13 ޖުލައި 2020 - 07:35

ސުޕަސޮނިކް އެއާލައިނެއްގެ ގޮތުގައި މަޝްހޫރުވި އިނގިރޭސި-ފްރާންސްގެ ކޮންކޯޑްގެ ދަތުރުތައް ހުއްޓައިލިތާ 17 އަހަރު ފަހުން އަނެއްކާ ވެސް ކުންފުންޏަކުން ސުޕަސޮނިކް ޖެޓް ދަތުރުތަކަށް އަލުން ތައްޔާރުވާން ފަށައިފި އެވެ.
މި ފަހަރު މި ވިޔަފާރީގެ ތެރެއަށް ނުކުމެފައި ވަނީ އެމެރިކާގެ ޑެންވާގެ ކުންފުންޏެއް ކަމަށްވާ ބޫމް ސުޕަސޮނިކުންނެވެ. އެ ކުންފުނިން އުފެއްދި ސުޕަސޮނިކް ޖެޓްގެ ޕްރޮޓޯޓައިޕް XB-1, a 1:3 ގެ "އޯވަޗާ" ގެ ފުރަތަމަ ކޮމާޝަލް ދަތުރު އަންނަ އޮކްޓޯބަރު މަހުގެ 7 ގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ބޫމް ސުޕަސޮނިކުން ބުނި ގޮތުގައި ދަތުރުތަކުގެ ޓެސްޓް ފްލައިޓްތައް ފަށާނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ.
އެ ކުންފުނީގެ ބާނީ އަދި ސީއީއޯ ބްލޭކް ސްކޯލް ވިދާޅުވި ގޮތުގައި XB-1 އަލުން ވައިގެ ދަތުރުތަކަށް ނުކުތުމަކީ ސުޕަސޮނިކް ޖެޓްތަކުގެ ދަތުރުތަކަށް އަލަން އެޅޭ ބިންގަލެކެވެ.
"މީގެ މާނަ އަކީ އަހަރެމެން މިހާރު މި ކުރާ ދަތުރުތަކަށް ނަގާ ވަގުތުތަކަށް ވުރެ އެތައް ގުނަ އަވަހަކަށް ވައިގެ މަގުން ދަތުރުކުރުމުގެ ފުރުސަތޭ އަލުން މި ހުޅުވެނީ." އޭނާ ވިދާޅުވި އެވެ.
ބްލޭކް ވިދާޅުވި ގޮތުގައި ސުޕަސޮނިކް ޖެޓް އުފައްދާފައި ވަނީ ހާއްސަ ޓެކޮލޮޖީތަކާއި ހާއްސަ މެޓީރިއަލްތަކެއް ބޭނުންކޮށްގެން ކަމަށްވާތީ މިއީ ވަރަށް ވަރުގަދަ އުޅަނދަކަށްވާނެ އެވެ. އަދި މިއީ ސައްތައިން ސައްތަ ކާބަން ނިއުޓްރަލް އުފެއްދުމެއް ކަމަށް ވެސް ވިދާޅުވި އެވެ.
"އަހަރެމެންގެ އެންމެ ބޮޑު އެއް ޓާގަޓެކީ ވެސް ތިމާވެއްޓާ ރައްޓެހި އަދި އިގުތިސާދީ ގޮތުން ދެމެހެއްޓެނިވި ޖެޓެއް ދަތުރުތަކަށް ނެރުން،" ޖާގައިގެ ގޮތުގައި 55-75 ސީޓް ހުންނާނެ ޖެޓާ ބެހޭ ގޮތުން ބްލޭކް ވިދާޅުވި އެވެ. "އެހެންވީމާ އެ ދެ ބައި ކޮމްޕްރަމައިޒްކުރުމެއް ނޯންނާނެ."
ބޫމް އިން ބުނި ގޮތުގައި ސުޕަސޮނިކް ޖެޓްތަކަށް މިހާރު ވެސް އޯޑަރުތަކެއް ލިބިފައި އެބަހުއްޓެވެ. އެގޮތުން ކޮރޯނާ ވައިރަހުގެ ހާލަތު ކުރިމަތިވުމުގެ ކުރިން ހަ ބިލިއަން ޑޮލަރުގެ ޕްރީ-އޯޑަރު ލިބިފައިވާ ކަމަށް ބުންޏެވެ. އޯޑަރުކުރި ކުންފުނިތަކުގެ ތެރޭގައި އިނގިރޭސި މަހުޖަނު ރިޗަޑް ބްރޭންސަންގެ ވާޖިން ގްރޫޕާއި ޖަޕާން އެއާލައިންސް ހިމެނެ އެވެ.
ބޫމް ސުޕަސޮނިކުން ބުނިގޮތުގައި ޕްލޭންކޮށްފައި އޮތް ގޮތަށް ކަންކަންދާ ނަމަ ސުޕަސޮނިކް ޖެޓްތަކުގައި ޕެސެންޖަރުން 2030 ގައި ދަތުރުކުރަން ފަށާނެ އެވެ. އޭގެ މާނަ އަކީ މިސާލަކަށް އެމެރިކާގެ ނިއު ޔޯކުން އިނގިރޭސިވިލާތުގެ ލަންޑަނަށްދާ ނަމަ އެ ދަތުރު އެންމެ 15 މިޓަށް ކުރުވުމެވެ. މިހާރު އެ ދޭތެރޭގެ ވައިގެ ދަތުރަކަށް އެވްރެޖްކޮށް ހަތް ގަޑިއިރާއި 27 މިނިޓް ނަގަ އެވެ.