12 ޖުލައި 2020 - 15:19

ހޯ ޗީ މިން ސިޓީ (ޖުލައި 12) - ވިއެޓްނާމުގައި ކޮވިޑް-19 އަށް ފަރުވާ ދިން އެންމެ ހާލު ދެރަ ބަލި މީހާ، އެ ބަލިން މުޅިން ރަނގަޅުވެގެން އިނގިރޭސި ވިލާތަށް ހިނގައްޖެ އެވެ.

އޭނާ ސްކޮޓްލޭންޑަށް ދިޔައީ ބަލިން ރަނގަޅުވި ކަމަށް ޑޮކްޓަރުން ބުނިތާ ހަފުތާއެއް ފަހުންނެވެ.

ވިއެޓްނާމް އެއާލައިންސްގެ ޕައިލެޓެއްގެ ގޮތުގައި މަސައްކަތް ކުރި ސްޓެފަން ކެމަރޮން، 42، ވިއެޓްނާމުގައި ހުއްޓާ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ފެށި ފަހުން އޭނާގެ ހާލު ވަރަށް ދަށްވި އެވެ. ލައިފް ސަޕޯޓުގައި އޭނާ އަށް ވަނީ ދެ މަސް ދުވަހު ފަރުވާ ދީފަ އެވެ. ކެމަރޮން ސަލާމަތްވާނެ ކަމަށް އޮތީ 10 ޕަސެންޓް ޗާންސެއް ކަމަށް ޑޮކްޓަރުން ވެސް ބުނެފައިވެ އެވެ.
ހޯ ޗީ މިން ސިޓީގެ ހޮސްޕިޓަލުގައި ކެމަރޮން އަށް ފަރުވާ ދިން ހަތަރު މަސް ދުވަހު އޭނާގެ ފުއްޕާމޭ މަސައްކަތް ކުރީ 10 ޕަސެންޓެވެ. ވެންޓިލޭޓަރުގައި ވެސް އޭނާ 10 ހަފުތާ އޮތެވެ.
"ވިއެޓްނާމުގެ ރައްޔިތުންގެ ހެޔޮކަމަށްޓަކައި އަހަރެން ވަރަށް އުފާވި. ޑޮކްޓަރުންނާއި ނަރުން ވަރަށް ޕްރޮފެޝަނަލް،" ޗޯ ރޭ ހޮސްޕިޓަލުން ދޫކޮށްލުމުން ކެމަރޮން ބުންޏެވެ. "އެހެން ގައުމެއްގައި ނަމަ އަހަރެން ސަލާމަތްވާނެހެން ހިއެއް ނުވޭ."
އެ ހޮސްޕިޓަލުގެ އައިސީޔޫގެ ޑެޕިއުޓީ ހެޑް ޓްރަން ތަން ލިން ވިދާޅުވީ ކެމަރޮން އަށް ދީފައި ވަނީ ވިއެޓްނާމުން ލިބެން ހުރި އެންމެ ރަނގަޅު ފަރުވާ ކަމަށެވެ. އަދި ވިއެޓްނާމް ސަރުކާރުގެ އެންމެ އިސްވެރިންގެ ސަމާލުކަން ވެސް "ޕޭޝަންޓް 91" ގެ ގޮތުގައި މަޝްހޫރުވި ކެމަރޮން އަށް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ވިއެޓްނާމުން 370 މީހުން ޕޮޒިޓިވްވިއިރު އެ ގައުމުން އެއްވެސް މީހަކު މަރުވެފައެއް ނުވެ އެވެ. އެހެންވެ ކެމަރޮން އަށް ފަރުވާ ދިނުމުގައި އެ ގައުމުން ވަރަށް ބޮޑު އިސްކަން ދިނެވެ. އޭނާއާ ގުޅޭ ޚަބަރުތައް ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ކިޔަ އެވެ. ކެމަރޮންގެ ފުއްޕާމޭ ބަދަލު ކުރަންޖެހޭކަން ޑޮކްޓަރުން ބުނުމާ އެކު އޭނާ އަށް 59 މީހަކު ވަނީ ފުއްޕާމޭ ހަދިޔާ ކުރަން ހުށަހަޅައިފަ އެވެ.
ފެބްރުއަރީ މަހު ކުރީކޮޅު ކެމަރަން ވިއެޓްނާމަށް ދިޔަ ފަހުން، އޭނާ އަށް ކޮވިޑް-19 ޖެހުނު ކަމަށް ބެލެވެނީ ހޯ ޗީ މިން ސިޓީގެ "ބުއްދާ ބާ" އިން ކަމަށް ބެލެވެ އެވެ. އޭނާ ޕޮޒިޓިވްވިކަން އެނގުނީ މާޗް 18 ގަ އެވެ. ކޯމާ އިން އޭނާ ހޭއެރީ މެއި މަހު ފަހުކޮޅު އެވެ. އޭނާގެ ފަރުވާގެ ބިލް 150،000 ޑޮލަރަށް އަރަ އެވެ.