އެމެރިކާގެ ކުންފުނީގެ ވެކްސިން އެންމެ ފަހު ސްޓޭޖުގައި
އެމެރިކާގެ ކުންފުނީގެ ވެކްސިން އެންމެ ފަހު ސްޓޭޖުގައި

ވޮޝިންޓަން (ޖުލައި 15) - ކޮރޯނާވައިރަހަށް ވެކްސިން އުފައްދާ އެމެރިކާގެ މޮޑާނާ ކުންފުނީގެ ހިއުމަން ޓްރަޔަލްސްގެ އެންމެ ފަހު ސްޓޭޖް މި މަހު 27 ގައި ފަށަން ނިންމައިފި އެވެ.

ކްލިނިކަލް ޓްރަޔަލްގައި މޮޑާނާ އިން ވަނީ 30،000 މީހުން ބޭނުން ކުރަން ނިންމައިފަ އެވެ. މޮޑާނާގެ ވެކްސިންގެ އެންމެ ފަހުގެ ޓްރަޔަލްތައް އޮކްޓޯބަރު 22 ގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.

މޮޑާނާގެ ވެކްސިންގެ އެންމެ ފަހު ސްޓޭޖް އިއުލާންކުރި އިރު، ނިއު އިންގްލޭންޑް ޖާނަލް އޮފް މެޑިސިން އިން ބުނެފައި ވަނީ ޓްރަލްގެ ފުރަތަމަ ސްޓޭޖުގައި ވެކްސިން ދިން 45 މީހުންގެ ހަށިގަނޑުގައި ވައިރަހާ ދެކޮޅަށް އެންޓިބޮޑީސް އުފެދިފައިވާ ކަމަށެވެ.

މޮޑާނާ އަކީ ކޮރޯނާވައިރަހަށް ވެކްސިން އުފެއްދުމުގެ ރޭހުގެ އެންމެ ކުރީގައި އުޅޭ އެއް ކުންފުންޏެވެ. ވެކްސިން އުފައްދާ އިތުރު ކުންފުނިތަކުގެ ތެރޭގައި އެސްޓްރަޒެނެކާ އާއި ފައިޒާ ހިމެނެ އެވެ.

އެމެރިކާގެ ބަޔޯޓެކްނޮލޮޖީ ކުންފުނި، މޮޑާނާގެ ވެކްސިން ތައްޔާރުކޮށްފައި ވަނީ މިހާތަނަށް އަދި ވެކްސިނެއް އުފައްދާފައި ނުވާ ޓެކްނޮލޮޖީއެއް ބޭނުންކޮށްގެންނެވެ. ވެކްސިންގެ މައިގަނޑަކީ ކޮރޯނާވައިރަސްގެ ޖެނެޓިކްގެ ބައެއް ކަމަށްވާ އެމް-އާރުއެންއޭ އެވެ. ޓްރަޔަލްގައި ބޭނުންކުރި މީހުންގެ ހަށިގަނޑުގައި އެންޓިބޮޑީސް އުފެދުމުން އެ ނަގައި، ލެބޯރަޓަރީގައި ޓެސްޓް ހެދީ، ކޮރޯނާވައިރަސްގެ ސަބަބުން އިންފެކްޓްވެފައި ހުރި ސެލްތަކެއް ބޭނުންކޮށްގެންނެވެ. ނަތީޖާ ދެއްކީ ވައިރަސް އިތުރުވުން ހުއްޓުވާ ކަމެވެ. ވައިރަސްގެ ނުރައްކާ ބޮޑުވަނީ ހަށިގަނޑު ތެރެއަށް ވަދެ ސެލްތައް ބޭނުންކޮށްގެން ގިނަވެގަންނާތީ އެވެ. ވެކްސިނެއް ކާމިޔާބުވާނީ ވައިރަސްގެ އެ ގިނަވުން ހުއްޓުވައިދޭ ނަމަ އެވެ.

މޮޑާނާ އިން ބޭނުންކުރާ ޓެކްނޮލޮޖީގައި މިހާތަނަށް އެއްވެސް ވެކްސިނެއް ތައްޔާރުކޮށް އިންސާނުންނާ ހަމައަކަށް ނާދެ އެވެ. އާންމުކޮށް ވެކްސިން ހަދަނީ އަސްލު ވައިރަސް ބޭނުންކޮށްގެންނެވެ. އެކަމަކު ވައިރަސްގެ ޖެނެޓިކް މެޓީރިއަލްސް ހިމަނައިގެން ވެކްސިނެއް އުފެއްދިއްޖެ ނަމަ އެއީ ގިނަ އަދަދަކަށް ތައްޔާރުކުރަން ވެސް ފަސޭހަވާނެ އީޖާދެކެވެ.

ވެކްސިން އުފެއްދުމަށްޓަކައި އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒަސް އިން މޮޑާނާ އަށް ވަނީ އެތައް ސަތޭކަ މިލިއަން ޑޮލަރުގެ އެހީ ދީފަ އެވެ. މިއީ ކޮރޯނާވައިރަސްގެ ބަލިމަޑުކަމުގައި އެމެރިކާ އިން ފެންނަ އެންމެ އިސް ސައިންސްވެރިޔާ ޑރ. އެންތަނީ ފައުޗީ އިސްކޮށް ހުންނަވާ އިންސްޓިޓިއުޓެވެ. މޮޑާނާގެ ވެކްސިންގެ ފަހު ސްޓޭޖް އިއުލާން ކުރުމާ އެކު ފައުޗީ ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.

މޮޑާނާ އިން ވަނީ ކުރިއަށް އޮތް ދިހަ އަހަރު ގުޅިގެން މަސައްކަތްކުރަން ސްވިޒަލެންޑްގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ ލޮންޒާއާ އެކު އެއްބަސްވެފަ އެވެ. ވެކްސިން ކާމިޔާބު ވެއްޖެ ނަމަ އަހަރަކު ބިލިއަނެއްހާ ޑޯޒް އުފައްދަން ދެ ކުންފުނިން ބޭނުންވެ އެވެ.