13 ޖުލައި 2020 - 11:22

ލަންޑަން (ޖުލައި 13) - ކްރިސްޓަލް ޕެލަސްގެ ވިންގާ ވިލްފްރިއެޑް ޒަހާއާ ނަސްލީ ގޮތުން ފުރައްސާރަކުރި 12 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފި އެވެ.
އޭނާއާ ނަސްލީ ގޮތުން ދިމާކޮށް އިންޓަނެޓުން މެސެޖްތަކެއް ލިބުނުކަމަށް ޒަހާ ބުނީ އިއްޔެ އެސްޓަން ވިލާ އަތުން 2-0 އިން ކްރިސްޓަލް ޕެލަސް ބަލިވި މެޗުގެ ކުރިންނެވެ. ޒަހާގެ މި ވާހަކަތަކާ އެކު ވެސްޓް މިޑްލަންޑް ފުލުހުން ވަނީ މި މައްސަލަ ތަހުުގީގުކުރަމުން އަންނަ ކަމަށް ބުނެފަ އެވެ. އޭގެ ގަޑިއިރުތަކެއް ފަހުން ފުލުހުން މީޑިއާ އަށް ދިން މައުލޫމާތުގައި ބުނެފައިވަނީ ޒަހާ އަށް މެސެޖުކުރި ފިރިހެން ކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ ކުއްޖާ ހައްޔަރުކުރުމުގައި އާންމުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރުއަދާކޮށްފަ އެވެ. އަދި އެއްވެސް އުމުރެއްގައި ނަސްލީ ތަފާތުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ފުލުހުންގެ އޮފިޝަލަކު ވަނީ ބުނެފަ އެވެ.
ކްރިސްޓަލް ޕެލަސްގެ ކޯޗު ރޯއީ ހޮޖްސަން ބީޓީ ސްޕޯޓްސް އަށް ބުނީ ޒަހާ މި ވާހަކަތައް މީޑިއާގައި ދެއްކުމަކީ ހަގީގަތުގައި ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި ނަސްލީ ތަފާތުކުރުމާ ދެކޮޅަށް ކުރެވޭ ކޮންމެ ކަމެއްގެ ވާހަކަ ދައްކައި އެކަމުގައި ޝާމިލުވާ ފަރާތްތަކަށް ހައްގު އަދަބު ދޭން ޖެހޭ ކަމަށެވެ.
"މިއީ އެއްވަރަކަށް ވެސް ދޫދެވިގެންވާނެ ކަމެއް ނޫން. މީގައި ބަލަން ޖެހޭނެ ކަމަކީ އެކަން އެއްކޮށް ނައްތާލަން. ނަސްލީ ގޮތުން ދިމާކުރުމަކީ އެއްވެސް ފެންވަރެއްގައި ދޫކޮށްލައިގެން ވާނެ ކަމެއް ނޫން. އަހަރެން އަބަދުވެސް ތާއީދުކުރަނީ މި ގޯސް އަމަލު ހިންގާ އެންމެނަށް ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދިނުން،" ހޮޖްސަން ބުންޏެވެ.
ޒަހާއާ ދިމާކޮށްލަން ކުރި މެސެޖްތައް އޭނާ ވަނީ ޕްރިމިއާ ލީގާ ވެސް ހިއްސާކޮށްފަ އެވެ. މީގެ ދެ ހަފްތާ ކުރިން ޕްރިމިއާ ލީގުން ވަނީ އޮންލައިންކޮށް ކުރިމަތިވާ ނަސްލީ ތަފާތުުކުރުމާ އެ ފަދަ ކަންތައްތަކާ ގުޅޭގޮތުން ރިޕޯޓްކުރަން ޕޯޓަލެއް ގާއިމުކޮށްފަ އެވެ.
"މި އަމަލަކީ (ޒަހާއާ ނަސްލީ ގޮތުން ދިމާކުރުމަކީ) އަހަރެމެން ޕްރިމިއާ ލީގުގައި ވާން އެދޭ ކަމެއް ނޫން. ޕްރިމިއާ ލީގުން ގަބޫލުކުރާ އުސޫލަކީ ހަމަހަމަކަން. ނަސްލީ ތަފާތު ކުރުމަށް ޖާގައެއް ނެތް. އަހަރެމެން މި ތިބީ ޒަހާއާ އެކު،" ޕްރިމިއާ ލީގުގެ އޮފިޝަލަކު ބުންޏެވެ.
ނަސްލީ ތަފާތު ކުރުމާ ދެކޮޅަށް މި ވަގުތު ވެސް ޕްރިމިއާ ލީގުން އަންނަނީ "ބްލެކް ލައިވްސް މެޓާ" ކެމްޕެއިނެއް ހިންގަމުންނެވެ. އެއީ ދާދި ފަހުން އެމެރިކާގެ ކަޅު ނަސްލުގެ ރައްޔިތެއް ކަމަށްވާ ޖޯޖް ފްލޮއިޑް ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ފުލުހަކު އޭނާގެ ކަރަށް ކަކުލުން އަރައި މަރާލާފައިވާތީ އެކަމާ ގުޅިގެން ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް ފެށި ކެމްޕެއިނެކެވެ. ޕްރިމިއާ ލީގުގެ ކޮންމެ މެޗެއް ފެށުމުގެ ކުރިން ކަކޫ ޖައްސައިގެން ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް ސުކޫތެއް ގެނެ އެވެ. އަދި ލީގުގެ ކޮންމެ ޓީމެއްގެ އަތުގައި "ބްލެކް ލައިވްސް މެޓާ" ކެމްޕެއިންގެ ބެޖެއް ޖަހާފައިހުރެ އެވެ.