12 ޖުލައި 2020 - 22:25

މިހާތަނަށް އެއް ދުވަސް ތެރޭ ކޮވިޑް-19 އަށް ޕޮޒިޓިވް ނުވާހާ ގިނައިން ދިވެހިން އެ ބައްޔަށް ޕޮޒިޓިވްވެ ރާއްޖޭގައި މި ބަލި ޖެހުނު ދިވެހިންގެ އަދަދު ހާހަކަށް ވުރެ މައްޗަށް ހިނގައްޖެ އެވެ.
އެޗްޕީއޭ އިން މިރޭ އާންމުކުރި ހިސާބުތަކުގައިވާ ގޮތުން އިއްޔެ އިރުއޮއްސި 6:00 އިން މިއަދު ހަވީރު 6:00 އަށް 67 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާއިރު އޭގެ ތެރޭގައި 52 ދިވެހިން ހިމެނެ އެވެ. މިއީ މީގެ 127 ދުވަސް ކުރިން ރާއްޖޭން މި ބަލި ފެނުނު ފަހުން އެއް ދުވަހެއްގައި މިހާތަނަށް އެންމެ ގިނަ އަދަދަކަށް ދިވެހިންނަށް ބަލި ޖެހުނު ދުވަހެވެ. މި އަދަދާ އެކު ބަލި ޖެހުނު ދިވެހިންގެ އަދަދު ވަނީ 1،082 އަށް އަރައިފަ އެވެ.
މިއަދު ބަންގްލާދޭޝް 14 މީހަކަށާއި އިންޑިއާ މީހަކަށް ވެސް ބަލި ޖެހިފައިވެ އެވެ. އެއާ އެކު މިހާތަނަށް ރާއްޖޭން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 2،731 އަށް އަރައިފަ އެވެ.
ބަލި ޖެހުނު މީހުންގެ ތެރެއިން މިއަދު އަލަށް 16 މީހަކު ރަނގަޅުވެ، މިހާތަނަށް ރަނގަޅުވި މީހުންގެ އަދަދު ވަނީ 2،284 އަށް އަރައިފަ އެވެ. އެހެންވެ ބަލީގައި މަރުވި 13 މީހުންނާއި ބަލި ޖެހިފައިވަނިކޮށް ރާއްޖޭން ފުރައިގެން ގޮސްފައިވާ ފަސް މީހުން ނުހިމަނައި ރާއްޖޭގައި މިހާރު ތިބި ކޮވިޑް-19 ޖެހިފައިތިބި މީހުންގެ އަދަދަކީ 429 އެވެ.
ބަލި ޖެހުނު ދިވެހިންގެ އަދަދު 1،080 އަށް އަރާފައި ވާއިރު އެންމެ ގިނައިން ބަލި ޖެހިފައިވަނީ ބަންގްލާދޭޝް މީހުންނަށެވެ. ރާއްޖޭގައި އުޅޭ ބަންގްލާދޭޝްގެ 1،328 މީހަކަށް ވަނީ ބަލި ޖެހިފަ އެވެ. ދެން އެންމެ ގިނައީ އިންޑިއާ މީހުންނެވެ. އެއީ 233 އެވެ. އަދި ސްރީ ލަންކާގެ 19 މީހަކަށް ވެސް ބަލި ޖެހިފައިވެ އެވެ.
ބަލި ޖެހޭ ދިވެހިންގެ އަދަދު އިތުރުވެފައިވަނީ މާލޭގައި ބަލި ފެތުރެން ފެށުމާ އެކު އިއުލާނުކުރި ލޮކްޑައުން އަށް ލުއިތައް ދެމުން ގޮސް މި މަހު 1 ގައި ބޮޑެތި ލުއިތަކެއް ދިން ފަހުންނެވެ. މި ލުއިތަކުގެ ތެރޭގައި އޮފީސްތަކާއި ކެފޭތަކާއި މިސްކިތްތައް ހުޅުވުން ވެސް ހިމެނެ އެވެ. އަދި މި މަހުގެ 15 އިން ފެށިގެން ބޯޑަރު ހުޅުވާލައި ޓޫރިޒަމް ފެށުމަށް ވެސް ވަނީ ނިންމައިފަ އެވެ.
މިހާތަނަށް އެއް ދުވަހު އެންމެ ގިނަ ދިވެހިން ޕޮޒިޓިވް ވެފައި ވަނީ މެއި މަހުގެ 15 ވަނަ ދުވަހު އެވެ. އެއީ 39 އެވެ. ދެން އެންމެ ގިނައިން ދިވެހިން ޕޮޒިޓިވްވީ މި މަހު 9 ގަ އެވެ. އެއީ 38 އެވެ.
ރޭގެ ޕްރެސް ކޮންފަރެންސްގައި އެޗްޕީއޭ އިން ބުނެފައިވަނީ ކޭސްތައް ގިނަވި ކަމުގައި ވިޔަސް އަދި ހާލަތު ގޯސް ނޫން ކަމަށާއި އެކަމަކު ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ. ލުއިތައް ދީފައި ވިޔަސް ބަލިން ރައްކާތެރިވެ ތިބުމަށް އަޅަން އިލްތިމާސްކޮށްފައިވާ ފިޔަވަޅުތައް އަޅައިގެން އުޅުމުން އެޗްޕީއޭ އިން އަންނަނީ އިލްތިމާސްކުރަމުންނެވެ.