ބަންގްލަދޭޝްގެ ތިންބައިކުޅަ އެއްބައި ފެނު އަޑީގައި
ބަންގްލަދޭޝްގެ ތިންބައިކުޅަ އެއްބައި ފެނު އަޑީގައި

ޑާކާ (ޖުލައި 15) - ދެކުނު އޭޝިއާ އަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ބަންގްލަދޭޝް އަށް ބޯކޮށް ވާރޭވެހި ގައުމުގެ ތިންބައިކުޅަ އެއްބައި ފެނު އަޑިއަށް ހިނގައްޖެ އެވެ.

ބަންގްލަދޭޝްގެ ތިންބައިކުޅަ އެއްބައި ފެނު އަޑީގައި
ބަންގްލަދޭޝްގެ ތިންބައިކުޅަ އެއްބައި ފެނު އަޑީގައި

އާއްމުކޮށް ޖޫން އިން ސެޕްޓެމްބަރަށް ދިގު ދެމިގެންދާ ވިއްސާރަ މޫސުމަކީ ދެކުނު އޭޝިއާ އަށް ކޮންމެ އަހަރެއްގައި ވެސް ބޮޑު ގެއްލުމެއް ލިބޭ ދުވަސްވަރެކެވެ. މީހުންގެ ގެދޮރާއި ދަނޑުބިންތަކަށް ވެސް ބޮޑެތި ގެއްލުންތައް ލިބެ އެވެ.

ބަންގްލަދޭޝްގެ ތިންބައިކުޅަ އެއްބައި ފެނު އަޑީގައި
ބަންގްލަދޭޝްގެ ތިންބައިކުޅަ އެއްބައި ފެނު އަޑީގައި

"މިއީ އެތައް ޒަމާނަކަށް ފަހު ބަންގްލަދޭޝް އަށް މިހާ ބޯކޮށް ވާރޭ ވެހޭ ފުރަތަމަ ފަހަރު،" ފްލަޑް ފޯކާސްޓިން އެންޑް ވޯނިން ސެންޓަރުގެ ޑިރެކްޓަރު އަރީފުއްޒަމާން ބުއިޔާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބަންގްލަދޭޝްގެ ތިންބައިކުޅަ އެއްބައި ވަނީ ފެނުއަޑީގައި ކަމަށާއި އެކަމުގެ ގެއްލުން 1.5 މިލިއަން މީހުންނަށް ފޯރާފައިވާ ކަމަށެވެ. ބައެއް އަވަށްތައް އެކުގައިހެން ވަނީ ފެނުއަޑީގަ އެވެ.

ޑިސްޓްރިކްޓް އެޑްމިނިސްޓްރޭޓަރެއް ކަމަށްވާ ފާރޫކް އަހުމަދު ވިދާޅުވީ އުތުރުގެ ސަރަހައްދެއްގައި އޮންނަ ބްރަހްމަޕުތުރާ ކޯރު ބަންޑުންވެދާނެކަމުގެ ބިރު ބޮޑު ކަމަށެވެ.

ބުއިޔާން ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ކޯރުތައް ބަންޑުން ވެއްޖެ ނަމަ ގައުމުގެ 40 ޕަސެންޓް ފެނުއަޑިއަށް ދާނެ ކަމަށެވެ.

ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނު ދަނޑުވެރިއެއް ކަމަށްވާ އަބްދުއްރާޝިދު، 35، ބުނީ އޭނާ އާއި އަންހެނުން އަދި ތިން ކުދިން މިހާރު ދިރިއުޅެން ޖެހިފައި ވަނީ ސަރުކާރުގެ ސްކޫލެއްގައި ކަމަށެވެ.

"އަހަރެންގެ މުޅި ގެ ވަނީ ފެނު އަޑީގައި. އާއިލާ އެންމެން ސްކޫލަށް ބަދަލު ކުރި ނަމަވެސް އަހަރެން މި ހުންނަނީ ގޭގައި ހުރި ތަކެތި ބެލެހެއްޓުމުގައި،" ރާޝިދު ބުންޏެވެ.

ފެންބޮޑުވުމުގެ ސަބަބުން އިންޑިއާގެ އާސާމުން ވެސް ވަނީ 2.1 މިލިއަން މީހުން ހާލުގައި ޖެހިފަ އެވެ.

"މިދުވަސްވަރު މިވަނީ ބޮޑު ދެ ގޮންޖެހުމަކާ ކުރިމަތިވެފައި. އެއީ ކޮވިޑް-19 އާއި ފެންބޮޑުވުން،" އާސާމްގެ ރެސްކިއު ޓީމުގެ މެންބަރެއް ކަމަށްވާ އަބީޖީތު ކުމާރު ވަރްމާ ބުންޏެވެ.

ފެންބޮޑުވުމުގައި ނޭޕާލުން ވަނީ 50 މީހުން މަރުވެފަ އެވެ.