ކޮވިޑް-19 އަށް މިއަދު 30 މީހަކު ޕޮޒިޓިވްވި
ކޮވިޑް-19 އަށް މިއަދު 30 މީހަކު ޕޮޒިޓިވްވި

ރާއްޖެ އިން ކޮވިޑް-19 އަށް މިއަދު 30 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

ބަލީގެ ހާލަތު ކިޔައިދޭން އެޗްޕީއޭ އިން އާއްމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުގައި، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 29 ދިވެހިން ވަނީ ޕޮޒިޓިވްވެފަ އެވެ. ދެން ޕޮޒިޓިވްވީ ބަންގްލަދޭޝްގެ މީހެކެވެ.

މި ބައްޔާ ގުޅިގެން މާލެ ލޮކްޑައުންގައި އޮތުމަށް ފަހު ދޫކޮށްލުމާ އެކު ކޭސްތައް ފެންނަލެއް ވަނީ ގިނަވެފަ އެވެ. މިއީ، އެޗްއީއޯސީގައި ތިއްބަވާ ޑޮކްޓަރުންގެ ކަންބޮޑުވުމެކެވެ.

ބައްޔަށް ހުށަހެޅޭ މީހުންގެ އަދަދު އިތުރުވަމުންދާ ނަމަ އަނެއްކާ ވެސް ލޮކްޑައުނަކަށް ދާން ޖެހިދާނެ ކަމުގެ އިންޒާރު ވެސް އޮތީ ދީފަ އެވެ. މިއަދު ވަނީ ބޯޑަރު ހުޅުވާލައި ދަތުރުތައް ވެސް ފަށައިފަ އެވެ.

ރާއްޖެ އިން މިހާތަނަށް ވަނީ 2،831 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. ރާއްޖެ އިން 2،000 އަށް ވުރެން ގިނަ މީހުން ބަލިން ރަނގަޅުވެފައިވާ އިރު ބަލި މީހުންގެ ގޮތުގައި މިހާރު ތިބީ 470 އެވެ. ކޮވިޑް-19 ޖެހިގެން ރާއްޖެ އިން ވަނީ 14 މީހުން މަރުވެފަ އެވެ. ކަރަންޓީނުގައި 32 މީހުން ތިބި އިރު އައިސޮލޭޝަނުގައި 427 މީހުން އެބަތިއްބެވެ. ރާއްޖެ އިން މިހާތަނަށް ވަނީ 64،239 މީހުން ޓެސްޓްކޮށްފަ އެވެ.