުޅޭ ވީޑިއޯތަކާއި މީމްތައް ފޮނުވާފައިވާނެ،" އުރީދޫގެ އެކްޓިން ޑިރެކްޓަ ހިޔުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން ފަޒްނާ މަންސޫރު ވިދާޅުވި އެވެ.
ލޮކްޑައުންގައި އުރީދޫގެ އެކްސްޕީރިއެންސް ސެންޓަރުތައް ބަންދުކުރި ނަމަވެސް ކަސްޓަމަރުންނަށް މެދުނުކެޑި އޮންލައިންކޮށް ވަނީ ހިދުމަތް ދީފަ އެވެ. އެގޮތުން 24 ގަޑިއިރު ލައިވް ޗެޓާއި ސޯޝަލް މީޑިއާތަކުން ކަސްޓަމަރުންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދީފައިވާއިރު އެއީ އެ ކުންފުނީގެ އައިޓީ ޓީމުގެ ބޮޑު މަސައްކަތެއް ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫގެ ޑިރެކްޓަ ނެޓްވޯކް އައިޓީ ޕްލޭނިން، ޝަބީން އަލީ ވިދާޅުވީ އައިޓީ ޓީމުގެ 18 މުވައްޒަފަކު އަމިއްލައަށް އިސްނަގައިގެން ހުޅުމާލޭގައި ގާއިމްވެ ތިއްބެވެ. އެ މީހުން މަސައްކަތްކުރީ، އުރީދޫން ގާއިމްކުރި "ސޭފް ހައުސް"ގަ އެވެ.
"އަޅުގަނޑުމެންގެ ޓީމުން ދައްކުވައިދިނީ ވަރަށް ފުރިހަމަ މަސައްކަތެއް. ހުރިހާ މުވައްޒަފުންނަށް ގޭގައި ތިބެގެން އެއްވެސް އުނދަގުލަކާ ނުލައި މަސައްކަތް ކުރެވޭ އިންތިޒާމް ހަމަޖެހުނީ މި ޓީމުގެ ބުރަ މަސައްކަތުން،" ޝަބީން ވިދާޅުވި އެވެ.
ލޮކްޑައުންއަށް ދިން ލުޔާ އެކު އެހެން ކުންފުނިތަކާ އެއްގޮތަށް އުރީދޫން ވެސް އަންނަނީ އޮފީސް ހުޅުވައި މުވައްޒަފުންނާއި ކަސްޓަމަރުންނަށް މަރުހަބާ ކިޔަން ތައްޔާރުވަމުންނެވެ. ނަމަވެސް އެ ކުންފުނީގެ އޮފީސްތައް ހުޅުވާލި ނަމަވެސް މި އަހަރު ނިމެންދެން ގިނަ މުވައްޒަފުން މަސައްކަތް ކުރާނީ ގޭގައި ތިބެގެންނެވެ. އަދި އޮފީހަށް ނުކުންނާނީ ކަސްޓަމަރުންނަށް ކޮންމެހެން ދޭން ޖެހޭ ހިދުމަތްތަކަށް ބޭނުންވާ މުވައްޒަފުންނާއި ގޭގައި މަސައްކަތް ކުރަން އުޒުރުވެރިވާ މުވައްޒަފުންނެވެ.
މުވައްޒަފުންގެ ރައްކާތެރިކަމަށް އުރީދޫގެ ހުރިހާ އޮފީހެއްގައި ވެސް މިހާރު ވަނީ ސޯޝަލް ޑިސްޓެންސިން އަންގައިދޭ ނިޝާންތައް ހަރުކޮށްފަ އެވެ. އަދި މަސައްކަތުގެ ކުރިންނާއި މަސައްކަތަށް ފަހު ހުރިހާ އޮފީހެއް ޑިސްއިންފެކްޓު ކުރެ އެވެ. އޭގެ އިތުރުން ކައުންޓަރުތައް ވަކިކުރަން ބިއްލޫރި ބިތް ޖަހާފައިވެ އެވެ. އެއީ ވެސް، ވީހާވެސް ރަނގަޅަކަށް ސޯޝަލް ޑިސްޓެންސިން ބެހެއްޓުމުގެ ފިޔަވަޅެކެވެ. އަދި ކަސްޓަމަރާއި މުވައްޒަފާ ދެމެދު ވެސް ދުރުމިނެއް ބެހެއްޓެ އެވެ.
މުވައްޒަފުންނަށް ބޭނުންވާ އަންގިއާ މާސްކާއި ޕީޕީއީ ކިޓުތައް ފޯރުކޮށްދިނުމަށް ވެސް އުރީދޫ ވަނީ ތައްޔާރުވެފަ އެވެ. އުރީދޫގެ އޮފީސްތަކުގައި މިހާރު ހުރީ މުޅިން ވެސް މަތި ޖެހި ޑަސްބިންތަކެވެ.
ކޮވިޑް-19އިން އަރައިގަތުމަށް އެޗްޕީއޭއިން ދޭ އިރުޝާދުތަކާ އެއްގޮތަށް އުރީދޫން އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ.
އުރީދޫގެ ސީނިއަ މެނޭޖަ ކަސްޓަމާ ސާވިސް ދިޔާނާ އަފީފް ވިދާޅުވީ އެ ކުންފުނީގެ އޮފީސްތައް އަލުން ހުޅުވާލާއިރު ހުރިހާ މުވައްޒަފުންނާއި ހިދުމަތް ހޯދާ ކަސްޓަމަރުން ވެސް ތިބެން ޖެހޭނީ މާސްކު އަޅައިގެން ކަމަށެވެ. އަދި ކޮންމެ ދުވަހަކު ވެސް މުވައްޒަފުންނާއި ކަސްޓަމަރުންގެ ހުން ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންމެ ދުވަހަކު ވެސް އޮފީސްތަކަށް އަންނަ ކަސްޓަމަރުންގެ ހުން ބަލާނެ. މިގޮތަށް ބަލާއިރު 37 އަށް ވުރެ ޓެމްޕަރޭޗާ މަތި ނަމަ އެ ކަސްޓަމަރަކަށް އޮފީހަކަށް ނުވަދެވޭނެ. މީގެ އިތުރުން އޮފީސްތަކުގެ އެކި ސަރަހައްދުތަކުގައި ހޭންޑް ސެނިޓައިޒާތައް ވެސް ބަހައްޓާފައި ހުންނާނެ،" ދިޔާނާ ވިދާޅުވި އެވެ.
ފަޒްނާ ވިދާޅުވި ގޮތުގައި ލޮކްޑައުންގެ ތެރޭގައި އެ ކުންފުނީގެ މުވައްޒަފުންނަށް ވަރަށް ގިނަ ފިލާވަޅުތަކެއް ވާނީ ދަސްކޮށްދީފަ އެވެ. އެގޮތުން އެންމެ ބޮޑު ފިލާވަޅަކީ ދުރުގައި ތިބެގެން ވެސް އެންމެން އެއްކޮށް މަސައްކަތް ކޮށްފި ނަމަ ކަންކަން ކުރެވޭނެ ކަން ސާބިތުވުން ކަމަށް އޭނާ ވިދާޅުވި އެވެ.