23 އޮކްޓޯބަރ 2016 - 05:40
ބޮލީވުޑްގައި ހުރި އެންމެ ވިސްނުންތޫނު އެކްޓަރުގެ ގޮތުގައި ގިނަބަޔަކު ގަބޫލުކުރާ އާމިރު ޚާންގެ އާ ފިލްމު "ޑަންގަލް"ގެ ފުރަތަމަ ޓްރެއިލާ ބުރާސްފަތި ދުވަހު ނެރުމާ އެކު ތައުރީފު އޮހެން ފަށައިފި އެވެ.
ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ގިނަ ބަޔަކު ވެސް މި އިޝްތިހާރު މޮޅުކަމުން އާމިރަށް ތައުރީފުކޮށް ޓުވީޓުކޮށްފައިވެ އެވެ.
ގިނަ ބަޔަކު ބުނާ ގޮތުގައި މިއީ އަންހެންކުދިން ބާރުވެރިކުރުވުމަށް އާމިރު ކުޅެދިން ވަރަށް މޮޅު ފިލްމެކެވެ. މިއީ ހުރިހާ އަންހެންކުދިންނަށް އާމިރު ދިން ވަރަށް ފުރިހަމަ ހަދިޔާއެއް ކަމަށް ވެސް ބުނެފައިވެ އެވެ.
މި ފިލްމުގައި އާމިރު ކުޅެފައި ވަނީ އޭނާގެ އުމުރަށް ވުރެ މާ ދޮށީ މީހެއްގެ ރޯލެވެ. ރެސްލިން ތެޅުންތެރިޔެއް ކަމަށްވާ މަހާވީރް ސިންގް ޕޯގަޓް އަދި ބޮޑު ދެ އަންހެންދަރިންގެ ބައްޕަ އެކެވެ. އާމިރުގެ ކެރެކްޓާގެ ދެ އަންހެން ދަރިން ކަމަށްވާ ގީތާ އާއި ބަބީތާގެ ބައި ކުޅެފައިވަނީ ފާތިމާ ސަނާ ޝޭޚް އާއި ސަންޔާ މަލްހޯތުރާ އެވެ.
ފިލްމުގައި ދައްކުވައިދެނީ ރެސްލިންގެ ދުނިޔޭގައި މި ތިން ބަފައިން ކުރިއަރައިގެން ދާ ގޮތެވެ. މުޖުތަމައުގެ ޕްރެޝަރާއި އަންހެން ކުދިންނަށް ވީތީ އެކުދިންނަށް ދިމާވަމުންދިޔަ ދަތިތަކާއި އެހެނިހެން ހުރަސްތައް ގިރާކޮށް މަހާވީރް ސިންގް ޕޯގަޓް އޭނާގެ ދެ އަންހެންދަރިން ދުނިޔޭގެ މަޝްހޫރު ރެސްލިންތެޅުންތެރިންނަށް ބަދަލުކޮށްލާ ގޮތް ފިލްމުން ދައްކުވައިދޭނެ އެވެ.
ފިލްމީ ތަރިން ޓްރެއިލާ އަށް ތައުރީފު އޮއްސަމުންދާ މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ.