"ޝޭރްނީ" ގައި ވިދިޔާ ބާލަން ފޮރެސްޓް އޮފިސަރެއްގެ ގޮތުގައި
"ޝޭރްނީ" ގައި ވިދިޔާ ބާލަން ފޮރެސްޓް އޮފިސަރެއްގެ ގޮތުގައި

ވިދިޔާ ބާލަން ފޮރެސްޓް އޮފިސަރެއްގެ ރޯލް ކުޅޭ ފިލްމު "ޝޭރްނީ" ގެ ޝޫޓިން ކޮވިޑާ ހެދި ހުއްޓިފައި އޮތުމަށް ފަހު، އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޝޫޓިން ފަށަން ތައްޔާރުވާން ފަށައިފި އެވެ.

މިކަމާ ބެހޭ ގޮތުން ފިލްމުގެ ޑައިރެކްޓަރު އަމިތު މަސޫރްކަރް ބުނީ އަންނަ މަހުގެ ތެރޭގައި ޝޫޓިން ޝެޑިއުލް އަލުން ރޭވުމަށް ފަހު، ސެޕްޓެމްބަރު މަހުގެ ތެރޭގައި އަލުން މަސައްކަތް ފަށާނެ ކަމަށެވެ. ދެހާސް ސަތާރަ ވަނަ އަހަރު އިންޑިއާ އިން އޮސްކާ އެވޯޑްސްގެ ފޮރިން ލެންގްއޭޖް ފިލްމު ކެޓަގަރީ އަށް ފޮނުވި ފިލްމު "ނިއުޓަން" ގެ ޑައިރެކްޓަރު ބުނީ މި ދުވަސްކޮޅަކީ ވިއްސާރަ މޫސުން ވެސް ކަމަށްވުމާ އެކު، މޫސުން އަލިވަންދެން އެއްކޮށް މަޑުކޮށްލަން ޖެހޭ ކަމަށެވެ.

"ޝޭރްނީ" ގެ ގިނަ މަންޒަރުތަކަކީ ޖަންގަލި ތެރޭގައި ނަގަން ޖެހޭ ފިލްމެކެވެ. މީގައި ދައްކުވޭދޭނީ އިންސާނުންގެ ފަރާތުން ޖަނަވާރުންނާއި އެ އެއްޗެހީގެ މާހައުލަށް ކުރިމަތިވާ ނޭދެވޭ ކަންކަމާ ދެކޮޅަށް ފޮރެސްޓް އޮފިސަރަކު ކުރާ މަސައްކަތެވެ.

މި ފިލްމުގެ ޝޫޓިން ފެށީ ކޮވިޑް-19އާ ދިމާކޮށް އިންޑިއާގައި މާޗް މަހުގެ 22 ގައި ލޮކްޑައުން އިއުލާންކުރުމުގެ ކުރިން އެ މަހުގެ 3 ވަނަ ދުވަހު އެވެ. އޭރު ކާސްޓާއި ކްރޫ މަދިޔަ ޕްރަދޭޝްގައި "ޝޭރްނީ" ގެ މަންޒަރުތަކެއް ނަގާފައިވެ އެވެ. އެކަމަކު ފިލްމުގެ ޝޫޓިންގެ ބޮޑު ބައި އަދި ކުރިއަށް އޮތީ އެވެ.

މި ފިލްމަކީ ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކުރާ ފިލްމެކެވެ. އާސްތާ ޓީކޫގެ ސްކްރީންޕްލޭއަކަށް ހަދާ ފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެ އިރެއް އަދި އިއުލާނެއްނުކުރެ އެވެ.

ވިދިޔާގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 31 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރިމިއާކުރާ ބައޮގަރްފިކަލް ޑްރާމާ "ޝަކުންތަލާ ދޭވީ" އެވެ.