ރަޝިއާ ވޯލްޑް ކަޕުގެ މެސްކޮޓަކީ ހިޔަޅެއް
ރަޝިއާ ވޯލްޑް ކަޕުގެ މެސްކޮޓަކީ ހިޔަޅެއް

މޮސްކޯ (އޮކްޓޯބަރު 22) - ރަޝިއާގައި 2018 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ މެސްކޮޓަކަށް ޒަބިވަކާގެ ނަމުން ނަން ދީފައިވާ ހިޔަޅެއް ހަމަޖައްސައިފި އެވެ.

އިންގްލެންޑުގައި 1966 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުން ފެށިގެން ފީފާ އިން އަންނަނީ ކޮންމެ ވޯލްޑް ކަޕަކަށް މެސްކޮޓެއް ތައާރަފްކުރަމުންނެވެ. މެސްކޮޓުގެ ގޮތުގައި ހަމަޖައްސަނީ، އެ ގައުމަކަށް ހާއްސަ ޖަނަވާރެއް، ދޫންޏެއް ނުވަތަަ މީހެއްގެ ކާޓޫން ކެރެކްޓާއެކެވެ.

ރަޝިއާގެ މެސްކޮޓަކަށް ހިޔަޅު ހަމަޖެއްސީ އިންޓަނެޓް މެދުވެރިކޮށް ނެގި ވޯޓަކުން ކުރި ލިބުމުންނެވެ. ހިޔަޅަށް 53 ޕަސެންޓް ވޯޓްލިބުނު އިރު ދެން ހުށަހެޅި ސިންގާ އަށް ލިބުނީ 27 ޕަސެންޓް ވޯޓެވެ. އަދި ބުޅަލަށް ލިބުނީ 20 ޕަސެންޓެވެ.

ރަޝިއާގެ ކުޅިވަރާ ބެހޭ ވަޒީރު ވިޓާލީ މުޓްކޯ ވިދާޅުވީ ރަޝިއާގައި އަންނަ އަހަރު ބާއްވާ ކޮންފަޑެރޭޝަންސް ކަޕާއި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ތެރޭގައި މި މެސްކޮޓް ސަޕޯޓަރުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މެސްކޮޓް ތައާރަފްކޮށްދިނީ 1994 އަދި 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ބްރެޒިލާ އެކު ކާމިޔާބުކުރި މަޝްހޫރު ފޯވާޑް ރޮނާލްޑޯ އެވެ. އޭނާ ބުނީ މެސްކޮޓުގެ ސަބަބުން ސްޓޭޑިއަމަށް އުފާވެރިކަމާއި ފޯރި ގެނެސްދޭ ކަމަށެވެ.

ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުގެ މެސްކޮޓަކީ ފުލެކޯގެ ނަން ދީފައިވާ ޖަނަވާރެކެވެ. އެންމެ ބޮޑު މަޝްހޫރުކަމެއް ލިބިގެން ދިޔައީ 1998 ވަނަ އަހަރު ފްރާންސުގައި ބޭއްވި ވޯލްޑް ކަޕުގެ މެސްކޮޓަކަށް ހަމަޖެއްސި ރަތްހާލަށެވެ.