ޗެމްޕިއަންސް ލީގު ފައިނަލް ޔޫރަޕުން ބޭރަށް؟
ޗެމްޕިއަންސް ލީގު ފައިނަލް ޔޫރަޕުން ބޭރަށް؟

ނިޔޯން، ސްވިޒަލެންޑް (އޮކްޓޯބަރު 22) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ޔޫރަޕުން ބޭރުގައި ކުޅެވިދާނެ ކަމަށް ޔުއެފާގެ އާ ރައީސް އެލެކްސެންޑާ ކެފެރިން ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ ފައިނަލް ބޭއްވުމަށް ބިޑްކުރުމުގެ ފުރުސަތު ހުޅުވާލެވިދާނެ ކަމަށާއި އެކަމަށް ކުރިމަތިލުމެގެ ފުރުސަތު އެމެރިކާގެ ނިއު ޔޯކް ސިޓީ އަށް ވެސް އޮންނާނެ ކަމަށެވެ.

"މިއީ ހަމައެކަނި ހިޔާލަކަށް ވެސް ވެދާނެ. އެކަމާ ޖެހޭނީ މަޝްވަރާކުރަން،" ކެފެރިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މެޗު ބެލުމަށް އެމެރިކާ އަށް ދަތުރުކުރުން ސަޕޯޓަރުންނަށް މާބޮޑު މައްސަލައަކަށް ނުވާނެ ކަމަށެވެ.

"ޕޯޗުގަލް އިން އަޒަރުބައިޖާނަށް ދިއުމެކޭ އެއްވަރު ޔޫރަޕުން ނިއު ޔޯކް ސިޓީ އަށް ދިއުން ވެސް. އެކަމަކު މިއީ ޔޫރަޕުގެ ފައިނަލެއް އެހެންވީމާ މިކަމާ ވިސްނަން ޖެހޭނެ،" ކެފެރިން ވިދާޅުވި އެވެ.

މިހާރު އޮންނަ އުސޫލުގެ ދަށުން ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ބާއްވާނެ ސިޓީއެއް ކަނޑައަޅީ ބިޑްކުރުމެއް ނެތި ޔުއެފާ އިންނެވެ.

ޔުއެފާއާ ދާދި ފަހުން ހަވާލުވެވަޑައިގެންނެވި ކެފެރިން ވަނީ މުބާރާތުގެ މެޗުތައް ކުޅޭ ގަޑި ބަދަލުނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ހަފުތާގެ މެދުތެރޭގައި ޗެމްޕިއަންސް ލީގުގެ މެޗުތައް ކުޅޭއިރު މެޗުތައް އޮންނަނީ ޔޫރަޕް ގަޑިން ރޭގަނޑު ނުވައެއް ޖަހާއިރެވެ. އެއީ އޭޝިއާ އަށް ވަރަށް ދަން ގަޑިއެކެވެ. އެކަމަކު ކެފެރިން ވަނީ ސެމީ ފައިނަލް މެޗުތައް ހަފުތާ ބަންދަށް ބަދަލުކޮށްފާނެ ކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ. އެކަމަށް އޮތް ހުރަހަކީ ހަފުތާ ބަންދުގައި ޕްރިމިއާ ލީގާއި އަދި އެހެން ގައުމުތަކުގެ ލީގުގެ މެޗުތައް އޮތުމެވެ.

ޗެމްޕިއަންސް ލީގަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޔުއެފާ އިން އަންނަނީ ވިސްނަމުންނެވެ. އެގޮތުން ދާދި ފަހުން ވަނީ އިންގްލެންޑާއި ސްޕެއިނާއި އިޓަލީ އަދި ޖަރުމަން ލީގުގެ ގަދަ ހަތަރު ޓީމަށް މުބާރާތުގެ ގްރޫޕް ސްޓޭޖުން ސީދާ ޖާގައެއް ދޭން ނިންމައިފަ އެވެ.