އެމެރިކާގެ ސިއްހީ ތަޖްރިބާކާރުން ފައުޗީގެ ދިފާއުގައި
އެމެރިކާގެ ސިއްހީ ތަޖްރިބާކާރުން ފައުޗީގެ ދިފާއުގައި

ވޮޝިންޓަން (ޖުލައި 15) - ވައިޓް ހައުސްގެ ފާޑުކިޔުންތައް އަމާޒުވެފައިވާ އެމެރިކާގެ އިންފެކްޝަސް ޑިޒީޒްގެ ތަޖްރިބާކާރު ޑރ. އެންތަނީ ފައުޗީގެ ދިފާއުގައި އެ ގައުމު ސިއްހީ އިސް އޮފިޝަލުން ތެދުވެއްޖެ އެވެ.

ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް އަޅައި ފިޔަވަޅުތަކާ މެދު ރައީސް ޑޮނަލްޑް ޓްރަމްޕާއި ފައުޗީއާ ދެމެދު ވޭތުވެދިޔަ ދުވަސްތަކުގައި ވަނީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެފަ އެވެ. ވައިޓް ހައުސްގެ އޮފިޝަލަކު އާދިއްތަ ދުވަހު ވަނީ ކޮރޯނާވައިރަހާ ގުޅޭ ގޮތުން ފައުޗީ ވިދާޅުވި ކަމަށް ބުނާ ވާހަކަތަކުގެ ލިސްޓެއް ހިއްސާކޮށްފަ އެވެ. އޮފިޝަލް ވިދާޅުވި ގޮތުގައި ފައުޗީގެ ބައެއް ކޮމެންޓްތައް ހަގީގަތާ ޚިލާފެވެ.

ޓްރަމްޕާއި ފައުޗީއާ ދެމެދު މައްސަލަތަކެއް ނެތް ކަމަށް އޮފިޝަލުން ބުނި ނަމަވެސް އެމެރިކާގެ ސިއްހީ ތަޖްރިބާކާރުން ވަނީ އެކަން ދޮގުކޮށްފަ އެވެ.

އެސޯސިއޭޝަން އޮފް އެމެރިކަން މެޑިކަލް ކޮލެޖުން ބުނެފައި ވަނީ ފައުޗީ ދެއްކި ބައެއް ވާހަކަތަކުގެ މާނައޮޅޭ ގޮތަށް ދެއްކުމަކީ އޭނާގެ ސައެންޓިފިކް ތަނަވަސް މައުލޫމާތަށް ކުރެވޭ މަލާމާތެއް ކަމަށެވެ. އަދި ވައިރަސް ކޮންޓްރޯލް ކުރުމަށާއި އިގްތިސާދު ހުޅުވާލައި އާއްމު ދިރިއުޅުމަކަށް ރުޖޫއަވުމަށް ކުރާ މަސައްކަތަށް ވެސް އެޅޭ ހުރަހެއް ކަމަށް ބުނެފައިވެ އެވެ.

އިންފެކްޝަސް ޑިޒީޒް ސޮސައިޓީ އޮފް އެމެރިކާ އިން ބުނެފައި ވަނީ ކޮރޯނާވައިރަހުގެ މައްސަލަ ހައްލު ކުރަން ބޭނުން ނަމަ ޑރ. ފައުޗީ ފަދަ ސިއްހީ ތަޖްރިބާކާރުންގެ ބަހަށް އިތުބާރު ކުރަން ޖެހޭނެ ކަމަށެވެ.

ހާވަޑް ޔުނިވާސިޓީގެ ގްލޯބަލް ހެލްތު އިންސްޓްޓިއުޓުގެ ޑިރެކްޓަރު ޑރ. އަޝިޝް ޖާ ވިދާޅުވީ ޑރ. ފައުޗީ އެއްފަރާތް ކުރުމަކީ ކޮރޯނާވައިރަހުގެ ހާލަތު ގޯސްވާނެ ކަމެއް ކަމަށާއި އެކަމުގެ ވޭން ތަހައްމަލު ކުރަން ޖެހޭނެ ބަޔަކީ އެމެރިކާގެ ރައްޔިތުން ކަމަށެވެ.

ޑރ. ފައުޗީ ގެންދަވަނީ ނޭޝަނަލް އިންސްޓްޓިއުޓް އޮފް ހެލްތު އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒް ޑިވިޝަނުގެ ޑިރެކްޓަރުގެ މަގާމު 1984 ވަނަ އަހަރުން ފެށިގެން އަދާކުރައްވަމުންނެވެ.