ހާޕާޒް ބަޒާރަށް ހުދާ ކައްތާން
ހާޕާޒް ބަޒާރަށް ހުދާ ކައްތާން

ބިއުޓީ އާއި ކޮސްމެޓިކްސް ދާއިރާގެ މަޝްހޫރު ބްރޭންޑްތަކާ އެކު ފަހަކަށް އައިސް އެންމެ ގިނައިން އިވެނީ ބިއުޓީ ބްލޮގަރުންގެ ނަމެވެ. ޔޫޓިއުބް އަދި އިންސްޓަގްރަމް ފަދަ ސޯޝަލް މީޑިއާ ސައިޓުތަކުގެ ސަބަބުން ބްލޮގަރުންގެ މަގުބޫލުކަން އިތުރުވެއްޖެ އެވެ. ސޯޝަލް މީޑިއާގެ ބިއުޓީ ބްލޮގަރުންގެ ތެރެއިން އަރާހުރި އެއް ނަމަކީ ހުދާ ކައްތާން އެވެ. ބައިނަލްއަގްވާމީ މަޖައްލާ ހާޕާޒް ބަޒާރްގެ އެރޭބިއާ މަޖައްލާގެ މި މަހުގެ މަޖައްލާގެ ކަވަރުގައި މިފަހަރު ފީޗާކުރީ ހުދާ އެވެ.

ހުދާ އަކީ ރާއްޖޭގައި ވެސް މަގުބޫލު މޭކަޕް އާޓިސްޓެކެވެ. ގިނަ ބަޔަކު އޭނާގެ އިންސްޓަގްރަމް ފޮލޯކުރުމުގެ އިތުރުން ހުދާގެ "ހުދާ ބިއުޓީ" ކޮސްމެޓިކްސް އަށް ވެސް ޑިމާންޑް ބޮޑުވެ. ހާޕާޒް ބަޒާރް އެރޭބިއާގެ ކަވަ ސްޓޯރީގައި ހުދާގެ ހަޔާތާއި ބްލޮގިން ދުނިޔޭގެ ތަޖުރިބާ ހިއްސާ ކޮށްފައިވެ އެވެ. ހުދާގެ ހުދާ ބިއުޓީ އިންސްޓަގްރަމް ޕޭޖު 15 މިލިއަން މީހުން ފޮލޯ ކުރެ އެވެ.

އޭނާގެ ތަފާތު ބިއުޓީ ވީޑިއޯތަކުގެ ސަބަބުން ގިނަ ބައެއްގެ މެދުގައި އޭނާ މަގުބޫލުވި އެވެ. ހުދާގެ ކޮއްކޮ އާއި ދައްތައާ އެކު އޭނާ ފުރަތަމަ ލޯންޗު ކުރީ ހުދާ ލޭޝަޒް ކަމަށް ހަޕާޒް ބަޒާރަށް ދިން އިންޓަވިއުގައި ބުނެފައިވެ އެވެ.

ދުބާއީގެ އެންމެ ބޮޑު މޯލް ތަކުގެ ތެރޭގައި ހިމެނޭ ސެފޯރާ މޯލްގައި ހުދާ ބިއުޓީ ލެޝަޒް ވިއްކަން ފެށި އެވެ. އޭނާ ބުނިގޮތުގައި ލޭޝަޒް އުފައްދަން އޭނާ ވަރަށް ގުނަ މަސައްކަތް ކުރި އެވެ. އޭނާ ލޭޝަޒް ވިއްކަން ފެށި އިރު އެއްވެސް މަންފާއެއް ނުލިބޭ ކަމަށް ހުދާ ބުނެފައިވެ އެވެ. ނަމަވެސް، އެމެރިކާގެ ސެފޯރާއަށް މިހާރު އޭނާގެ ކޮސްމެޓިކް ޕްރޮޑަކްޓްތައް ވަނީ ވިއްކަން ފަށައިފަ އެވެ. އަދި މިހާރު 3000 ހުދާ އައިލޭޝް ކޮންމެ ހަފުތާއަކު ވިކޭ ކަމަށް އޭނާ ފަހުރުވެރިކަމާއެކު ފާހަގަކުރި އެވެ.

އުމުރުން 33 އަހަރުގެ ހުދާގެ ކޮސްމެޓިކް ރޭންޖުގެ ތެރޭގައި ލިޕްސްޓިކް އަދި އައިޝެޑޯ ޕެލެޓް ވެސް މިހާރު ހިމެނެ އެވެ. މި ދެ ޕްރޮޑަކްޓަށް ވެސް ރާއްޖޭގެ އެކި އޮންލައިން ފިހާރަތަކުގައި ބޮޑު ޑިމާންޑެއް އޮވެ އެވެ.

އިރާގަށް ނިސްބަތްވާ ހުދާ އުފަންވީ އެމެރިކާގެ އޮކްލަހާމާ އަށެވެ. ނަމަވެސް މިހާރު އޭނާ ދިރިއުޅެނީ ދުބާއީގަ އެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ދުބާއީ އަކީ ގިނަ ފުރުސަތުތަކެއް ފަހިވާ ގައުމެކެވެ. ހުދާ ބޭނުންވަނީ އެހެން ބްލޮގަރުންނަށް ހިތްވަރުދޭންކަމަށް އޭނާ ބުނެފައިވެ އެވެ. ރަނގަޅު މަންމައެއް އަދި ކާމިޔާބު އަންހެން ވިޔަފާރިވެރިއެއްގެ ގޮތުގައި ފެންނަން ބޭނުންވާ ކަމަށް ވެސް ހާޕާޒް ބަޒާރްގައި ހުދާ ބުނެފައިވެ އެވެ.