14 ޖުލައި 2020 - 09:22

މެންޗެސްޓާ (ޖުލައި 13) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ސައުތެމްޓަނާ 2-2 އިން އެއްވަރުވުމުން މެންޗެސްޓާ ޔުނައިޓެޑުން ތިން ވަނަ އަށް އަރަން ލިބުނު ފުރުސަތު ގެއްލިއްޖެ އެވެ.

މި ބުރުގައި ކުޅުނު މެޗުތަކުން ތިން ވަނައިގައި އޮތް ޗެލްސީ އާއި ހަތަރު ވަނައިގައި އޮތް ލެސްޓާ ސިޓީ ބަލިވުމުން ރޭގެ މެޗުން މޮޅުވެގެން ތިން ވަނަ އަށް އެރުމުގެ ފުރުސަތު ޔުނައިޓެޑަށް އޮތެވެ. އެކަމަކު ފަހު ވަގުތު ސައުތެމްޓަނުން ވައްދާލި ގޯލާ އެކު ޔުނައިޓެޑް އޮތީ ކުރިން ވެސް އޮތް މަގާމު ކަމަށްވާ ފަސް ވަނައިގަ އެވެ.
ކޮންމެ ޓީމަކަށް ބާކީ ތިން މެޗު އޮތްއިރު ގަދަ ހަތަރެއްގެ ފަހު ދެ ޖާގައިގެ ވާދަވެރިކަން އޮތީ ބޮޑުވެފަ އެވެ. ލީގުގެ ޗެމްޕިއަންކަން ލިވަޕޫލުން ކަށަވަރުކޮށްފައިވާއިރު، މެންޗެސްޓާ ސިޓީން ވަނީ ދެ ވަނަ ޔަގީންކޮށްފަ އެވެ. ތިން ވަނައިގައި އޮތް ޗެލްސީ އަށް 60 ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ވަނައިގައި އޮތް ލެސްޓާ އާއި ފަސް ވަނައިގައި އޮތް ޔުނައިޓެޑަށް ލިބިފައިވަނީ 59 ޕޮއިންޓެވެ.
ރޭގެ މެޗުގެ ނަތީޖާއާ އެކު ޔުނައިޓެޑުން ބަލިނުވެ 18 މެޗު ހަމަކުރި ނަމަވެސް އެ ޓީމަށް ލިބުނު މާޔޫސްކަމަކީ ކުރިއަށް ޖެހިލަން ލިބުނު ބޮޑު ފުރުސަތެއް ގެއްލުމެވެ. ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ މި މެޗުން އެ ޓީމަށް ރަނގަޅު ފިލާވަޅެއް ލިބުނު ކަމަށެވެ.
"ފަހު ވަގުތު ގޯލު ވަނުމަކީ ވަރަށް މާޔޫސްވާ ކަމެއް. މިއީ އަހަރެމެން ތިން ޕޮއިންޓް ޔަގީންކޮށްގެން ތިއްބާ ދިމާވި ކަމެއް. ޔަގީނުން ވެސް ކުޅުމާއި މަސައްކަތަށް ބަލާއިރު އަހަރެމެންނަށް ތިން ޕޮއިންޓް ހައްގުނުވާކަން އެ ފެނުނީ. މިއީ ކުރިއަށް ހުރި މެޗުތަކަށް ފިލާވަޅެއް،" ސޯލްޝެއާ ބުންޏެވެ.
ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ގޯލު ޖެހީ ސައުތެމްޓަނުންނެވެ. މެޗުގެ 12 ވަނަ މިނިޓްގައި ޔުނައިޓެޑްގެ ޕައުލް ޕޮގްބާ އަތުން ހެދުނު ގޯހެއްގެ ފައިދާނަގައި ސައުތެމްޓަނަށް ލީޑުނަގައިދިނީ ސްޓުއާޓް އާމްސްޓްރޯންގް އެވެ. ޔުނައިޓެޑުން ވަނީ ގާާތްގާތުގައި ދެ ގޯލު ޖަހައި އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލައިފަ އެވެ. މެޗުގެ 20 ވަނަ މިނިޓްގައި ޔުނައިޓެޑަށް އެއްވަރުކޮށްދިނީ މާކަސް ރެޝްފޯޑް އެވެ. އޭގެ ތިން މިނިޓް ފަހުން ލީޑުނަގައިދިން ގޯލު ޖެހީ އެންތަނީ މާޝިއަލް އެވެ.
ދެ ވަނަ ހާފުގައި ޔުނައިޓެޑްގެ ލީޑުފުޅާކޮށްދޭން ރެޝްފޯޑާއި މާޝިއަލް އަށް ރަނގަޅު ދެ ފުރުސަތެއް ލިބި ވަނީ ބޭކާރުވެފަ އެވެ. ސައުތެމްޓަނުން ބަދަލުތަކެއް ގެނެސްގެން މެޗުގެ ތެރެއަށް ވަންނަން މަސައްކަތްކުރި އެވެ. ސައުތެމްޓަންގެ ނޭތަން ރެޑްމަންޑާއި ޝޭން ލޯންގް ފޮނުވާލި ބޯޅަތައް ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ މަތަކޮށްފަ އެވެ.
ސައުތެމްޓަނަށް އެއްވަރުކޮށްދިނީ އިތުރު ވަގުތުގެ ހަ ވަނަ މިނިޓްގައި މިކައެލް އޮބަފޭމީ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އޮބަފޭމީ މި ގޯލު ޖެހީ ކޯނަރަކުން ލިބުނު ފުރުސަތަކުންނެވެ. ސައުތެމްޓަނުގެ ޖޭމްސް ވޯޑްޕްރައުސް ނަގައިދިން ބޯޅަ އެ ޓީމުގެ ޔެން ބެޑްރަނެކް ބޮލުން ޖައްސާލުމުން އެ ބޯޅަ ލިބުނީ އޮބަފޭމީ އަށެވެ. އޭނާ ވަނީ ފަސޭހަކަމާ އެކު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
މި ފަހަރު ލީގުގައި ސައުތެމްޓަނާއި ޔުނައިޓެޑް ކުޅުނު ދެ މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ. މި ސީޒަނުގެ ކުރީކޮޅުގައި ސައުތެމްޓަނަށް ގިނަ މައްސަލަތަކެއް ދިމާވި ނަމަވެސް އެ ޓީމުގެ ކޯޗު ރަލްފް ހޭޒަންހަޓްލް ވަނީ އެ ޓީމުގެ ފޯމް މުޅިން ބަދަލުކޮށްލައިފަ އެވެ.