23 އޮކްޓޯބަރ 2016 - 05:39

އަކްޝޭ ކުމާރުގެ ފުރަތަމަ ފިލްމު "ދުވާރްޕާލް"ގެ ޕްރޮޑިއުސަރު ރަވީ ޝްރީވާސްތާވް އަށް ފިލްމީ މަސައްކަތުގައި ކުރިމަތިވި ބޮޑެތި މައްސަލަތަކަށް ފަހު އަތްމަތި ދަތިވެ ފަގީރު ހާލުގައި އުޅެން ޖެހި، ބޭސް ފަރުވާ ކުރެވޭނެ ގޮތެއް ވެސް ނެތިފައި ވަނިކޮށް އަކްޝޭ އެހީތެރިވެއްޖެ އެވެ.
އެކްޓަރެއްގެ ގޮތުގައި އަކްޝޭ ލައްވާ 1991 ވަނަ އަހަރު ފުރަތަމަ ފިލްމެއް ކުޅެން ސޮއިކުރުވީ ޝްރީވާސްތަވް އެވެ. ނަމަވެސް އެ ފިލްމު ކުރިއަށް ނުގެންދެވި އޮތީ އެވެ. އެހެންވެ ޝްރީވާސްތަވްގެ އެހީތެރިކަމާ އެކު އަކްޝޭ ފިލްމީ ދުނިޔެއަށް ނިކުތީ 1992 ގައި ހެދި "ސައުގަންދް" އިންނެވެ.
ވަރަށް ގިނަ ފިލްމުތައް ކުރިން ޕްރޮޑިއުސްކުރި ޝްރީވާސްތަވް އަށް "ދްވާރްޕާލް" ނުނިންމުމުގެ ސަބަބުން ފައިސާގެ ދަތިކަން ކުރިމަވަމުން ގޮސް އެންމެ ފަހުން އޭނާ ފަގީރުވެ ބަނޑޫހައިހޫނުކަމުގައި އުޅެން ޖެހުނީ އެވެ.
ޝްރީވާސްތަވް ވަނީ އިންޑިއާގެ ބައެއް ނޫސްތަކަށް އޭނާގެ ހާލަތު ބަޔާންކޮށްދީފަ އެވެ. އަދި އަކްޝޭއާ ވެސް ގުޅޭނެ ގޮތެއް ނެތް ކަމަށް ބުނެފައިވެ އެވެ. ޝްރީވާސްތަވްގެ އިންޓަވިއު ކިޔާފައި މީހަކު އަކްޝޭއަށް ޓުވީޓްކޮށް، ޝްރީވާސްތަވް ދެ ކިޑްނީ ފެއިލްވެ ވަރަށް ހާލުގައި ބަނޑުހައިހޫނުކަމުގައި އޮތް ވާހަކަ އާއި އަކްޝޭއާ ނުގުޅިގެން އުޅޭ ވާހަކަ ބުންޏެވެ. އޭރު އަކްޝޭ ހުރީ އެހެން ގައުމެއްގައި ކަމަށް ވިޔަސް މީހުން ފޮނުވައިގެން ޝްރީތާސްތަވް އަށް އެހީތެރިވާން ފެށި އެވެ.
ފަހުން އަކްޝޭ ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި އޭނާ ފޮނުވި ޓީމުގެ މެމްބަރުން ޝްރީވާސްތަވް އަށް އެހީތެރިވެދީ ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަން ކުރުމުގެ ކަންތައް ވެސް ވަނީ ހަމަޖައްސައިދީފަ އެވެ.
ޝްރީވާސްތަވް ބުނެފައިވާ ގޮތުގައި އޭނާގެ އާއިލާގެ އެއްވެސް މީހަކު އޭނާއަކަށް އަޅައެއް ނުލަ އެވެ. ހާލުގައި ޖެހުމުން އެންމެން އޭނާ ދޫކޮށްލާފައި ދިޔައީ އެވެ. އަނބިމީހާ މަރުވެފައިވާ ކަމަށާއި ހުރީ އެންމެ އަންހެން ދަރިއެއް ކަމަށް އޭނާ ބުނެފައިވެ އެވެ. އަދި އެ ދަރި ވެސް ކައިވެނިކޮށްގެން މާ ދުރުގައި އުޅޭތީ ޝްރީވާސްތަވް އަށް އުޅެން ޖެހިފައިވަނީ އެކަނިމާއެކަނި ކަމަށް ބުނެފައިވެ އެވެ.