13 ޖުލައި 2020 - 14:14

ޒިއުރިކް (ޖުލައި 13) - ޔޫރަޕްގެ މުބާރާތްތަކުން ކުރިއަށް އޮތް ދެ ސީޒަނަށް ސަސްޕެންޑްކޮށްފައިވާ މެންޗެސްޓާ ސިޓީގެ އިސްތިއުފާނުގެ މައްސަލަ ބަލައި ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އިން އެ ސަސްޕެންޝަން އުވާލައިފަ އެވެ.
ސިޓީ ސަސްޕެންޑް ކުރަން މިދިޔަ ފެބްރުއަރީ މަހު ޔުއެފާ އިން ނިންމީ އެ އިދާރާ އިން ކުރި ދިގު ތަހުގީގަކަށް ފަހު އެވެ. ސިޓީ އަށް އަދަބު ދިނީ ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)ގެ އުސޫލުތަކާ ހިލާފުވެފައި ވާތީ އާއި ޔުއެފާ ކްލަބް ލައިސަންސިންގައި މަކަރު ހަދާފައި ވާތީ އެވެ.
އޭރު މީޑިއާތަކުން އާންމު ކޮށްފައިވާ ސިޓީގެ ލިޔެކިއުންތަކުގައިވާ ގޮތުން ސިޓީން އެފްއެފްޕީ ގަވާއިދުތަކާ ހިލާފަށް ކްލަބަށް ފައިސާ އެތެރެ ކުރުމުގައި މަކަރު ހަދާފައިވަނީ އެކި ސްޕޮންސަރުން މެދުވެރިކޮށް ކްލަބަށް ހަރަދުކޮށްގެންނެވެ. އެ ހަރަދުތަކުގެ ތަފްސީލެއް ސިޓީގެ އެއްވެސް ރަސްމީ އެކައުންޓްތަކުން ނުހިމަނައި ކަމަށް ޔުއެފާގެ ތަހުގީގުން ހާމަވެ އެވެ. އެފްއެފްޕީ ގަވާއިދާ ހިލާފުވެގެން ޔުއެފާ އިން މީގެ ކުރިން ވެސް ވަނީ ސިޓީ އަށް 2014 ވަނަ އަހަރު ފިޔަވަޅު އަޅައިފަ އެވެ. އެ ފަހަރު 49 މިލިއަން ޕައުންޑުން ޖޫރިމަނާ ކުރުމަށް ފަހު، އެ އަހަރުގެ ޗެމްޕިއަންސް ލީގުގައި ސިޓީގެ ސްކޮޑު މަދުކުރަން ނިންމީ އެވެ.
ޔުއެފާ އިން މި ފަހަރު ސިޓީ އަށް އަދަބު ދިނުމާ އެކު އެ ކްލަބުން ވަނީ އެއީ އިންސާފުން ކުރި ކަމެއް ކަމަށް ނުބެލެވޭ ކަމަށް ބުނެފަ އެވެ. އަދި ވަގުތުން މައްސަލަ ސީއޭއެސް އަށް ހުށަހެޅި އެވެ. ސީއޭއެސް އިން މިދިޔަ މަހު މައްސަލައިގެ އަޑުއެހުންތަކެއް ބާއްވައި މިއަދު ނިންމީ ސިޓީ އަށް ދީފައިވާ ސަސްޕެންޝަން އިންސާފުވެރި ނޫން ކަމަށެވެ. އަދި ސިޓީގެ ބައެއް ހަރަދުތަކުގައި މައްސަލަތަކެއް ހުރިކަމަށާއި އެކަންކަމަކީ ޔުއެފާގެ ކްލަބް ފައިނޭންޝިއަލް ކޮންޓްރޯލް ބޮޑީ (ސީއެފްސީބީ)އާ ގުޅިގެން ހައްލުކުރެވޭނެ ކަންތައްތަކެއް ކަމަށާއި އެކަންކަން ވީ އެންމެ އަވަހަކަށް ފުރިހަމަކުރަން އެދޭ ކަމަށެވެ.
ކޯޓުގެ މި ނިންމުމަށް އިހުތިރާމްކުރާކަމަށް ބުނެ ޔުއެފާ އިން ވަނީ ބަޔާނެއް ނެރެފަ އެވެ. ސިޓީގެ ކަންތައްތަކަށް ރަނގަޅު ހައްލެއް ގެނައުމަށް ޔުއެފާ އިން އިތުރު މަސައްކަތްތަކެއް ކުރިއަށް އޮތްތަނުގައި ކުރާނެ ކަމަށެވެ. ސިޓީން ހުށަހެޅި މި މައްސަލައިގެ ސަބަބުން ވެސް ޔުއެފާގެ ނިންމުންތައް ނިންމަން ކުރިއަށް އޮތްތަނުގައި ފަސޭހަތަކެއް ވެގެންދާނެ ކަމަށް ޔުއެފާ އިން ބުނެ އެވެ.
ސިޓީ އަށް އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގު ކުޅުމުގެ ފުރުސަތު ނުލިބިއްޖެނަމަ އެ މަގާމު ދޭން ނިންމީ ޕްރިމިއާ ލީގުގެ ފަސް ވަނައިގައި ނިންމާ ޓީމަކަށެވެ. އެކަމަކު މިހާރު ސިޓީ އަށް ޗެމްޕިއަންސް ލީގުގައި ކުޅެވޭނެކަން ކަށަވަރުވުމާ އެކު ޕްރިމިއާ ލީގުން ޗެމްޕިއަންސް ލީގަށް ކޮލިފައިވާނީ ގަދަ ހަތަރެކެވެ. ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން 5-0 އިން ބްރައިޓަން ބަލިކުރުމަށް ފަހު ސިޓީ ވަނީ ލީގުގެ ދެ ވަނަ ކަށަވަރުކޮށްފަ އެވެ. ސީއޭއެސްގެ މިއަދުގެ ނިންމުމާ އެކު ލީގުގެ ދެ ވަނައިގެ ހައިިސިއްޔަތުން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް ސިޓީ އަށް ވަނީ ޔަގީންވެފަ އެވެ.
ސީއޭއެސްގެ މި ނިންމުމާ އެކު ސިޓީގައި ގާޑިއޯލާގެ މުސްތަގުބަލާ މެދު ގޮތެއް ނިންމަން ވެސް މިހާރު ފަސޭހަވާނެ އެވެ. އަންނަ ސީޒަނުގެ ނިޔަލަށް ސިޓީގެ ކޮންޓްރެކްޓްގައި ގާޑިއޯލާ ހުރިއިރު، ސިޓީގެ ސަސްޕެންޝަނަށް ލުޔެއް ނުލިބުނު ނަމަ އަންނަ އަހަރަށް ފަހު ގާޑިއޯލާ ސިޓީ ދޫކޮށްލުމުގެ ފުރުސަތު އޮތެވެ. ގާޑިއޯލާ ދާދި ފަހުން ބުނީ ސިޓީގެ ވެރިން އޭނާ ބަހައްޓަން ބޭނުންނަމަ އެ މަގާމުގައި ދެމިހުންނަން ބޭނުންވާ ކަމަށާއި އަދި ވަކި ކަންތައްތަކެއް ފުރިހަމަވާން ޖެހޭނެ ކަމަށެވެ. އޭނާ އޭރު އިޝާރާތް ކުރީ ޗެމްޕިއަންސް ލީގުގައި ކުޅެވޭނެ ގޮތް ވުމަށެވެ.
ސިޓީ އަކީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ފޭވަރިޓެކެވެ. ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ރެއާލް މެޑްރިޑްގެ ދަނޑުގައި ސިޓީ ވަނީ 2-1 އިން މޮޅުވެފަ އެވެ.