12 ޖުލައި 2020 - 09:59

މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މަގާމުން ވަކިކުރި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މޮބައިލް ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ރޭ ގެންގޮސްފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ކޯޓު އަމުރެއްގެ ދަށުން އެ ތަކެތި ފުލުހުން އަތުލީ އަލީ ވަހީދު ދިރިއުޅުއްވާ އެ ޕާޓްމަންޓު ބަލައި ފާސް ކުރުމަށް ފަހު އެވެ.
ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވޭތީ، ވަޒީރުކަމުން އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވިޔަސް އެކަން ނުކުރެއްވުމުން މިދިޔަ ބުރާސްފަތި ދުވަހު މަގާމުން ވަކިކުރައްވާފައިވާ އަލީގެ މައްސަލައާ ގުޅޭ ގޮތުން، ފުލުހުން މިއަދު ބުނީ، އިލެކްޓްރޯނިކް ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހެކި ހޯދުމުގެ ކަންކަން ކުރިއަށް ގެންދާ ކަމަށެވެ.
ހެކި ހޯދަން މ. ފުރަހަނި، ރޭ ބަލައިފާސްކުރި ނަމަވެސް އެނގިފައިވާ ގޮތުގައި މީގެ ދުވަސްކޮޅެއް ކުރިން ފެށިގެން އެ ގޭގައި ދިރިއުޅުއްވަނީ އަލީ އެކަންޏެވެ.
އަލީގެ ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށް ބުނާ މުވައްޒަފުންގެ އަދަދު 10 އަށް ވުރެ މައްޗެވެ. ސަރުކާރުގެ ރަސްމީ އިދާރާއެއްގެ ތެރޭގައި، ކަންބޮޑުވާން ޖެހޭ މި މައްސަލަ ޖެންޑާ މިނިސްޓްރީ އަށާއި ރައީސް އޮފީހަށް ހުށަހެޅީ މި މުވައްޒަފުން އަމިއްލަ އަށެވެ.
އެ މައްސަލައިގެ ތުހުމަތުގައި އަލީއާއެކު، ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑައިރެކްޓަރު މުހައްމަދު ހައްސާން ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ.
މި ތުހުމަތުތަކާ ގުޅިގެން ސީދާ ޖަވާބެއް ނުދެއްވިޔަސް އަލީ ވިދާޅުވެފައި ވަނީ ވަގުތު ޖެހުމުން ހަގީގަތް ހާމަވާނެ ކަމަށެވެ. ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި މީގެ ކުރިން ރާއްޖޭގައި ވަޒީރަކު މަގާމުން ވަކިކޮށްފައެއް ނުވެ އެވެ.
ޖިންސީ ގޯނާގެ ތުހުމަތާއެކު އަލީ މަގާމުން ވަކިކޮށްފައިވާއިރު، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރައީސް ކަމުން ވެސް އޭނާ ވަކިކުރަން ވަނީ ހުށަހަޅައިފަ އެވެ. މީގެ ދުވަސްކޮޅެއް ކުރިން ޓްރާންސްޕޯޓް މިނިސްޓަރު، އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުން އައިޝަތު ނަހުލާ އަށް ވެސް އަލީ ޖިންސީ ފުރައްސާރަކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވި އެވެ.