14 ޖުލައި 2020 - 12:14

ބެންގަލޫރު (ޖުލައި 14) - ކޮރޯނާވައިރަހުގެ ކޭސްތައް އިތުރުވާން ފެށުމުން، އިންޑިއާގެ ދެކުނުގެ ބެންގަލޫރު ސިޓީގެ އަށް މިލިއަން މީހުން މިއަދުން ފެށިގެން ހަފުތާއަކަށް ލޮކްޑައުން ކުރަން ނިންމައިފި އެވެ.
މާޗް މަހުން ފެށިގެން އިންޑިއާ ލޮކްޑައުންކުރި ނަމަވެސް ޖޫން މަހު ވަނީ ލޮކްޑައުން އަށް ލުއިދޭން ފަށައިފަ އެވެ. ހަމައެއާ އެކު ބައެއް ސަރަހައްދުތަކުން ކޭސްތައް ވަނީ އިތުރުވާން ފަށައިފަ އެވެ. ނަތީޖާއެއްގެ ގޮތުން އެ ސަރަހައްދުތައް އަލުން ވަނީ ލޮކްޑައުންކުރަން ފަށައިފަ އެވެ.
ކަރްނާޓަކާ ސްޓޭޓުގެ ވެރިރަށް ބެންގަލޫރުން ވަނީ ގާތްގަނޑަކަށް 40،000 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ.
މިއަދުން ފެށިގެން ބެންގަލޫރުގެ ޕަބްލިކް ޓްރާންސްޕޯޓް ހުއްޓުމަކަށް އަންނާނެ އެވެ. ހުޅުވާފައި ހުންނާނީ ހަމައެކަނި އަސާސީ ތަކެތި ވިއްކާ ފިހާރަތަކެވެ. އަޅުކަންކުރާ ހުރިހާ ތަނެއް ބަންދު ކުރާނެ އެވެ. ޝޮޕިން މޯލްތަކާއި ސިނަމާތައް ވެސް ބަންދުވާނެ އެވެ.
ކަރްނާޓަކާ ސްޓޭޓުން ބުނެފައި ވަނީ މިރޭ 8 އިން ފެށިގެން ލޮކްޑައުން ކުރުމަށް ފަހު ދެން ހުޅުވާނީ މި މަހު 22 ވަނަ ދުވަހުގެ ފަތިހު 5 ޖަހާއިރު ކަމަށެވެ.
އިންޑިއާ އިން މިހާތަނަށް ވަނީ 907,645 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 23،727 މީހުން މަރުވެފަ އެވެ.