ދުވާފަރުން 52 މީހަކު އެކަހެރިކޮށްފި
ދުވާފަރުން 52 މީހަކު އެކަހެރިކޮށްފި

ރ. ދުވާފަރުން ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން، އެ ރަށުން 52 މީހަކު އެކަހެރިކޮށްފި އެވެ.

ދުވާފަރުގައި ޕޮޒިޓިވްވީ، ހޯމް ކަރަންޓީނުގެ މުއްދަތު ހަމަކޮށް، ކޮވިޑް-19 އަށް ނެގެޓިވްވުމުން ދޫކޮށްލި ބައެކެވެ. ފަހުން ޓެސްޓުތައް ހެދުމުން އެ މީހުންގެ ނަތީޖާ ޕޮޒިޓިވްވުމުން ރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.

ދުވާފަރު ކައުންސިލްގެ ރައީސް އިބްރާހިމް ނަސީރު ވިދާޅުވީ ޕޮޒިޓިވްވި މީހުންނާ އެކި ގޮތްގޮތުން ބައްދަލުވި 52 މީހަކު އެކަހެރިކޮށްފައިވާއިރު، 23 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ. އަދި 12 ގެއަކަށް ވަނީ ވަދެ ނިކުމެ އުޅުން މަނާކޮށްފަ އެވެ.

"ސާމްޕަލް މި ނެގީ އެ 12 ގޭގެ މީހުން. އެއީ އެ މީހުންނާ އެންމެ ބޮޑަށް ކޮންޓެކްޓްވި ކަމަށް ބެލެވޭ މީހުން،" ނަސީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެކަހެރި ކުރި މީހުންގެ ތެރޭގައި ހިމެނެނީ ޕޮޒިޓިވްވި މީހުންގެ އާއިލާ މީހުންނާއި ރަހުމަތްތެރިންނާއި އެ މީހުން ވަދެ ނުކުމެ އުޅުނު ފިހާރަތަކުގެ މީހުންނެވެ.

"ސާމްޕަލްތައް މިއަދު ނަގާފައިވާއިރު އަޅުގަނޑުމެން އެންމެން ވެސް މި އިންތިޒާރު ކުރަނީ ނަތީޖާ އަންނާނެ ވަގުތަކަށް. ލަފާ ކުރެވޭ ގޮތުން މިރޭގެ ވަގުތެއްގައި ނަތީޖާ ލިބޭނެ،" ނަސީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮވިޑް-19 މާލެ ތެރޭގައި ފެތުރެން ފެށުމުން މާލެއާ އެކު ރާއްޖޭގެ ހުރިހާ ރަށްތަކެއް ލޮކްޑައުންކުރި އިރު އެ ރަށުގައި ވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެންގުމަށް ހަރުކަށި ފިޔަވަޅުތަކެއް އެޅި އެވެ. އެގޮތުން އާއްމުން އެއްވެ ނޫޅުމާއި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުނުކުރުން ފަދަ ފިޔަޥަޅުތައް އެޅި އެވެ.

ހޯމް ކަރަންޓީންގައި ތިބި ބައެއް މީހުން އެކި ރަށްރަށުން މިހާރު ދަނީ ޕޮޒިޓިވްވަމުންނެވެ. އެގޮތުން ހދ. ނޮޅިވަރަމާއި އއ. ތޮއްޑު އާއި ކ. ހިންމަފުއްޓާއި ރ. ހުޅުދުއްފާރުން ވަނީ ކޮވިޑް-19 އަށް މީހުން ޕޮޒިޓިވްވެފަ އެވެ. އަދި މާލެ ތެރެއިން ޕޮޒިޓިވްވާ ދިވެހިންގެ އަދަދު ވެސް ދަނީ އިތުރުވަަމުންނެވެ.