ކޮވިޑް-19 ގެ އެލަވަންސް މި މަހުގެ މުސާރައާ އެކު ލިބޭނެ: އެޗްޕީއޭ
ކޮވިޑް-19 ގެ އެލަވަންސް މި މަހުގެ މުސާރައާ އެކު ލިބޭނެ: އެޗްޕީއޭ

ކޮވިޑް-19 އާ ދެކޮޅަށް އިސް ސަފުގައި މަސައްކަތް ކުރާ މީހުންނަށް ދޭން ސަރުކާރުން ނިންމައިފައިވާ ރިސްކް އެލަވަންސް މި މަހުގެ މުސާރައާ އެކު ލިބޭނެ ކަމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ވަކިވަކި މުވައްޒަފުންގެ މައުލޫމާތު އެ މުވައްޒަފެއްގެ މިނިސްޓްރީން އެކަމަށް ހާއްސަ ޕޯޓަލް އަށް ފޮނުވުމުން މި މަހުގެ މުސާރައާ އެކު އެލަވަންސް ލިބޭނެ ކަމަށެވެ.

"ކުރިން ވެސް އަޅުގަނޑުމެން ދަންނަވާލާފައި އޮންނާނެ މިނިސްޓްރީތަކުން ބޭފުޅުންގެ މައުލޫމާތު ވަކި ޕޯޓަލްއެއް މެދުވެރިކޮށް އެންޓާ ކުރަން. އެގޮތަށް އެންޓާކޮށް ނިމިފައިވާ ނަމަ ޖުލައި މަހުގެ މުސާރައާ އެއްކޮށް އެ ބޭފުޅުންނަށް އެ އެލަވަންސް ލިބޭނެ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އޮތީ،" ނަޒްލާ ވިދާޅުވި އެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވަން ކުރާ މަސައްކަތުގެ އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަ އެލަވަންސެއް ދޭން ސަރުކާރުން މިދިޔަ އެޕްރީލް މަހު ނިންމި އެވެ. އެ އެލަވަންސް ދެނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ.

ފުރަތަމަ ކެޓަގަރީ އަކީ ހައި ރިސްކް ކެޓަގަރީ އެވެ. އޭގެ ތެރޭގައި ހިމެނޭނީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާ ސީދާ ގޮތެއްގައި މުއާމަލާތްކުރަންޖެހޭ މީހުންނެވެ. އެއީ ޑޮކްޓަރުންނާއި ނަރުހުންނާއި ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވާ މީހުންނާއި ލެބޯޓްރީގައި މަސައްކަތްކުރާ މީހުން އަދި ބަލި މީހުން އުފުލާ އުޅަނދުތަކުގައި މަސައްކަތްކުރާ މީހުންނެވެ. ބަލި މީހުން އެޑްމިޓްކޮށްފައިވާ ތަންތަނަށް ވަންނަން ޖެހޭ މީހުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. އެ ކެޓަގަރީ އަށް އެލަވަންސްގެ ގޮތުގައި ދޭނީ މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 500ރ. އެވެ.

މީޑިއަމް ރިސްކް ހިމެނެނީ ދެ ވަނަ ކެޓަގަރީގަ އެވެ. އެއީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާ ސީދާ ގޮތެއްގައި މުއާމަލާތްކުރަން ނުޖެހުނަސް، އެގޮތަށް މަސައްކަތް ކުރާ މީހުންނާ އެކުގައި މަސަައްކަތް ކުރަން ޖެހޭ މީހުންނެވެ. އެ މީހުންނަށް އެލަވަންސެއްގެ ގޮތުގައި ދޭނީ މަސައްކަތަށް ނުކުންނަ ކޮންމެ ދުވަަހަކަށް 250ރ. އެވެ.

ތިން ވަނަ ކެޓަރީއަކީ ކުރީގެ ދެ ކެޓަގަރީ އަށް ނުފެތޭ މީހުންގެ ތެރެއިން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ދުވާލަކު ހަ ގަޑިއިރަށް ވުރެ ގިނައިރު މަސައްކަތް ކުރާ މީހުންނެވެ. އެ މީހުންނަށް ދޭނީ މަަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 200ރ. އެވެ.

ރާއްޖެ އިން މިހާތަނަށް ވަނީ 2،801 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. ރާއްޖެ އިން 2،302 މީހުން ބަލިން ރަނގަޅުވެފައިވާ އިރު ބަލި މީހުންގެ ގޮތުގައި މިހާރު ތިބީ 470 އެވެ. ކޮވިޑް-19 ޖެހިގެން ރާއްޖެ އިން ވަނީ 14 މީހުން މަރުވެފަ އެވެ. ކަރަންޓީނުގައި 47 މީހުން ތިބި އިރު އައިސޮލޭޝަނުގައި 410 މީހުން އެބަތިއްބެވެ. ރާއްޖެ އިން މިހާތަނަށް ވަނީ 63،559 ޓެސްޓްކޮށްފަ އެވެ.