15 ޖުލައި 2020 - 14:35

ވޮޝިންޓަން (ޖުލައި 15) - އެމެރިކާގައި ކިޔަވައި ބިދޭސީ ދަރިވަރުންގެ ތެރޭން، ކޮރޯނާވައިރަހުގެ ސަބަބުން، އޮންލައިންކޮށް ކިޔެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ދަރިވަރުން އެމެރިކާ އިން ޑިޕޯޓްކޮށްލުމަށް ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުން ގެންގުޅުނު ޕްލޭން ބަދަލު ކުރަން ނިންމައިފި އެވެ.
އެމެރިކާގެ މި ޕްލޭނާ ދެކޮޅަށް މެސެޗޫސެޓްސް އިންސްޓްޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އާއި ހާވަޑް ޔުނިވާސިޓީން ވަނީ ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ.
ކޮންމެ އަހަރަކު ދުނިޔޭގެ އެކި ގައުމުތަކުން އެތައް ހާސް ދަރިވަރުންނެއް ކިޔެވުމަށް އެމެރިކާ އަށް ދެ އެވެ. އަދި ބިދޭސީ ދަރިވަރުންގެ ފަރާތުން އެމެރިކާގެ ޔުނިވާސިޓީތަކަށް ބޮޑު އާމްދަނީއެއް ލިބެ އެވެ. އެމްއައިޓީ އާއި ހާވަޑް އިން ވަނީ ކޮރޯނާވައިރަހުގެ ސަބަބުން، ކުދިންގެ ކިޔެވުން އޮންލައިން ކްލާސްތަކަށް ބަދަލުކޮށްފަ އެވެ.
އެމެރިކާ އިން މިދިޔަ ހަފުތާގައި ބުނެފައި ވަނީ ބިދޭސީ ދަރިވަރުންގެ ތެރޭން ކްލާހަށް ގޮސް ކިޔަވަން ނުޖެހޭ ދަރިވަރުން، އަދި އެ ކުދިންގެ ކިޔެވުން އޮންލައިންކޮށް ބަދަލުކޮށްފައިވާ ދަރިވަރުން ޑިޕޯޓްކުރާނެ ކަމަށެވެ. އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމެންޓް (އައިސީއީ) ގެ ނިންމުން އައިތާ ދެ ދުވަސް ފަހުން، އެ ނިންމުން ބަދަލު ކުރުމަށް އެމްއައިޓީ އާއި ހާވަޑް އިން ވަނީ ކޯޓަށް ގޮހެވެ. މީގެ އިތުރުން އެހެން އެތައް ޔިނިވާސިޓީއަކުން ވެސް ވަނީ އެ ކަމަށް ތާއީދުކޮށްފަ އެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕަކީ، އާ ޓާމްގައި ޔުނިވާސިޓީތަކާއި ސްކޫލްތަކުގެ ދަރިވަރުން ކްލާސްތަކަށް ގޮސް ކިޔެވުމަށް ބާރު އަޅުއްވާ ބޭފުޅެކެވެ. ޓްރަމްޕް ދެކެވަޑައިގަންނަވާ ގޮތުގައި ސްކޫލްތައް ހުޅުވުމަކީ އެމެރިކާގައި ކޮރޯނާވައިރަހުގެ ހާލަތު ރަނގަޅުވުމެވެ.
އެމެރިކާގެ އާ ސިޔާސަތު ފެތެނީ އެކަޑެމިކް އަދި ވޮކޭޝަނަށް ދަރިވަރުންނަށް ދޫކޮށްފައިވާ އެފް-1 އަދި އެމް-1 ވިސާ ކެޓަގަރީއަށެވެ. ސްޓޭޓް ޑިޕާޓްމަންޓުން މިދިޔަ އަހަރު ވަނީ 388،839 އެފް-1 ވިސާ އާއި 9،518 އެމް-1 ވިސާ ދޫކޮށްފަ އެވެ.
އެމެރިކާގެ ކޮމާސް ޑިޕާޓްމަންޓުން ބުނެފައި ވަނީ ބައިނަލްއަގުވާމީ ދަރިވަރުންގެ ފަރާތުން 2018 ވަނަ އަހަރު ވަނީ އެ ގައުމުގެ އިގްތިސާދަށް 45 ބިލިއަން ޑޮލަރު ލިބިފައި ކަމަށެވެ.