12 ޖުލައި 2020 - 11:17

އަންހެނުން ބާރުވެރިކޮށް މުއާސަލާތީ ހިދުމަތްތައް ބޭނުންކުރުމުގައި އެ މީހުންގެ ބައިވެރިވުން އިތުރު ކުރުމަށް ކުރިއަށްގެންދާ ބައިނަލްއަގްވާމީ ކެމްޕެއިން "ވިމެން ކޮމިޓްމަންޓް އިނީޝިއޭޓިވް" ގައި އުރީދޫން ދެ ވަނަ ފަހަރަށް ބައިވެރިވެއްޖެ އެވެ.
އެކި ގައުމުތަކުގެ 1،200 އަށް ވުރެ ގިނަ މޯބައިލް ކުންފުނި ހިމެނޭ ގްލޯބަލް ސިސްޓަމް ފޯ މޯބައިލް ކޮމިއުނިކޭޝަން އެސޯސިއޭޝަން (ޖީއެސްއެމްއޭ)ގެ އިސްނެގުމުގެ މަތިން ކުރިއަށް ގެންދާ ހާއްސަ ކެމްޕެއިންގެ ދެވަނަ ބުރު އޮންނާނީ މި އަހަރުން ފެށިގެން 2023 ވަނަ އަހަރަށެވެ. މީގެ ކުރިން 2016 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ހަމަ އަށް ވެސް އުރީދޫން މި ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށްގެންދިޔަ އެވެ.
އުރީދޫ މޯލްޑިވްސްގެ އިތުރުން އެހެން ގައުމުތަކުގެ 11 މޯބައިލް އޮފަރޭޓަރުން މި ކެމްޕެއިންގައި ބައިވެރިވެފައިވެ އެވެ. އޭގެ ތެރޭގައި ރިލަޔަންސް ޖިއޯ އާއި ޓެލެނޯ ޕާކިސްތާނާއި ވޮޑަކޮމް ކޮންގޯ އާއި ވޮޑަކޮމް ތަންޒޭނިއާ އާއި އޮރެންޖް ފައިނޭންސަސް މޯބައިލްސް ސެނެގޯލް ފަދަ ކުންފުނިތައް ހިމެނެ އެވެ.
މޯބައިލް ބޭނުން ކުރުމާއި މޯބައިލް އިންޓަނެޓް ބޭނުން ކުރުމުގައި އަންހެނުންނާއި ފިރިހެނުންގެ މެދުގައި އޮތް ފަރަގު ކުޑަކުރުމަށް މި ކެމްޕެއިންގެ ދަށުން މަސައްކަތްކުރާނެ އެވެ. ފަގީރު ގައުމުތަކާއި ތަރައްގީވަމުން އަންނަ ގައުމުތަކުގައި މޯބައިލް ފޯނު ބޭނުންކުރާ ފިރިހެނުންނަށް ވުރެ އަންހެނުން އަށް ޕަސެންޓް މަދެވެ. އަދި މޯބައިލް އިންޓަނެޓް ބޭނުންކުރާ އަންހެނުން 20 ޕަސެންޓް ދަށެވެ. މީގެ އިތުރުން މޯބައިލް މަނީ ނުވަތަ މޯބައިލް ފޯނު މެދުވެރިކޮށް ފައިސާ ބޭނުންކުރާ މިންވަރު ފިރިހެނުންނަށް ވުރެ އަންހެނުން 33 ޕަސެންޓް ދަށެވެ.
މޯބައިލް ފޯނު ބޭނުން ކުރުމުގައި ހުރި ފަގަރުތައް ނައްތާލުމުން މި ދާއިރާގެ އާމްދަނީ 12 ޕަސެންޓާއި 37 ޕަސެންޓާ ދެމެދުގެ އަދަދަކަށް އިތުރު ކުރެވޭނެ ކަމަށް ޖީއެސްއެމްއޭ އިން ބުނެ އެވެ.