22 އޮކްޓޯބަރ 2016 - 10:30

ކ. މަކުނުދޫ ރިސޯޓުން ސްނޯކްލިން އަށް ދިޔަ ދެ ޓޫރިސްޓަކު ގެއްލިގެން ހޯދަމުން އަންނަތާ ތިން ދުވަސް ވީއިރު އެ މީހުންގެ އެއްވެސް ހަބަރެއް ނުވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.
އެމްއެންޑީއެފުން ބުނީ ސްނޯކްލިން އަށް ދިޔަ އަންހެނަކާއި ފިރިހެނަކު ގެއްލިގެން އުޅޭ ކަމުގެ މައުލޫމާތު މިދިޔަ ބުދަދުވަހު ލިބުމާ ގުޅިގެން ވައިގެ މަގުންނާއި ކަނޑު މަގުން އެ މީހުން ހޯދަން ހުއްޓުމެއް ނެތި ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.
ދެ މީހުން ސްނޯކްލިންއަށް ދިޔައީ މަކުނުދޫ ރިސޯޓުގެ އުތުރު ފަރާތުން ކ. އެރިޔަދޫއާ ދިމާލަށް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ނަމަވެސް ގެއްލިގެން އުޅެނީ ކޮން ގައުމެއްގެ ބައެއް ކަމާއި އެއީ ދެމަފިރިން ކަމެއް ނުވަތަ ނޫން ކަމެއް ވެސް އެމްއެންޑީއެފުން ނުބުނެ އެވެ.
މި ދެ ފަތުރުވެރިންނާ ބެހޭ އެއްވެސް ހަބަރެއް ވޭތޯ ބަލައިދޭން އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދުތަކާއި ޑައިވް ކުރާ މީހުންނާއި ވޯޓާ ސްޕޯޓްސް ހަރަކާތްތައް ހިންގާ މީހުންނާއި ކައިރި ރަށްރަށުގައި ދިރިއުޅޭ މީހުންގެ އެހީއަށް އެމްއެންޑީއެފުން ވަނީ އެދިފަ އެވެ.
މޫދަށް އެރި އުޅުމުގެ ތެރޭގައި ޓޫރިސްޓުން ދޭތެރެ ދޭތެރެއިން މަރުވެ އެވެ. ފަހަކަށް އައިސް އެންމެ ގިނަ އަދަދަކަށް މަރު ވަނީ ޗައިނާ ޓޫރިސްޓުންނެވެ.