ގިނަ ގައުމުތަކުގެ މިސްރާބު ހުރީ ގޯސްކޮށް: ޑަބްލިއުއެޗްއޯ
ގިނަ ގައުމުތަކުގެ މިސްރާބު ހުރީ ގޯސްކޮށް: ޑަބްލިއުއެޗްއޯ

ޖެނީވާ (ޖުލައި 14) - ކޮރޯނާވައިރަހާ ދެކޮޅަށް ގިނަ ގައުމުތަކުގެ މިސްރާބު ހުރީ ގޯސްކޮށް ކަމަށާއި އެކަށީގެންވާ ގޮތެއްގައި ގައުމުތަކުން ފިޔަވަޅު ނާޅައިފި ނަމަ ބަލީގެ ހާލަތު "ގޯހުން ގޯހަށް" ދާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން އިންޒާރު ދީފި އެވެ.

ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވީ ކޭސްތައް މާބޮޑުތަން އިތުރު ވަނީ ގައުމުތަކުން އަޅަން ޖެހޭ ފިޔަވަޅުތައް ރަނގަޅަށް ނޭޅުމުން ކަމަށެވެ.

ދުނިޔޭގައި ކޮރޯނާވައިރަހުގެ ހާލަތު އެންމެ ގޯހީ އެމެރިކާ ކޮންޓިނެންޓުގަ އެވެ. މުޅި ދުނިޔެ އިން މިހާތަނަށް 13.2 މިލިއަން މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 575,601 މީހުން މަރުވެފައިވާ އިރު އެމެރިކާ އިން އެކަނި ވަނީ 3.4 މިލިއަން މީހުން ޕޮޒިޓިވްވެފަ އެވެ.

ޖެނީވާގައި ބޭއްވި ނޫސްވެރިންގެ ވާޗުއަލް ބައްދަލުވުމެއްގައި ޓެޑްރޯސް ވިދާޅުވީ ގައުމުތަކުގެ ލީޑަރުންގެ ފަރާތުން ވެސް ލިބެމުން ދަނީ އޮޅުން އަރައި މެސެޖްތައް ކަމަށާއި އެކަމުގެ ސަބަބުން ބަލި ކޮންޓްރޯލް ކުރުމަށް ފިޔަވަޅު އެޅުމަށް އާއްމުންގެ އިތުބާރު ގެއްލޭ ކަމަށެވެ.

"ހަގީގަތަކީ މި ވައިރަހަކީ މިހާރު އެއް ނަމްބަރު ދުޝްމަންކަން. އެކަމަކު ގިނަ ގައުމުތަކުގެ ސަރުކާރުން އެކަމަށް ސަމާލު ކަމެއް ނުދޭ،" ޓެޑްރޯސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސޯޝަލް ޑިސްޓެންސިން އާއި ގިނައިން އަތްދޮވުމާއި މާސްކް އެޅުމަކީ ސީރިއަސްކޮށް ނަގަން ޖެހޭ ކަންކަން ކަމަށެވެ. އެހެން ނޫން ނަމަ އާއްމު ހާލަތަކަށް އަންނަ މަންޒަރު ކައިރި ކުރިމަގެއްގައި ނުފެންނާނެ ކަމަށް ވިދާޅުވި އެވެ.

ޑަބްލިއުއެޗްއޯގެ އިމަޖެންސީ ޕްރޮގްރާމްގެ ޑިރެކްޓަރު ޑރ. މައިކް ރަޔަން ވިދާޅުވީ އެމެރިކާ ކޮންޓިނެންޓުގައި ލޮކްޑައުން އަށް މާއަވަހަށް ލުއިދިނުމުން ވައިރަސް ޓްރާންސްމިޝަން އިތުރުވެފައިވާ ކަމަށެވެ.

ލެޓިން އެމެރިކާ އިން އެކަނި ވަނީ ވައިރަހާ ގުޅުންހުރި 145،0000 މަރު ރިޕޯޓްކޮށްފަ އެވެ. މީގެ ތެރޭން ދެބައިކުޅަ އެއްބައި މީހުން މަރުވެފައި ވަނީ ބްރެޒިލް އިންނެވެ.