ޓްރަމްޕް އެންމެފަހުން މާސްކް އަޅުއްވައިފި
ޓްރަމްޕް އެންމެފަހުން މާސްކް އަޅުއްވައިފި

ވޮޝިންޓަން (ޖުލައި 12) - ކޮވިޑް-19 ފެތުރެން ފެށި ފަހުން އާއްމު ތަނެއްގައި ފުރަތަމަ ފަހަރަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މާސްކް އަޅުއްވައިފި އެވެ.

ޓްރަމްޕް ވަނީ ވޮޝިންޓަނުން ބޭރުގައި ހުންނަ ވޯލްޓާ ރީޑް މިލިޓަރީ ހޮސްޕިޓަލަށް މާސްކް އަޅުއްވައިގެން ވަޑައިގެން، ޒަޚަމްވެފައިވާ ސިފައިންނާއި ހެލްތުކެއާ ވޯކަރުންނާ ބައްދަލު ކުރައްވައިފަ އެވެ.

"އަޅުގަނޑަކީ އެއްވެސް އިރެއްގައި މާސްކްއާ ދެކޮޅު މީހެއް ނޫން. އެކަމަކު އަޅުގަނޑު ގަބޫލް ކުރީ މާސްކް އަޅަން ޖެހޭ ވަގުތާއި ތަނެއް އަންނާނެ ކަމަށް،" ވައިޓް ހައުސް އިން ނުކުމެވަޑައިގަންނަވަމުން ޓްރަމްޕް ވިދާޅުވި އެވެ.

އެކަމަކު ޓްރަމްޕް ކުރިން ވިދާޅުވަމުން ގެންދެވީ އޭނާ މާސްކް ނާޅުއްވާނެ ކަމަށެވެ. އަދި މާސްކް އަޅުއްވާތީ ވާދަވެރި ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން އަށް ވަނީ ޖޯކް ޖައްސަވައިފަ އެވެ.

ނަމަވެސް ޓްރަމްޕް އިއްޔެ ވިދާޅުވީ ބައެއް ހާލަތްތަކުގައި ހޮސްޕިޓަލްގައި އުޅޭ އިރު މާސްކް އެޅުމަކީ މުހިންމު ކަމެއް ކަމަށެވެ.

އާއްމު ތަންތަނުގައި އުޅޭ އިރު މާސްކް އެޅުމަށް އެމެރިކާ ސެންޓަ ފޯ ޑިޒީޒް ކޮންޑްރޯލް (ސީޑީސީ) އިން މިދިޔަ އެޕްރީލް މަހު ލަފާދިން އިރު ޓްރަމްޕް ވިދާޅުވެފައި ވަނީ އޭނާ އެ ގޮތަށް އަމަލު ނުކުރައްވާނެ ކަމަށެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޓްރަމްޕުގެ އެޑްވައިޒަރުން ވެސް ވަނީ އާއްމު ތަންތަނުގައި މާސްކް އެޅުމަށް ލަފާދީފަ އެވެ.

އެމެރިކާގައި ކޮވިޑް-19 ގެ ހާލަތު ހައްތަހާ ދަނީ ގޯސްވަމުންނެވެ. ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ވަނީ ރެކޯޑް އަދަދެއް ކަމަށްވާ 66،528 މީހުން ޕޮޒިޓިވްވެފަ އެވެ. އެމެރިކާ އިން މިހާތަނަށް ވަނީ 3,355,646 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 137،403 މީހުން މަރުވެފަ އެވެ.