ވެކްސިން ލިބެން ޖެހޭނީ އެންމެ މަތިން ބިޑްކުރާ މީހާއަކަށް ނޫން: ބިލް ގޭޓްސް
ވެކްސިން ލިބެން ޖެހޭނީ އެންމެ މަތިން ބިޑްކުރާ މީހާއަކަށް ނޫން: ބިލް ގޭޓްސް

ޖެނީވާ (ޖުލައި 12) - ކޮރޯނާވައިރަހަށް އުފައްދާ ވެކްސިން ލިބެންޖެހޭނީ "އެންމެ މަތިން ބިޑްކުރާ މީހާ" އަށް ނޫން ކަމަށާއި އެކަމަކު އެންމެ އާދައިގެ މީހާ އަށް ކަމަށް އެމެރިކާގެ ބިލިއަނަރު ބިލް ގޭޓްސް ވިދާޅުވެއްޖެ އެވެ.

"އެންމެ ބޮޑަށް ބޭނުންވާ މީހާ ހުއްޓައި އެންމެ މަތިން ބިޑްކުރާ މީހާ އަށް ވެކްސިން ލިބޭ ގޮތް ވެއްޖެ ނަމަ، ވަރަށް ބޭއިންސާފު، ނުރައްކާތެރި ހާލަތަކާ ކުރިމަތިވާނެ،" ކޮވިޑް-19 އާ ގުޅޭ ގޮތުން އިއްޔެ ބޭއްވި ވާޗުއަލް ކޮންފަރެންސެއްގައި މައިކްރޯސޮފްޓުގެ ބާނީ ވިދާޅުވި އެވެ. "މާކެޓާ އެއްގޮތަށް ވެކްސިން ދޫކުރުމަށް ވުރެ ހަމަހަމަކޮށް ލިބޭނެ އިންތިޒާމް ވެރިން ހަމަޖައްސަން ޖެހޭނެ."

ކޮރޯނާވައިރަހަށް ވެކްސިނެއް އުފެއްދުމަށް އެހީވުމުގެ ގޮތުން 7.4 ބިލިއަން ޑޮލަރު ދޭނެ ކަމަށް ގޭޓްސް ފައުންޑޭޝަނުން ވަނީ ބުނެފަ އެވެ.

ގޭޓްސް ވިދާޅުވީ ކޮރޯނާވައިރަހުގެ ސަބަބުން އެހެން ބަލިތަކުގެ ބޭސްތަކުގެ ސަޕްލައި އަށް ހުރަސް އެޅިފައިވާ ކަމަށެވެ. އެކަމަކު އެންމެ ފަހުން ކޮރޯނާވައިރަހާ ދެކޮޅަށް ކާމިޔާބު ހޯދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮރޯނާވައިރަހަށް ވެކްސިން އުފެއްދުމުގައި ރީސާޗަރުންނަށް ވަނީ ވަރަށް ބޮޑު އުއްމީދެއް ލިބިފައި،" ގޭޓްސް ވިދާޅުވި އެވެ.

ކޮރޯނާވައިރަހަށް މުޅި ދުނިޔޭން 12,847,293 މީހުން ޕޮޒިޓިވްވެ 567,734 މީހުން ވަނީ މަރުވެފަ އެވެ.