އެމެރިކާގެ އިސް ދެބޭފުޅަކާ ދެކޮޅަށް ޗައިނާއިން ފިޔަވަޅު އަޅައިފި
އެމެރިކާގެ އިސް ދެބޭފުޅަކާ ދެކޮޅަށް ޗައިނާއިން ފިޔަވަޅު އަޅައިފި

ބެއިޖިން (ޖުލައި 14) - އެމެރިކާގެ ރިޕަބްލިކަން އިސް ދެ ސެނޭޓަރުން ކަމަށްވާ ޓެޑް ކްރޫޒް އާއި މާކޯ ރޫބިއޯއާ ދެކޮޅަށް ޗައިނާ އިން ފިޔަވަޅު އަޅައިފި އެވެ.

ޗައިނާ އިން މި ފިޔަވަޅު އަޅާފައި ވަނީ ޝިންޖިއާންގެ ވީގޫރް މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ އަމަލު ހިންގި ޗައިނާގެ އޮފިޝަލުންނާ ދެކޮޅަށް އެމެރިކާ އިން ފިޔަވަޅު އަޅާފައި ވަނިކޮށެވެ. ޗައިނާ އިން އެޅި ފިޔަވަޅުތަކުގެ ތަފްސީލް ހާމަކޮށްފައެއް ނުވެ އެވެ.

ޝިންޖިއާންގައި މިލިއަނެއްހާ ވީގޫރް މުސްލިމުން ބަންދުކޮށްގެން ގެންގުޅޭ ކަމަށް ޗައިނާ އަށް ވަނީ ތުހުމަތުކޮށްފަ އެވެ.

ޓެކްސަސް ތަމްސީލްކުރައްވާ ޓެޑް ކްރޫޒް އާއި ފްލޮރިޑާ ތަމްސީލް ކުރައްވާ މާކޯ ރޫބިއާ އަކީ ފާޅުގައި ޗައިނާ އަށް ފާޑު ވިދާޅުވާ ދެ ބޭފުޅުންނެވެ. ކްރޫޒް އާއި ރޫބިއާ ވަނީ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ރިޕަބްލިކަން ނޮމިނޭޝަންގައި ޑޮނަލްޑް ޓްރަމްޕާ ވާދަކުރައްވައިފަ އެވެ.

ޗައިނާ އިން ވަނީ ރިޕަބްލިކަން ކޮންގްރެސް މެންބަރު ކްރިސް ސްމިތާއި އެމްބަސެޑާ-އެޓް-ލާޖް ފޯ އިންޓަނޭޝަނަލް ރިލިޖަސް ފްރީޑަމް ސެމް ބްރޯންބެކްއާ ދެކޮޅަށް ވެސް ފިޔަވަޅު އަޅައިފަ އެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފައި ވަނީ އެ ފިޔަވަޅުތައް އަޅަން ޖެހުނީ އެމެރިކާގެ އަމަލުތައް "ގޯސްވުމުން" ކަމަށެވެ.

"އެމެރިކާގެ ގޯސް ނިންމުންތައް އަނބުރާ ގެންދަން އެނދެން. އަދި ޗައިނާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުން ހުއްޓާލުމަށް ގޮވާލަން،" ފޮރިން މިނިސްޓްރީގެ ތަރުޖަމާން ހުއާ ޗުންޔިން ވިދާޅުވި އެވެ.

ޗައިނާ އިން އެޅި ފިޔަވަޅުތަކުގެ ތަފްސީލް އޭނާ ނުދެއްވި ނަމަވެސް ވިދާޅުވީ ހާލަތަށް ބަލާ އިތުރު ކަންކަން އިއުލާން ކުރާނެ ކަމަށެވެ.

ޝިންޖިއާންގެ ވީގޫރް ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ޗައިނާ އިން ދަނީ ލާއިންސާނީ އަމަލުތައް ހިންގަމުންނެވެ. އެ ގޮތުން އެ މީހުން އިސްލާހު ކުރުމުގެ ނަމުގައި ޖަލުތަކުގައި ބަންދުކުރުމާއި ދީނީ ވާޖިބުތައް އަދާކުރުމަށް އެ މީހުންނަށް ހުރަސް އެޅުން ހިމެނެ އެވެ. ޗައިނާ އިން ބުނެފައި ވަނީ ވީގޫރް މުސްލިމުންނާ ދެކޮޅަށް އެފަދަ އަމަލެއް ނުހިންގާ ކަމަށެވެ.

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒުކުރި އެއް ފަރާތަކީ ކޮމިއުނިސްޓް ޕާޓީގެ ރީޖަނަލް ވެރިޔާ ޗެން ގުއާންގުއޯ އެވެ. ކޮމިއުނިސްޓް ޕާޓީގެ ބާރުގަދަ ޕޮލިޓްބިއުރޯގައި ވެސް ހިމެނޭ ޗެން އަކީ އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އެޅި ޗައިނާގެ އެންމެ އިސް އޮފިޝަލެވެ. ފިޔަވަޅު އެޅި އެހެން އޮފިޝަލުންގެ ތެރޭގައި ޝިންޖިއާން ޕަބްލިކް ސެކިއުރިޓީ ބިއުރޯގެ ޑިރެކްޓަރު ޒޫ ހައިލުން އާއި ޝިންޖިއާންގެ ސީނިއާ ޕާޓީ މެންބަރު ހުއޯ ލިއުޖުން އެވެ. އެ މީހުންނަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި އެ މީހުންނާ އެކު މާލީ އެއްވެސް މުއާމަލާތެއް ހިންގުން މަނާކުރުމާއި އެމެރިކާގައިވާ އެ މީހުންގެ މުދާތައް ހިފެހެއްޓުން ހިމެނެ އެވެ.