22 އޮކްޓޯބަރ 2016 - 12:38

އެހެން ގައުމަކަށް އެތެރެކުރުމުގެ މަގުސަދުގައި ބޮލީވިއާ އަންހެނަކު ރާއްޖެ ގެނައި ދެ ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
ކަސްޓަމްސްއިން މިއަދު ބުނީ ބްރެޒިލުން މިދިޔަ ހޯމަދުވަހު އައި އެ އަންހެންމީހާ ރާއްޖެ ބޭނުންކުރީ ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގަ އެވެ. އެއާޕޯޓްގައި އޭނާ އުޅުނު ގޮތުން ކަސްޓަމްސް އޮފިސަރުންނަށް ޝައްކުވެގެން ފޮށި ބެލި އިރު ދެ ކިލޯގެ ކޮކެއިން ފެނުނު ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.
އަންހެންމީހާ ހައްޔަރުކޮށް، މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.
މިއީ މި ފަހަކަށް އައިސް ރާއްޖެ އިން ހައްޔަރުކުރި ބޮލީވިއާގެ ދެވަނަ އަންހެންމީހާ އެވެ. މިދިޔަ މަހުގެ 26 ވަނަ ދުވަހު 2.8 ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި މީހާ ވެސް ރާއްޖެ އައީ ބްރެޒިލުންނެވެ.
ކަސްޓަމްސް އިން ބުނި ގޮތުގައި މި މަހު 11 ގައި ރާއްޖެ އައި މީހެއްގެ އަތުން 840 ގްރާމްގެ މަސްތުވާތަކެތި ވަނީ ހޯދައިފަ އެވެ.