ޝިމާ ގެއްލުނު ސަރަހައްދު ކަނޑު އަޑިން ޑިންގީއެއް ފެނުނު ކަމަށް ބުނާތީ ހޯދަން ފަށައިފި
ޝިމާ ގެއްލުނު ސަރަހައްދު ކަނޑު އަޑިން ޑިންގީއެއް ފެނުނު ކަމަށް ބުނާތީ ހޯދަން ފަށައިފި

މިިދިޔަ އަހަރު ޝިމާ ނާފިޒް ގެއްލުނު ކަމަށް ބެލެވޭ ސަރަހައްދުގެ ކަނޑު އަޑިން ޑިންގީއެއް ފެނުނު ކަމަށް ރިޕޯޓްކޮށްފައި ވާތީ އެ ހޯދުމުގެ މަސައްކަތް ކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ލ. ފޮނަދު އިން އެ އަތޮޅު މާމެންދު އަށް ޑިންގީއެއްގައި ދަތުރު ކުރަނިކޮށް މިދިޔަ އަހަރު ފެބްރުއަރީ މަހު ޝިމާ، 19 ގެއްލުނީ އޭނާގެ އެކުވެރިއެއް ކަމަށްވާ އިބްރާހިމް ފަޒީލާ އެކު ދަތުރުކުރަނިކޮށެވެ. ލ. ގާދޫ ކަނޑުއޮޅިއަށް ޑިންގީ ބަންޑުން ޖަހާލައި ޝިމާ ގެއްލުނީ ކަމަށް، ސަލާމަތްވި ފަޒީލް ވަނީ ބުނެފަ އެވެ.

ޝިމާ ހޯދަން ފުލުހުން ދެ މަހެއްހާ ދުވަސް ވަންދެން މަސައްކަތް ކޮށްފައިވެ އެވެ.

ޑިންގީން ފަޒީލް ސަލާމަތްވީ ސިކްސް ސެންސަސް ރިސޯޓްގެ ފަރާ ހަމައަށް ދެވުމުން ކަމަށް އޭނ ބުނެފައިވެ އެވެ. މި ހާދިސާއާ ގުޅިގެން ޝިމާގެ އާއިލާއިންނާއި ބައެއް މީހުން ފަޒީލަށް ތުހުމަތުތަކެއް ކުރެ އެވެ. އޭނާ ބުނެފައި ވަނީ ޝިމާ ސަލާމަތްކުރަން އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މަސައްކަތްކުރި ކަމަށެވެ.

މި ހާދިސާގެ ފަހުން ޝިމާގެ ކޮއްކޮއަކު ގޮވައިގެން މާމެންދޫން އެހެން ދެ ފިރިހެނުންނާ އެކު ދަތުރެއްކުރަނިކޮށް ކަނޑުމަތިން ފަޒީލް ހުއްޓުވާފައިވެ އެވެ. އެ މައްސަލައިގައި އޭނާ ހައްޔަރުކުރުމަށް ފަހު ދޫކޮށްލާފައި ވަނިކޮށް މިދިޔަ އަހަރުގެ ޖޫން މަހު ފަޒީލް ވަނީ މީހަކު ރަހީނުކޮށް ފޭރެން އުޅުނު މައްސަލައެއްގައި ހައްޔަރުކޮށް ދައުވާކުރަން ފޮނުވައިފަ އެވެ. އޭނާ އެފަހަރު ފިލައިގެން އުޅެނިކޮށް ހައްޔަރުކުރީ ހުޅުމާލޭންނެވެ.

ފަޒީލަށް މީގެ ކުރިން ވެސް އެކި ދައުވާތައް ކޮށްފައި ވެ އެވެ. އޭގެ ތެރެއިން 2011 ވަނަ އަހަރު ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށާއި 2012 އަދި 2016 ވަނަ އަހަރު ވައްކަމުގެ ދެ މައްސަލައެއް ހިމެނެ އެވެ. ޣައިރު ގާނޫނީ އެއްވުމަކުން އަމާން ނަގާލުމުގެ ކުށުގެ ދައުވާއެއް 2012 ގައި، އޭނާގެ މައްޗަށް އުފުލި އެވެ.