14 ޖުލައި 2020 - 16:55

މާލެ އިން ރ. ހުޅުދުއްފާރަށް ގޮސް ކަރަންޓީނުގައި ހުންނަން ޖެހޭ މީހަކު، ރަށުތެރޭގައި އުޅޭތީ ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުސްް އޮފީހުން މިއަދު ބުނީ، ކަރަންޓީނުގެ އުސޫލާ ހިލާފުވެގެން ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރުގެ ފިރިހެނަކު ކަމަށެވެ.
އެނގިފައިވާ ގޮތުގައި މިދިޔަ މަހުގެ 30 ގައި ހުޅުދުއްފާރަށް ދިޔަ އެ މީހާގެ ކަރަންޓީނުގެ މުއްދަތު މިއަދު ހަމަވި ނަމަވެސް، މިދިޔަ ދުވަސްތަކުގައި އެކި ފަހަރު މަތިން ވަނީ ރަށުތެރެއަށް ނުކުމެފަ އެވެ. އެކަމާ ގުޅިގެން، ރަށު ކައުންސިލުންނާއި ފުލުހުން ވެސް ވަނީ އޭނާ އަށް ތަކުރާރުކޮށް ނަސޭހަތް ދީފަ އެވެ.
ފުލުހުން ބުނީ، އެ މީހާ ހައްޔަރު ކުރީ، އެ ނަސޭހަތަށް އިޖާބަ ނުދިނުމުން ކަމަށެވެ. އޭނާ 10 ދުވަހަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ކޯޓުން ވަނީ ހުއްދަ ދީފަ އެވެ.
ހުޅުދުއްފާރުގައި ކަރަންޓީނުގައި ހުރި އެހެން މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފަ އެވެ. އެކަމަކު އެ ރަށު ކައުންސިލުން ބުނިގޮތުގައި އޭނާ ހުރީ، އިތުރު އެހެން މީހަކާ ކޮންޓެކްޓް ނުވެ، ހޯމް ކަރަންޓީނުގެ އުސޫލުތަކަ އެއްގޮތަށެވެ.
ރ. އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށް، ދުވާފަަރުގައި ހޯމް ކަރަންޓީނު ވުމަށް ފަހު، ދޫކޮށްލި ބަޔަކު މި މަހުގެ 11 ވަނަ ދުވަހު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެ މީހުން ދޫކޮށްލީ ފުރަތަމަ ކުރި ޓެސްޓުން އެ ބައްޔަށް ނެގެޓިވް ވުމުންނެވެ. އެކަމަކު ދޫކޮށްލި ފަހުން ނެގި ސާމްޕަލް ޕޮޒިޓިވް ވުމުން އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެންގޮސް، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.