23 އޮކްޓޯބަރ 2016 - 05:35

(ބުދަ ދުވަހުގެ ނޫހާ ގުޅޭ)
އެކަކު ވެސް ޖަވާބެއް ނުދިނެވެ. ހަނގުރާމަ ދިޔައީ ކުރިއަށެވެ. އެ ތަނުގައި ސިހުރުވެރިޔާ ހުންނާނެކަން އަހަރުމެންނަށް އެނގެއެވެ. ރުހުމުގައި މައްސަލަ ޙައްލު ކުރެވުނު ނަމަ ވަގުތު ސަލާމަތް ކުރެވުނީހެވެ. އެހެން ނުވުމުން ހަނގުރާމަ ދިގުލިއެވެ. ޖިންނީނަކީ ސިހުރު އުފުލައިދޭ ބައެކެވެ. ސިހުރު ހަދާ އިންސާނާ އާއި އިބިލީހާ ދެމެދު އެއްބަސްވުމަކަށް އާދެވުމުން، އިބިލީސް ދޭނީ ސިހުރުހަދާ ޝައިތާނެކެވެ. އެކި ފެންވަރުގެ ޝައިތާނުން ތިބެއެވެ. ސިހުރުގެ މުއްދަތު ދިގުލާ ވަރަކަށް، އިބިލީސް ދޭ ޝައިތާނާގެ ފެންވަރު މަތިވެއެވެ. އެއީ، އިބިލީސް ދޭ ހަދިޔާއެކެވެ. ސިހުރު ހަދާ ޖިންނީންނަށް އެއްފަހަރާ ފަންސާސް ސިހުރު ވެސް ހަވާލުކުރެވިދާނެއެވެ.
ޝައިތާނާގެ މަސައްކަތަކީ ސިހުރު ހެދުމެވެ. ސިހުރުވެރިޔާގެ މަސައްކަތަކީ މަޢުލޫމާތު ހޯދުމެވެ. ސިހުރުހަދަންވީ މީހާގެ ނަމާއި، އުފަންދުވަހާއި މަންމަގެ ނަމެވެ. އެ އަށް ފަހު އެ މަސައްކަތް ހަވާލުކުރެވޭނީ ޝައިތާނާއާއެވެ. ކަމުގެ ހައިބަތަށް ބަލައިފައި އިބިލީހުގެ ފަރާތުން ވާގި އެދޭނީ ޝައިތާނާއެވެ. އިތުރު ޝައިތާނުންގެ އެހީ ބޭނުންވަންޏާ އިބިލީސް އޭރުން އެ ކަން ކޮށްދޭނެއެވެ. ޝައިތާނުންގެ ތެރެއިން އެ ކަންކަމަށް ބޭނުންވާ، އެ ކަންކަން ކުރެވޭ ފެންވަރުތަކުގެ ޝައިތާނުން ފޮނުވައިދޭނެއެވެ. އެ ޝައިތާނުން ސިހުރު ހިފައިގެން ސިހުރު ޖައްސަން ބޭނުންވާ މީހާގެ ގެއަށް ދެއެވެ. ބާއްވަންޖެހޭ ތަނެއްގައި ބާއްވައެވެ. ބަންނަ ސިހުރު ވެސް ހަދައެވެ. ގޮށްޖަހާ ސިހުރު ވެސް ހަދައެވެ. އަހަރެންގެ ގައިގެ ބައެއް ތަންތަނުގައި ހުރީ ގޮށްޖަހައިފައެވެ. ބަނދެފައި ހުންނަ ސިހުރު ވެސް ހުއްޓެވެ. ސިހުރު ހަދައިފައިވާ ޝައިތާނުން ތިބެނީ ގައިގެ ތަންތަނުގައި ބަނދެ ކަސްތަޅު އަޅުވައިފައެވެ. މީހެއްގެ ބުރިކަށީގައި ނުވަތަ އަރިކަށީގައި ވެސް އެ ޝައިތާނާ ބަނދެފައި ހުރެދާނެއެވެ. ކިޔެވުމުގައި މަތީ ވަނަތައް ހޯދިޔަ ނުދޭން ނުވަތަ ކަންކަން ހާސިލުވިޔަ ނުދޭން އެ ފަދަ ޝައިތާނުންގެ ބޭނުން ކުރެއެވެ. އެ ޝައިތާނުންނަށް ކުރެވޭނެހާ ވެސް ކަމަކީ ސިހުރުހެދުމެވެ. އެ ފަދަ ޝައިތާނުން، ކައިރި ތަންތަނަށް ވެސް ފޮނުވައެވެ. އެ ތަނަށް ވަކި މީހަކު އައުމުން، އެ މީހަކަށް ސިހުރު ޖެއްސުމުގެ ބޭނުމުގައެވެ.
އަހަރުމެންގެ ބޭނުމަކީ އަރިޔަސިރީގެ ސިހުރުވެރިން ތިބި ތަނެއް ހޯދުމެވެ. އެއީ ކިހާ އަދަދެއްގެ ބައެއްކަމެއް އޭރަކު ނޭނގެއެވެ. އެކަކު ފެނުނީ، ބިންގަރާހުގައި ހުރި ފައްޅިތެރެއިންނެވެ. ސުވާލުތައް ކުރީ އިސްމާއިލެވެ. ލިބުނީ ހަމަ އެކަނި އެންމެ މަޢުލޫމާތެކެވެ. އަރިޔަސިރީގެ އެންމެ އިސް ސިހުރުވެރިޔާ ކުޑައިރުކޮޅެއް ކުރިން އެ ފައްޅީގައި ހުރިކަމެވެ. އެއީ ތެދަކަށް ނުވުން ގާތެވެ. އަރިޔަސިރީއަކީ، ޞަރަޙައްދުގައި ހުރި އެންމެ ވަރުގަދަ ސިހުރުވެރިޔާއެވެ. އޭނަގެ އެހީތެރިންގެ ގޮތުގައި ތިބޭނީ އެންމެ އިތުބާރުކުރެވޭ، އެންމެ ވަފާތެރި ޖިންނީންނެވެ. އެ ކަން އަހަރުމެން ހަނދާނެއް ނުނެތެއެވެ. މުޅި ޖައްވުގައި އަތްފުނާއަޅައިގެން އިސްމާއިލަށް އެނގުނީ، އަރިޔަސިރީގެ ސިހުރުވެރިޔާ އެއް ތަނެއްގައި މަޑުން ނުހުންނަކަމެވެ. އަބަދު ވެސް ހުންނަނީ ދަތުރުކޮށްކޮށެވެ. ލަންކާގައި ހުރެފައި ފުންމާލަނީ އެހެން ރަށަކަށެވެ. އެ ތަނުން ބުރެޒިލުގައި ހުންނަ ފައްޅިއަކަށެވެ. ދެން ނޭޕާލުގައި ހުންނަ ބުދުފައްޅިއަކަށެވެ. އަބަދާއަބަދު އުޅެނީ އެހެންނެވެ.
"އެއްތާކު މަޑުކޮށްފިއްޔާ މަރާލާފާނެތީ ބިރުން އެ އުޅެނީ،" އިސްމާއިލް ވަރަށް ޔަގީންކަމާ އެކުގައި ބުންޏެވެ. "ކިހިނެއް ހުއްޓުވާނީ؟"
"ނުއެއް ހުއްޓުވޭނެ،" އިބްނި ޤާސިމް ބުންޏެވެ. "ކިތަންމެ ބާރަކަށް ވެސް އޭނައަށް ދުވެވިދާނެ. އެކަމަކު، ނުއެއް ފިލޭނެ. ޝާމް!"
ޤާސިމްގެ އަޑަށް، ލަޝްކަރުގެ ތެރެއިން އެކަކު ކުރިއަށް ޖެހިލިއެވެ. ބަލާބެލުމަށް، އެހެން މީހުންނާއި ޝާމާ ދެމެދު އެއްވެސް ތަފާތެއް އަހަންނަކަށް ނުފެނެއެވެ. ހަށިގަނޑު ވަރުގަދަވެފައި ބައިމަތި ފުޅަލެވެ. އަބަދުމެ ހުންނަނީ އިސްއުފުލައިގެންނެވެ. އަސްމަތިން ފުންމައިލުމަށް ފަހު ހިނގައިފައި އައިސް އިބްނި ޤާސިމް ގާތަށް މަޑުކޮށްލިއެވެ. އަދަބުއަދާކުރިއެވެ. ސަލާން ގޮވައިލުމުން ޤާސިމް ސަލާމް ބަލައިލަތެވެ.
"މީ ސާޅަނގަ އުކަން އެންމެ ކުޅަދާނަ ފަހުލަވާނު،" އިބްނި ޤާސިމް ބުންޏެވެ. އަދި ޝާމަށް އަމުރުކުރިއެވެ. "ކަލޭ ދޫކޮށްލި އެއްވެސް އެތިފަހަރެއް އަމާޒުން ކައްސާލާފައެއް ނެތް. ލޮންސިއަކަސް، ސާޅަނގައަކަސް ތަފާތެއް ނެތް. ކަލެއަށް މި ކަން ވާނީ."
ޝާމްގެ އުނަގަނޑުގައި އަޅައިފައިވާ ކަމަރުގައި ވަރަށް އަލިގަދަ ކަނޑިއެއް އޮތެވެ. އެކަމަކު، އަތުގައި އޮތީ ކުރިން އަހަރެން ދުށް ވައްތަރެއްގެ އެއްޗެއް ނޫނެވެ. ވާގަނޑެއްހެން ހީވިއެވެ. ކަށިނަރުން ހަދައިފައިވާ މަޅިއެއްހެން ވެސް ހީވިއެވެ. އެ ނަގައި ބޯމަތީގައި އިރުކޮޅަކު އަނބުރައިލައިފައި ހޫރައިލިއެވެ. ވިދުވަރެއްހެން ގޮސް ޖައްވުގެ ތެރެއަށް އޮބައިލިއެވެ. ކުއްލިއަކަށް ވާންވިއެވެ. ހީވީ ނަނެއްގައި ބޮޑު މަހެއް ޖެހުނުހެންނެވެ. ވަލަށް ދެމީ ޝާމެވެ. މަޅި ބެދިފައި ހުރިހެން ހީވަނީ ޝައިތާނާގެ ފައިގައެވެ. ޝާމް އެހާ އަމާޒަށް އެ ކަން ކުރީ ކިހިނެއްކަމެއް އަހަންނަކަށް ނޭނގެއެވެ. އަހަންނަށް ޝައިތާނާ ފެނުނީ ވެސް އޭގެ ފައިގަ މަޅި ބެދުނު ފަހުންނެވެ. ޝާމް ލުތްކެއް ޖެހިއެވެ. ތިރިއަށް ވެއްޓުނީ ކުޑަ ޖިންނިއެކެވެ. ބޮޑު އެއްޗެއް އަތަކުނުޖެހުނެވެ. ހަދައިފައި ހުރި ގޮތް އެނގުނީ އެ ހިސާބުންނެވެ. ޝާމަށް އަތުލައިގަނެވުނީ އެންމެ ޝައިތާނެއް ނޫނެވެ. ފަންސާހަކަށް ޝައިތާނުން އެއްކޮށްގެން އެކަކު ގޮތަށް ސިފަ ޖައްސައިފައި ހުރި މަޚްލޫޤެކެވެ. އެއީ ކެހިވެރި ރޭވުމެކެވެ. އަހަރުމެންނަށް އެ ކަން އެނގުމުން އެ ޝައިތާނުންތައް ހޭން ފެށިއެވެ. އެ ވެރިން ކުޅަދާނަވެފައި އަހަރުމެން ބަލިކަށިވީމައި މަލާމާތް ކުރިއެވެ. އެ ގޮތަށް މަލާމާތް ކުރަން ތިއްބާ، ވަރުގަދަ ގޮވުމެއް ގޮވި ތަން ފެނުނެވެ. ފެހިކުލަ އާއި ދަނބު ކުލައިގެ އާވިގަނޑެއް ފެތުރިގެންދިޔައެވެ. އެ ކަމެއް ކުރީ، ޝައިތާނުންގެ ތެރެއިން އެކަކެވެ. އެއީ، އަމިއްލައަށް މަރުވެގެން އިންސާނުން ދޭ ކަހަލަ ޙަމަލައެކެވެ. އެ ފަހަރު ވަރަށް ގިނަ ޝައިތާނުން މަރުވިއެވެ. ހަމަ އެހެންމެ، ޤާސިމާއި އިސްމާއިލްގެ ލަޝްކަރުން ވަރަށް ގިނަ ބަޔަކު ޝަހީދު ވެސް ވިއެވެ. ޝާމް ވެސް އޭގެ ތެރޭގައި ހިމެނުނެވެ.
ކާމިޔާބު ހިނިތުންވެލީ ތިން ގަޑިއިރު ފަހުންނެވެ. އަރިޔަސިރީގެ ސިހުރުވެރިޔާ ފެނުނީ ނޭޕާލުގެ ފަރުބަދައެއް މަތީގައި ހުރި ފައްޅިއެއްގެ ތެރޭގައި ހުއްޓައެވެ. އޭނަ ޖާގަ ހަދައިގެން އިނީ، ފައްޅިތެރޭގައި ބަހައްޓާފައި ހުރި ކަޅު ކުލައިގެ ބޯޅައެއްގެ ތެރޭގައެވެ. އޭނަޔާ އެކުގައި، ބޮޑެތި ފުއްޕާހަންތަކެއްހެން ހީވާ ބަޔަކު ވެސް ތިއްބެވެ. ކޮންމެ މީހަކު ހީވަނީ، ޖަޕާނުގެ ސޫމޯ ރެސްލިންގައި ވާދަކުރާ މީހެއްހެންނެވެ. އިށީނދެގެން ތިބެނީ ބޮއްތަކެއްހެންނެވެ. ބަނޑަށް ހުންނަނީ މޮހޮރުތަކެއް ޖަހައިފައިއެވެ. ސިހުރު ލިޔެފައި ހުންނަނީ އެ މޮހޮރުތަކުގައެވެ. އަޞުރުނަމާދު ވަގުތު ޖެހުނުއިރު ވެސް ބޯޅަގަނޑު ފަޅާލުމުގައި އަހަރުމެންނަކަށް ކާމިޔާބެއް ނުހޯދުނެވެ. އެ ކަން ނުވި އެންމެ ބޮޑު ސަބަކީ، ސިހުރު ހެދި ބަޔަކު އޭރު ވެސް އެ ކަން ކުރަމުން ގެންދިއުމެވެ.
އަޞުރުނަމާދަށް މެދުކަނޑައިލުމަށް ފަހު އަނެއްކާ ވެސް އަހަރުމެންގެ ހަނގުރާމަ ކުރިއަށް ގެންދިޔައީމެވެ. ބުރަ މަސައްކަތަކަށް ވިއެވެ. އެކަމަކު، އެންމެ ފަހުން ބޯޅަގަނޑު ފަޅައިލީމެވެ. އޭގެ ތެރެއިން އެކަކު ނުކުތެވެ. ބޯޅަ ފަޅައިލި ވަގުތާއި، އެތެރެއިން ނުކުތް އެތި ނުކުތް ވަގުތާ ދެމެދު ސިކުންތަކަށް ވުރެ އަވަސް ވާނެއެވެ. ވީނުވީއެއް ނޭނގުނެވެ. އަހަންނަށް ފެނުނީ އިސްމާއިލް ވެއްޓުނު ތަނެވެ. ތަކުބީރުގެ އަޑުން ޖައްވު ގުގުމައިލިއެވެ. ބުނާނެ އެއްޗެއް ނޭގިގެން ބަލަހައްޓައިގެން އަހަރެން ހުރީމެވެ. އަހަރެންނަށް ހިތްވަރުދީ، ދިފާޢުކޮށްދިން އިސްމާއިލް ޝަހީދުވީއެވެ. އޭނަޔަށް ޙަމަލަދިން މަންޒަރު އަހަރެންގެ ލޮލަކަށް ނުވެސް ފެނުނެވެ. ދެން ކުރިޔަށް ޖެހިލީ އިބްނި ޤާސިމެވެ. ބޯޅަތެރެއަށް ނުވަދެވިގެން އުޅެނިކޮށް އެ ދުވަހުގެ އިރު އޮއްސުނީއެވެ. އެންމެން ދިޔައީ ނަމާދަށެވެ. ނަމާދުކޮށް ނިމިގެން އިސްމާއިލްގެ މައްޗަށް ކަށުނަމާދު ވެސް ކުރިއެވެ. ސަލާންދިން ތަނާ، ވަރަށް ބޮޑު ކަޅު ވިލާގަނޑަކުން އުދަރެސް ބައްދައިލިއެވެ. ވާރެއެއް ނުވެހެއެވެ. ހޮނުއަޅަން ފެށިއެވެ. އަނދިރި ވިލާގަނޑުގެ ތެރެއިން ބޮޑު ވާލެއް އުދުހިފައި ތިރިއަށް ފޭބިއެވެ. ވާލުގެ ފިޔަގަނޑު ވަރަށް ބޮޑެވެ. މޫނުގެ ސިފައެއް ވަތްކެއް ނުވެއެވެ. ފެންނަނީ ރަތްކުލައިގެ ދެ ލޮލެވެ. އެ ވާލަށް އަހަރުމެންގެ ސަމާލުކަން އެނބުރުނު ވަގުތު، ކަޅު ބޯޅަ އެނބުރިގެންފައި ވިލާގަނޑުތެރެއަށް ވަދެ ގެއްލުނެވެ. އެ ދުވަހު ކުޅިވަރު ނިމުނީ އެ ހިސާބުންނެވެ.
"އިބިލީހުގެ ފައުޖުގެ ޝައިތާނުންތައް އެ ގެންދިޔައީ،" އިބްނި ޤާސިމް ބުންޏެވެ. "ސަލާމަތްކުރީ."
އެ ދުވަހުގެ ފަހުން ވަރަށް ބޮޑު ލުއިކަމެއް އަހަންނަށް ލިބުނެވެ. ޖިންނިޝައިތާނުން އަންނަލެއް މަދުވިއެވެ. ހާދީ ބޭނުންވީ ރުޤްޔާ ކިޔަވަން އަހަރެން ދަސްކުރާށެވެ. އެންމެ ފައިދާ ބޮޑު ގޮތަކީ އެއީ ކަމުގައި ވީތީއެވެ. އަނެއްކޮޅުން، އަހަރެންގެ ހަށިގަނޑަށް ކިތަންމެ ބަޔަކު ވަނަސް އަހަންނަށް ކޮންޓުރޯލު ކުރެވެން ފެށިއެވެ. ހާދީގެ އެހީތެރިކަމެއް ނެތިއެވެ. ވީމާ، އަހަރެންގެ ހަށިގަނޑު އަހަރެންނަށް މާ ރަނގަޅަށް ބެލެހެއްޓޭނެކަން އަހަންނަށް ގަބޫލުކުރެވުނެވެ.
ރުޤްޔާ ދަސްކުރުމަކީ، ހަށިރައްކާތެރިކުރަން ކުރެވޭނެ އެންމެ ބުއްދިވެރި ކަންތަކެވެ. އަހަރެން ރުޤްޔާ ދަސްކުރަން ފެށި ފަހުން ދެ ކުއްޖަކު ރަނގަޅު ކުރީމެވެ. އޭގެ ފަހުން އަހަންނަކަށް އުނދަގުލެއް ނުޖެހެއެވެ. އެހެންނަމަވެސް މުޅީން ރަނގަޅެއް ނުވެއެވެ. އެއްދުވަހަކު އަހަންނަށް ފެނުނީ ކުރީ ޒަމާނުގެ ލަވަޖަހާއެއްޗެއްގެ، ދުންމާރިއެއްހެން ހުންނަ އިސްޕީކަރު ކަހަލަ އެއްޗެކެވެ. އެކަމަކު، ފަރުބަދައެއްހާ ބިޔައެވެ. އެ "އިސްޕީކަރު" އަރައިފައި ހުރީ ބޮޑު ދެ ފަރުބަދަ ދެމެދުންނެވެ. ކައިރިއަށް ގޮސްފައި ސިއްރުން ބަލައިލީމެވެ. އެއީ އިސްޕީކަރެއް ނޫނެވެ. ޖިންނިއެއްގެ ބިޔަ ކަންފަތެވެ. އަހަރެން އެ ވާހަކަ ބުނުމުން ހާދީ އެ ޖިންނި ބަނދެގެން ގެނައެވެ. އޭނަ ވަރަށް މުސްކުޅިއެވެ. ބަލިކަށިވެފައި، ނިކަމެއްޗެވެ.
"ތީ ކާކު؟" ހާދީ އެހިއެވެ.
"ޒަރުމިން!" އޭނަ ވަރަށް ފަސޭހައިން ޖަވާބުދިނެވެ. އަދި ރޮއިގެންފައި ބުންޏެވެ. "އަހަރެން މީ މުސްކުޅިއެކޭ. އަހަރެން ދޫކޮށްލާ! މަ އެއްވެސް ގޯނާއެއް ކަލޭމެންނަކަށް ނުކުރަން. ހަމައެކަނި އަޑުއަހަން ހުރީ."
"ކަލެއަށް އެނގޭތަ އެހުމުން ވައްކަން ކުރާ މީހުންގެ އަދަބު؟" ހާދީ ބުނެގެން އަހަރެން އެހީމެވެ. "ކާކު ކަލޭ ފޮނުވީ؟"
ނުނިމޭ