ކޮވިޑް-19 ގެ ފޭކް ސެޓްފިކެޓް ދޫކުރި ބަންގަލްދޭޝްގެ ހޮސްޕިޓަލްގެ ވެރިޔާ ހައްޔަރުކޮށްފި
ކޮވިޑް-19 ގެ ފޭކް ސެޓްފިކެޓް ދޫކުރި ބަންގަލްދޭޝްގެ ހޮސްޕިޓަލްގެ ވެރިޔާ ހައްޔަރުކޮށްފި

ޑާކާ (ޖުލައި 15) - ކޮވިޑް-19 ނެތް ކަމަށް ފޭކް ސެޓްފިކެޓް ދޫކުރި ބަންގްލަދޭޝްގެ ހޮސްޕިޓަލެއްގެ ވެރިޔާ އެ ގައުމުގެ ފުލުހުން ހައްޔަރުކޮށްފި އެވެ.

އޮފިޝަލުން ބުނީ މުހައްމަދު ޝާހިދު ނަމަކަށް ކިޔާ މީހާ ހައްޔަރުކުރީ ހުޅަނގު ދެކުނުގެ ބޯޑަރު ޓައުނެއް ކަމަށްވާ ސަޓްކިރާ ޑިސްޓްރިކްޓުން ކަމަށެވެ. އޭނާ ހައްޔަރުކުރީ ބުރުގާއެއް އަޅައިގެން ސިފަ ބަދަލުކޮށްގެން ފިލަން އިންޑިއާ އަށް ވަންނަން އުޅެނިކޮށެވެ. ޝާހިދަކީ ޑާކާގެ އަމިއްލަ ހޮސްޕިޓަލެއް ކަމަށްވާ ރީޖެންޓް ހޮސްޕިޓަލްގެ ޗެއާމަނެވެ. ޝާހިދު ހައްޔަރު ކުރުމުގެ ކުރިން ފުލުހުން ވަނީ، ފޭކް ސެޓްފިކެޓް ދޫކުރި ޑޮކްޓަރަކު ވެސް ހައްޔަރުކޮށް، އޭނާއާ ސުވާލުކޮށްފަ އެވެ.

ހޮސްޕިޓަލްގެ ވެރިޔާ ހައްޔަރު ކުރި އިރު ވަރަށް ގިނަ ގައުމުތަކުން ވަނީ ބަންގްލަދޭޝް އިން ދަތުރު ކުރާ މީހުން ހުއްޓުވަން ފަށައިފަ އެވެ. އެއީ ކޮރޯނާވައިރަހުގެ ނެގެޓިވް ސެޓްފިކެޓް ހިފައިގެން ދަތުރުކުރާ ބަންގްލަދޭޝްގެ ރައްޔިތުން އެ ގައުމުތަކަށްދާ ތަނުން ޓެސްޓް ކުރުމުން ޕޮޒިޓިވްވާން ފެށުމުންނެވެ.

ބަންގްލަދޭޝްގެ ބައެއް ހޮސްޕިޓަލްތަކުން ކޮވިޑް-19 ގެ ފޭކް ސެޓްފިކެޓް ދޫކުރާކަން އެނގުމުން ފުލުހުން ވަނީ އޮޕަރޭޝަނެއް ފަށައިފަ އެވެ.

ބަންގްލަދޭޝް އިން ވަނީ ކޮރޯނާވައިރަހަށް 193,590 މީހުން ޕޮޒިޓިވްވެ 2،457 މީހުން މަރުވެފަ އެވެ.