ޔޫރަޕުގެ ޖައްވީ އުޅަނދު މާސް އަށް "ވެއްޓުނު ތަން ފާހަގަވެއްޖެ"
ޔޫރަޕުގެ ޖައްވީ އުޅަނދު މާސް އަށް "ވެއްޓުނު ތަން ފާހަގަވެއްޖެ"

ޖާމަނީ (އޮކްޓޯބަރު 22) - ޔޫރަޕުން ޖައްވަށް ފޮނުވި އުޅަނދު ސްކިއާޕެރެއްލީ މާސް އަށް ޖައްސަން އުޅެނިކޮށް "ވެއްޓުނު" ތަން އެމެރިކާގެ ސެޓެލައިޓް ފޮޓޯތަކުގެ އެހީގައި ފާހަގަކުރެވިއްޖެ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ޔޫރަޕުގެ ޖައްވީ އުޅަނދު މާސް އަށް "ވެއްޓުނު ތަން ފާހަގަވެއްޖެ"
ޔޫރަޕުގެ ޖައްވީ އުޅަނދު މާސް އަށް "ވެއްޓުނު ތަން ފާހަގަވެއްޖެ"

މާސް ރެކޮނަސަންސް އޯބިޓާ (އެމްއާރުއޯ) އިން ނަގަފާއިވާ ފޮޓޯތަކުން ވަނީ ޖައްވީ އުޅަނދު މާސް އަށް ތިރިކުރަން ހަމަޖެހިފައިވާ ހިސާބުން ކަޅު ކުލައިގެ ބޮޑު ތަންގަނޑެއް ފާހަގަކުރެވިފަ އެވެ. އެމްއާރުއޯގެ ފޮޓޯތަކުގެ ރިޒޮލިއުޝަން ދަށްވުމުން އެ ފޮޓޯތައް އެހާ ސާފެއް ނޫނެވެ. ބެލެވޭ ގޮތުގައި ސްކިއާޕެރެއްލީ ޖައްސަން އުޅެނިކޮށް ވެއްޓި އެ އުޅަނދު ވަނީ ހަލާކުވެފަ އެވެ.

ސްކިއާޕެރެއްލީ ގެއްލުމުގެ ކުރިން އެއިން ފޮނުވާފައިވާ ޑޭޓާ އިން އެނގޭ ގޮތުގައި އެ އުޅަނދު ބިމަށް ތިރިކުރާ ސިސްޓަމް ރަނގަޅަށް މަސައްކަތްކޮށްފައެއް ނުވެ އެވެ. ސްކިއާޕަރެއްލީގެ ސިގްނަލް "ގެއްލުމުގެ" ކުރިން ވަނީ 600 މެގަބައިޓުގެ ޑޭޑާ ފޮނުވައިފަ އެވެ. އިންޖިނޭރުން މިހާރު ވެސް ވަނީ ސްކިއާޕެރެއްލީގެ ދަތުރުގެ އެކި މަރުހަލާތަކުގައި ފޮނުވާފައިވާ ޓެލެމެޓްރީ ޑޭޓާ އެނަލައިޒް ކުރަމުންނެވެ. ޓެލެމެޓްރީ ޑޭޓާ ދައްކާ ގޮތުން މާސްގެ އެޓްމޮސްފިއާ އަށް ސްކިއާޕެރެއްލީ ވަން އިރު ހުރިހާ ކަމެއް ވެސް ދިޔައީ ރަނގަޅެވެ.

ސްކިއާޕަރެއްލީގެ ވައިކުޑަ މާ އަވަހަށް ދޫކޮށްލާފައިވާ އިރު ސްޕީޑް ކޮންޓްރޯލްކުރާ ރެޓްރޯރޮކެޓް މަސައްކަތްކޮށްފައި ވަނީ މަދު ސިކުންތު ކޮޅަކަށެވެ. އެއީ މަދުވެގެން ބައި މިނިޓަށް މަސައްކަތް ކުރަން ޖެހޭ އެއްޗެކެވެ.

ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީއެސްއޭ) އާއި އެމްއާރުއޯގެ އޮޕަރޭޓަރު އެމެރިކާގެ ޖައްވީ އެޖެންސީ، ނާސާ އިން ބުނީ ފޮޓޯތަކުގައިވާ ސްޕޮޓަކީ ސްކިއާޕެރެއްލީ މާސްގެ ބިމުގައި ޖެހުނު ތަން ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ.

އީއެސްއޭގެ ޑިރެކްޓާ ޖެނެރަލް ޖޭން ވޮއެނާ ވިދާޅުވީ ސްކިއާޕެރެއްލީ ތިރިކުރުމުގެ މަރުހަލާގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި އެއަށް ވީނުވީއެއް ނޭނގުނު ނަމަވެސް އޭގެ ޓެލެމެޓްރީ ޑޭޓާގެ 80 ޕަސެންޓް ލިބިފައިވުމުން އެއީ ކާމިޔާބު މިޝަނެއް ކަމަށެވެ. އަދި މި މައުލޫމާތުގެ އެހީގައި 2021 ވަނަ އަހަރަށް ޑިޒައިން ކުރާ މާސް މިޝަން އިތުރަށް ފުރިހަމަވާނެ ކަމަށް ވިދާޅުވި އެވެ.

ސްކިއާޕަރެއްލީ މާސްގެ ބިމުގައި ސަލާމަތުން ޖައްސަން ގަޑިއަކު 21،000 ކިލޯ މީޓަރު (13،000 މޭލު) ގެ ދުވެލި ސުމަކަށް ތިރިކުރަން ޖެހެ އެވެ. އެކަން ކުރުމަށްޓަކައި އެ އުޅަނދުގައި، ހާއްސަ ރޮކެޓް އިންޖީނުތަކެއް ހަރުކޮށްފައިވެ އެވެ. އީއެސްއޭ އިން ބުނި ގޮތުގައި، ރޮކެޓްތައް ރޯވެ، ހިނގައިގަތް ކަމަށް ބެލެވެނީ، އެހާ ބާރު ސްޕީޑެއްގައި އެ ބިމަށް ވެއްޓެމުން ދިޔަ އުޅަނދު، ހުއްޓުވާލަން އެކަށީގެންވާ ވަރަށް ވުރެ ކުޑަ ވަގުތުކޮޅަކަށެވެ.

ސްކިއާޕެރެއްލީ މާސް އަށް ދިޔައީ އޭގެ "މައި އުޅަނދު" ކަމަށްވާ ޓްރޭސް ގޭސް އޯބިޓާ (ޓީޖީއޯ) އާ އެކު ހަތް އަހަރުގެ ދަތުރަކަށް ފަހު 496 މިލިއަން ކިލޯމީޓަރު (308 މިލިއަން މޭލު) ކަޑައްތުކޮށްފަ އެވެ.

ސްކިއާޕަރެއްލީ ރޮބަޓް ގެއްލިފައިވާ އިރު އެ އެޖެންސީން 2003 ގައި މާސްގެ ބިމަށް ފޮނުވި އުޅުނު ބީގްލް-2 ވަނީ ވެއްޓި ފުނޑިފަ އެވެ. ސްކިއާޕެރެއްލީ ގެއްލުމަކީ، މާ ބޮޑު ނާކާމިޔާބީއެއް ކަމަކަށް އީއެސްއޭ އަކުން ނުދެކެ އެވެ. ސަބަބަކީ އެއީ 2021 ގައި އެ އެޖެންސީން ފޮނުވަން މިހާރު ރާވަމުން އަންނަ މާ ބޮޑު ރޮބަޓެއްގެ ދަތުރުގެ ތަހުލީލުގެ ބަޔަކަށް ވާތީ އެވެ. ސްކިއާޕެރެއްލީ އަކީ އޭގެ ޒާތުގައި ކުޑަ އަދި ވަރަށް މަދު ތަހުލީލުތަކެއް ކުރަން ފޮނުވި އުޅަނދެކެވެ.