ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 31 މީހުން
ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 31 މީހުން

ރާއްޖެ އިން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިދިޔަ ތިން ދުވަހު މައްޗަށް ދިޔަ ނަމަވެސް މިއަދުގެ ނަމްބަރު 31 އަށް ދަށަށް ހިނގައްޖެ އެވެ.

މާޗް 7 ގައި ރާއްޖެ އިން ކޮވިޑް-19 ފެނުނު ފަހުން، އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ދިވެހިންނަށް އެ ބަލި ޖެހުނީ އިއްޔެ ކަމަށް ވިޔަސް މިއަދުގެ އަދަދަކީ 22 އެވެ. ކޮވިޑް-19 އަށް އިއްޔެ 67 މީހަކު ޕޮޒިޓިވް ވެފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ 52 ދިވެހިންނެވެ.

އިއްޔެގެ ހަވީރު 6 ން މިއަދު ހަވީރު 6 އާ ހަމައަށް އެޗްޕީއޭ އިން ހާމަކުރި ހިސާބުތަކަށް ބަލާއިރު، ކޮވިޑް-19 އަލަށް 31 މީހުންނަށް ޖެހުނުއިރު، އޭގެ ތެރޭގައި ހިމެނެނީ ދިވެހިންގެ 22 މީހުންގެ އިތުރުން ބަންގްލަދޭޝްގެ އަށް މީހަކާއި އިންޑިއާގެ އެކެކެވެ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ ހަ މީހެކެވެ.

ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 2،290 މީހަކު ރަނގަޅު ވެފައިވާއިރު، ފަރުވާގައި ތިބީ 444 މީހެކެވެ. ރާއްޖެ އިން 2،762 މީހަކަށް އެ ބަލި ވަނީ ޖެހިފަ އެވެ. އޭގެ ތެރެއިން މަރުވީ 13 މީހެކެވެ.

މިދިޔަ ތިން ދުވަހު ރާއްޖެ އިން އަލަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު އުޅެނީ 67، 47 އަދި 64 ގަ އެވެ. މިއީ އޭޕްރީލް 15 ގައި މާލެ ސަރަހައްދުގައި އިއުލާންކުރި ލޮކްޑައުން އަށް މި މަހުގެ 1 ގައި ބޮޑު ލުޔެއް ދިން ފަހުން އަދަދު މިހާ ބޮޑަށް މަތިވި ތިން ދުވަހެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރޭގައި ގިނައީ ބަންގްލަދޭޝްގެ މަސައްކަތްތެރިންނެވެ. ރާއްޖޭގައި މަސައްކަތް ކުރާ އެ ގައުމުގެ 1،336 މީހަކު ޕޮޒިޓިވްވެފައިވާއިރު، ދިވެހިންގެ އަދަދަކީ 1،104 އެވެ. ދެން އެންމެ ގިނަ އިންޑިއާގެ މީހުންގެ އަދަދަކީ 234 އެވެ.