14 ޖުލައި 2020 - 13:28

މިއުނިކް (ޖުލައި 14) - ލިވަޕޫލާ އެކު ހަދާފައިވާ ކޮންޓްރެކްޓް ފުރިހަމަކުރުމަށް ފަހު ޔާގެން ކްލޮޕް ދެން ހަވާލުވާނީ ޖަރުމަނު ގައުމީ ޓީމާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޖަރުމަނުގެ މީޑިއާއެއް ކަމަށްވާ ބިލްޑް އިން ރިޕޯޓްކުރާގޮތުގައި 2024 ވަނަ އަހަރު ޖަރުމަނު ގައުމީ ޓީމާ ހަވާލުވުމުގެ ޝައުގުވެރިކަން އެބަހުއްޓެވެ. ބިލްޑްގައި މި ހަބަރު ރިޕޯޓްކޮށްފައިވާ ނޫސްވެރިޔާ ކްރިސްޓިއަން ފާލްކަކީ ކްލޮޕްއާ ގާތްގުޅުމެއް އޮންނަ މީހެކެވެ. ޑޯޓްމަންޑް ދޫކޮށްލައި ކްލޮޕް ކޯޗިން އިން ބްރޭކެއް ނަގައިގެން ހުއްޓައި 2015 ވަނަ އަހަރު އޭނާ ލިވަޕޫލަށް ބަދަލުވާން އުޅޭކަމަށް ފުރަތަމަ ރިޕޯޓްކުރީ ވެސް ފާލްކް އެވެ.
ދާދި ފަހުން ކްލޮޕް ވަނީ ލިވަޕޫލާ އެކު އޭނާ ހަދާފައިވާ އެއްބަސްވުމަށް ފުރިހަމަ އަށް އިހުތިރާމްކުރާނެ ކަމަށް ބުނެފަ އެވެ. އަދި ލިވަޕޫލްގައި އޭނާ ފެށި ޕްރޮޖެކްޓް ފުރިހަމަކުރަން އިތުރު ތިން އަހަރު މަސައްކަތްކުރަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.
ޖަރުމަނު ގައުމީ ޓީމާއި ލިވަޕޫލަށް ކުރިން ކުޅުނު މިޑްފީލްޑަރު ޑިއެޓްމާ ހަމާން ބުނީ ދާދި ފަހުން އޭނާއާ އެކު ބޭއްވި ބައްދަލުވުމެއްގައި ކްލޮޕް ވަނީ ލިވަޕޫލާ އެކު މިހާރު ހަދާފައިވާ ކޮންޓްރެކްޓްގެ ތެރެއިން ފުރިހަމަ ކުރާނެ ކަންތައްތައް ކިޔައިދީފައި ކަމަށެވެ. އޭގެ ތެރޭގައި ލިވަޕޫލްގެ ޒުވާން ޓީމުން ކުރިއަރައިގެން އަންނަ ގިނަ ކުޅުންތެރިންތަކަކަށް ސީނިއާ ޓީމުން ފުރުސަތު ދިނުން ހިމެނެ އެވެ.
މީގެ ކުރިން ވެސް ޖަރުމަނުގެ ފުޓްބޯޅަ އިދާރާ ޑީއެފްބީން ވަނީ ކްލޮޕް ހޯދަން މަސައްކަތްކޮށްފަ އެވެ. އެ ގޮތުން ޑޯޓްމަންޑްގައި ހުއްޓައި އެއް ފަހަރު މަސައްކަތްކުރި އެވެ. އަދި ދާދި ފަހުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު މިހާރު ޖަރުމަނުގެ ކޯޗު ޔަކީމް ލޯއާ އެކު ކޮންޓްރެކްޓް އާ ކުރުމުގެ ކުރިން ކްލޮޕް ގެންނަން މަސައްކަތްކުރި ނަމަވެސް އޭރު ކްލޮޕްގެ މުޅި ފޯކަސް ހުރީ ލިވަޕޫލަށެވެ.
ލިވަޕޫލާ އެކު ކްލޮޕް ވަނީ މިހާތަނަށް ހަތަރު މުބާރާތެއް ކާމިޔާބުކޮށްފަ އެވެ. އެއީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގާއި ޔުއެފާ ސުޕަ ކަޕް، ކްލަބް ވޯލްޑް ކަޕްގެ އިތުރުން މި ފަހަރުގެ އިނގިރޭސި ޕްރިމިއާ ލީގެވެ.
ޖަރުމަނު ޓީވީ އަކަށް މިދިޔަ އަހަރު ދިން އިންޓަވިއުއެއްގައި ކްލޮޕް ބުނީ އޭނާގެ އުމުރުން 70 އަހަރަށް ވުރެން މައްޗަށް ދިއުމުން ޓީމެއްގެ ބެންޗުގައި އިނދެގެން ފުޓްބޯޅައިގެ މަސައްކަތް ނުކުރާނެ ކަމަށެވެ. އަދި އެ ހިސާބަށް ދިއުމުގެ ކުރިން ފުޓްބޯޅައިގައި އޭނާ ހާސިލްކުރަން ބޭނުންވާ ކަންތައްތަކެއް އެބަހުރި ކަމަށާއި އޭގެ ތެރެއިން އެއް ކަމަކީ ގައުމީ ޓީމެއްގައި މަސައްކަތް ކުރުން ކަމަށް ބުންޏެވެ. ކްލޮޕަށް މީގެ ކުރިން ވަނީ މެކްސިކޯ ގައުމީ ޓީމާ ހަވާލުވާން ވެސް ފުރުސަތެއް ލިބިފަ އެވެ.
އުމުރުން 53 އަހަރުގެ ކްލޮޕް ކޯޗިން ކެރިއަރު ފެށީ 2001 ވަނަ އަހަރު މެއިންޒް އިންނެވެ. އެ ޓީމު ޖަރުމަނު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދީ ބޮޑު ކުރިއެރުމެއް ހޯދައިދިނުމަށް ފަހު ދެން އޭނާ ހަވާލުވީ 2008 ވަނަ އަހަރު ޑޯޓްމަންޑާ އެވެ. އެ ޓީމަށް ޖަރުމަނުގެ ޗެމްޕިއަންކަން ހޯދައިދީ ޔޫރަޕްގެ ބޮޑު ބާރަކަށް ހަދައިދިނުމަށް ފަހު 2015 ވަނަ އަހަރު އެ ޓީމު ދޫކޮށްލި އެވެ. ފުޓްބޯޅައިން އެއް އަހަރުގެ ބްރޭކެއް ނަގަން ނިންމި ނަމަވެސް ލިވަޕޫލާ ހަވާލުވާން ފުރުސަތު ލިބުމާ އެކު އޭނާ އެ ޓީމާ ހަވާލުވީ 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގަ އެވެ.