17 ޖުލައި 2020 - 08:41

ބޮލީވުޑްގެ މިހާރުގެ އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ހިމެނޭ އަދި ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ޒުވާން އެކްޓަރު ރާޖްކުމާރު ރާއޯ ތެލެގޫ ފިލްމެއްގެ ރިމޭކަކަށް ސޮއިކޮށްފި އެވެ.
"އިސްތިރީ" އާއި "ނިއުޓަން" އަދި "ޝާހިދު" ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ އެކްޓަރު ސޮއިކުރި ރިމެކަކީ މިދިޔަ ފެބްރުއަރީ މަހު ރިލީޒްކޮށް، ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދި ތެލެގޫ ފިލްމު "ހިޓް: ދަ ފަސްޓް ކޭސް" ގެ ހިންދީ ރިމެކެވެ.
އެ މިސްޓްރީ ތުރިލާ އަކީ ޑރ. ސައިލޭޝް ކޮލާނީ ޑައިރެކްޓްކޮށް، ވިޝްވަކް ސެން ބަތަލުގެ ރޯލް ކުޅުނު ފިލްމެކެވެ.
"ހިޓް" ގެ ހިންދީ ފިލްމާ ބެހޭ ގޮތުން ސައިލޭޝް ބުނީ ރާޖާ އެކު މަސައްކަތްކުރަން ލިބުމަކީ ވަރަށް އުފާވި ކަމެއް ކަމަށާއި އޭނާ އަކީ އަބަދު ވެސް ރާޖް ފޭނެއް ކަމަށެވެ. އޭނާ އަށް ތައުރީފުކުރަމުން ސައިލޭޝް ބުނީ ރާޖަކީ ވަރަށް ހުނަރުވެރި އެކްޓަރެއް ކަމަށާއި "ހިޓް" ގެ ހިންދީ ރިމެކް ވަރަށް ވެސް ފުރިހަމަ އަދި ޝައުގުވެރި ފިލްމެއްގެ ގޮތުގައި ގެނެސްދޭން މަސައްކަތްކުރާނެ ކަމަށެވެ.
"އަހަރެން ފިލްމަށް ރާޖް ގެންނަން ބޭނުންވި ސަބަބަކީ ފިލްމުގެ މައި ކެރެކްޓާ އޭނާއާ ވަރަށް ބޮޑަށް ގުޅޭތީ. އަހަރެން އެއަށް ގެންނަން ބޭނުންވާ ޑާކްނެސް ރާޖްގެ ފަރާތުން ގެނެވޭނެ. އޭނަގެ ފިލްމު ޝައިތާން ބެލި ފަހުން އަހަންނަކީ ރާޖްގެ ވަރަށް ބޮޑު ފޭނެއް،" ސައިލޭޝް ބުންޏެވެ.
ރާޖް ބުނީ "ހިޓް" ގެ ރިމެކް ގަބޫލުކުރި ސަބަބަކީ އެ ފިލްމަކީ އޭނާ އަށް ވަރަށް ކަމުދިޔަ ފިލްމަކަށްވެފައި، ވަރަށް ކުޅެލާ ހިތްވާ ޒާތުގެ ފިލްމަކަށްވުމެވެ.
"މިހާރުގެ މާހައުލާ ވެސް ވަރަށް ގުޅޭ އަދި ބެލުންތެރިން ވަރަށް އެންގޭޖްވާ ކަހަލަ ވާހަކައެއް އޮތް ފިލްމެއް މިއީ." އޭނާ ބުންޏެވެ. "އަހަންނަކީ އަބަދު ވެސް ތަފާތު އެކި ކަހަލަ ރޯލްތައް އެކްސްޕެރިމަންޓްކުރަން ބޭނުންވާ މީހެއް. ހިޓަކީ އެ ފުރުސަތު ލިބޭނެ ފިލްމެއް. އަދި ފިލްމަށް އަހަރެންގެ މެކްސިމަމް ދޭނަން."
"ހިޓް" ގެ ރިމެކްގެ ޕްރޮޑިއުސަރަކީ މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ގެނެސްދިން ޕްރޮޑިއުސަރު ދިލް ރާޖޫ އެވެ.
ސައިލޭޝަން ބުނިގޮތުގައި އޭނާގެ އެއް އަމާޒަކީ "ހިޓް" ގެ ހިންދީ ރިމެކާ އެކު އެ ފިލްމު ބޮލީވުޑްގެ ފްރެންޗައިޒަކަށް ހެދުން ކަމަށެވެ. އަދި މިހާރު ފިލްމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި ޝޫޓިން ފަށާނީ އަންނަ އަހަރު ކަމަށް ބުންޏެވެ.
ރާޖްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ލޫޑޯ" އާއި "ޝަލާންގް" އާއި "ރޫހީ އަފްޒާނާ" އަދި "ސެކަންޑް އިނިންސް" ހިމެނެ އެވެ.