15 ޖުލައި 2020 - 11:16

ރާއްޖޭގައި ވަޒީފާ އަދާކުރަން އަންނަ ބިދޭސީން ރާއްޖެ އައުމުގެ ކުރިން ޚާއްސަ ހުއްދައެއް ހޯދަންޖެހޭ ގޮތަށް ހަމަޖެއްސި އުސޫލު މިއަދުން ފެށިގެން ބާތިލްކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
އެމްޕްލޮއިމެންޓް އެޕްރޫވަލްގެ ދަށުން ރާއްޖެ އެތެރެވުމަށް ހާއްސަ ހުއްދައެއް ހޯދަންޖެހޭ ގޮތަށް ހަމަޖެއްސީ ކޮވިޑް-19 ފެތުރޭތީ މީގެ ހަތަރު ވަރަކަށް މަސް ކުރިން ރާއްޖޭގެ ބޯޑަރު ބަންދުކުރުމާ އެކުގަ އެވެ. މި ނިންމުން ބަދަލުކޮށް ކުރިން އޮތް ގޮތަށް މި ބަދަލުކުރީ މިއަދު ބޯޑަރު ހުޅުވާލުމާ އެކުގަ އެވެ.
ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އެޅި ފިޔަވަޅުތަކުގައި އިކޮނޮމިކް މިނިސްޓްރީން މާޗް މަހުގެ ފަހުކޮޅު ހަމަޖައްސާފައި އޮތީ އެމްޕްލޮއިމަންޓް އެޕްރޫވަލް ހޯދައިގެން އަންނަ ބިދޭސީންނާއި ޗުއްޓީ އަށް ދިއުމަށް ފަހު ވަޒީފާ އަށް އެނބުރި ރާއްޖެ އަންނަ ބިދޭސީންނަށް ވެސް ރާއްޖެ އެތެރެވެވޭނީ އެ މިނިސްޓްރީން ދޫކުރާ ޚާއްސަ ހުއްދައެއްގެ ދަށުން ކަމަށެވެ.
އެހެންވެ، އެފަދަ ބިދޭސީން ރާއްޖެ އައުމުގެ 48 ގަޑިއިރު ކުރިން އެ ހުއްދަ އަށް އެދި ހުށަހަޅަން ޖެހޭ ގޮތަށް އޮތީ ހަމަޖައްސައިފަ އެވެ. އެ ހުއްދަ ދެމުން އައީ އީމެއިލް މެދުވެރިކޮށެވެ.
ބޯޑަރު ހުޅުވާލުމާ އެކު ޓޫރިސްޓުންނާއި ރާއްޖޭގައި މަސައްކަތްކުރާ ބޭރު މީހުން ވަނީ އަންނަން ފަށައިފަ އެވެ.